ރެލިގޭޝަންގެ ބިރުވެރިކަން އޮތް އެވަޓަންގެ އަތް ދަށުވެ ޔުނައިޓެޑަށް ހާސްކަން

މިރޭ ޔުނައިޓެޑުން ކުޅުނު މެޗުގެ ތެރެއިން

އިންގިރޭސި ޕްރިމިއާ ލީގުގައެ ރެލިގޭޝަން ޒޯންގެ ބިރުވެރިކަން އޮތް އެވަޓަން އަތުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑަށް އިތުރު ހާސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

އެވަޓަންގެ ދަނޑުގައި ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވީ 1-0 ނަތީޖާއަކުންނެވެ.

މިރޭގެ މެޗަށް ނިކުތްއިރު އެވަންޓަން އޮތީ 45 ޕޮއިންޓާއެކު ރެލިގޭޝަންގެ ބިރުވެރިކަން މަތީގައެވެ. އަދި ޔުނައިޓެޑް އޮތީ 51 ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައެވެ.

މިރޭގެ މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ޔުނައިޓެޑްގެ މާކުސް ރަޝްފޯޑު ފޮނުވާލި ހަމަލާ އެވަޓަންގެ ކީޕަރު ޖޯޑަން ޕިކްފޯޑު ވަނީ މަތަކޮށްފައެވެ. އޭގެ ހަތަރު މިނެޓު ފަހުން ރަޝްފޯޑު ފޮނުވާލި ހަމަލާ ވެސް ޕިކްފޯޑު ވަނީ މަތަކޮށްފައެވެ.

މެޗުގައި ފެނުނު ހަމައެކަނި ލަނޑު އެވަޓަންއަށް ޖަަހައިދިނީ އެންތަނީ ގޯޑަންއެވެ. އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ގޯލަށް ވަނީ އެ ޓީމުގެ ކެޕްޓަން ހެރީ މެގުއާގެ ފައިގައި ޖެހިފައެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޔުނައިޓެޑުން ވަރަށް މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް ގޯލެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ހަމަލާ ޕިކްފޯޑު ވަނީ މަތަކޮށްފައެވެ.

މެޗުން މޮޅުވެ އެވަޓަން އޮތީ 28 ޕޮއިންޓާއެކު 17 ވަނައިގައެވެ. ޔުނައިޓެޑް އޮތީ 51 ޕޮއިންޓާއެކު ހަތް ވަނައިގައެވެ. މިއީ ގަދަ ހަތަރަކުން ޖާގަ ހޯދައި، އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދުމަށް މަސައްކަތްކުރާ ޔުނައިޓެޑަށް އިތުރު ހާސްކަމެއް ލިބޭނެ ނަތީޖާއެކެވެ.

comment ކޮމެންޓް