އަހަރެމެން އުޅެންވީ ގޮތް އެންމެ ފުރިހަމައަށް ބަޔާންކޮށްދޭ ބަސްފުޅު (1)

-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ﷲ ރުއްސުން ލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީސް ކުރެއްވިއެވެ.

«لَا تَحَاسَدُوا، وَلَا تَنَاجَشُوا، وَلَا تَبَاغَضُوا، وَلَا تَدَابَرُوا، وَلَا يَبِعْ بَعْضُكُمْ عَلَى بَيْعِ بَعْضٍ، وَكُونُوا عِبَادَ اللهِ إخْوَانًا، الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ، وَلَا يَكْذِبُهُ، وَلَا يَحْقِرُهُ، التَّقْوَى هَاهُنَا، وَيُشِيرُ إلَى صَدْرِهِ ثَلَاثَ مَرَّاتٍ، بِحَسْبِ امْرِئٍ مِنْ الشَّرِّ أَنْ يَحْقِرَ أَخَاهُ الْمُسْلِمَ، كُلُّ الْمُسْلِمِ عَلَى الْمُسْلِمِ حَرَامٌ: دَمُهُ وَمَالُهُ وَعِرْضُهُ» (ބުޚާރީ: 6064 ، މުސްލިމް: 2564) މި ހަދީސްގައި އެކުލެވިގެންވާ މާނައަކީ: "ތިޔަބައިމީހުން އެކަކު އަނެކަކާ ހަސަދަވެރިނުވާށެވެ! އަދި ތިޔަބައިމީހުން، އެއްޗެތި ގަތުމުގެ ގަސްތަކާނުލައި އޭގެ އަގު ނުއުފުލާށެވެ! އަދި އެކަކު އަނެކަކާ ރުޅިވެރި ނުވާށެވެ! އަދި އެކަކުއަނެކަކަށް ފުރަގަސް ނުދޭށެވެ! އަދި އެއްބަޔަކު އަނެއްބައެއްގެ ވިޔަފާރީގެ މައްޗަށް ވިޔަފާރިނުކުރާށެވެ! އަދި ﷲ ގެ ތިޔަ އަޅުތަކުން އަޚުންތަކެއްކަމުގައި ވާށެވެ! އެއްމުސްލިމަކީ އަނެއް މުސްލިމުގެ އަޚާއެވެ. އޭނާގެ އަޚާއަށް އަނިޔާވެރިއެއްނުވާނެއެވެ! އަދި (އޭނާއަށް ނަސްރުވެރިވާން ޖެހޭ ހިނދު، ނަސްރުނުދީ) ނިކަމެތިވާން ދޫކޮށެއްނުލާނެއެވެ. އަދި އޭނާއަށް ދޮގެއް ނުހަދާނެއެވެ. އަދި އޭނާ ދަށްކޮށެއްނުލާނެއެވެ. ތަޤުވާވެރިކަން ވަނީ މިތަނުގައެވެ." މިހެން ހަދީސް ކުރައްވައި އެކަލޭގެފާނުގެ މޭފުޅަށް ތިންފަހަރު އިޝާރާތްކުރެއްވިއެވެ. އަދި އެއަށްފަހުގައި ހަދީސްކުރެއްވިއެވެ. "މީހެއްގެ ނުބައިކަމަށް، އޭނާގެ މުސްލިމް އަޚާ ދެރަކޮށް ދަށްކޮށްލުން ފުދެއެވެ. މުސްލިމެއްގެ ހުރިހައި ކަމެއް ވަނީ އަނެއް މުސްލިމާއަށް ހަރާމްވެގެންނެވެ. އޭނާގެ ލެޔާއި، މުދަލާއި އަބުރެވެ."

މަތީގައި އެވަނީ އަހަރެމެން ދިރިއުޅެންވީ ގޮތް އެންމެ ފުރިހަމައަށް، އެންމެ ޝާމިލުކޮށް ބަޔާންކޮށްދީފައިވާ ހަދީސްކަމަށް ބުނެވިދާނެއެވެ. މި ހަދީސްފުޅުގައިވާ ކަންތައްތަކަށް ސަމާލުކަން ދީފިނަމަ، އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބޭނެކަން ކަށަވަރެވެ. ހަދީސްފުޅުގައި އެވާ ކަންތައްތަކަށް ވަކިވަކިން ބަލައިލަމާ ހިނގާށެވެ.

ފުރަތަމަ ކަންތައް: "ތިޔަބައިމީހުން އެކަކު އަނެކަކާ ޙަސަދަވެރިނުވާށެވެ." ހަސަދަވެރިވުމަކީ އެހެންމީހަކަށް ލިބިފައިވާ ނިއުމަތެއް އޭނާގެ ކިބައިން ފިލައި ދިއުމަށް އެދުމެވެ. ބައެއް ފަހަރަށް އަނެކާގެ ނިއުމަތް އޭނާގެ ކިބައިން ފިލައިދިއުމާއެކު، ހަމަ އެކަންތައް ތިމާއަށް ލިބުމަށް ހަސަދަވެރިޔާ އެދެއެވެ. މިގޮތަށް އެ ނިއުމަތް ތިމާއަށް ލިބުމަށް އެދުނަސް ނުވަތަ ނޭދުނަސް، އެއީ ހަރާމް ކުރައްވާފައިވާ ހަސަދައެވެ. މިއާ ވައްތަރު، ނަމަވެސް ހުއްދަ ހާލަތެއް އޮވެއެވެ. އެއީ ހަސަދަވެރިކަމާ ޚިލާފަށް، އެހެންމީހަކަށް ލިބިފައިވާ ނިއުމަތެއް އޭނާގެ ކިބައިން "ފިލައި ދިއުމަށް ނޭދި" ހަމަ އެފަދަ ނިއުމަތެއް ތިމާއަށްވެސް ލިބުމަށް އުންމީދު ކުރުމެވެ. މި ހާލަތު ހުއްދަކަން ސައްހަ ހަދީސުން ސާބިތުވެއެވެ.(ބުޚާރީ: 73) ހަސަދަވެރިކަމަކީ ހިތުގެ އަމަލަކަށްވާތީ، ހަސަދަވެރިޔާ އަމިއްލައަށް އެވާހަ ބުނުމުންނޫނީ، އޭނާ އެވަނީ އަނެކާއާމެދު ހަސަދަލައިގެން ކަމެއް މީހުންނަކަށް ނޭނގޭނެއެވެ. ވީމާ، މުޖުތަމައުގައި މިކަން އޮތް މިންވަރެއް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ.

ދެވަނަ ކަންތައް: "... ތިޔަބައިމީހުން، އެއްޗެތި ގަތުމުގެ ގަސްތަކާނުލައި އޭގެ އަގު ނުއުފުލާށެވެ!" މިއީ ނީލަން ކިޔުން ފަދަ، ގިނަ މީހުން އަގު ހުށައަޅައިގެން އެއްޗެތި ގަނެވިއްކުމުގައި މީހުން ކޮށްއުޅޭ ކަމެކެވެ. ތިމާ އެ މުދާ ގަތުމުގެ ނިޔަތެއް ނެތި ނީލަމުގައި ބައިވެރިވެގެން، މީހަކު އަގެއް ހުށައަޅާއިރަށް އެއަށްވުރެ ބޮޑު އަގެއް ހުށައަޅަނީއެވެ. މިހެން ހެދީމައި، ހަގީގަތުގައިވެސް އެ މުދާ ގަންނަން ބޭނުންވެގެން އުޅޭ ފަރާތަށް ޖެހޭނީ އެއަށްވުރެ މަތީ އަގެއް ހުށައަޅާށެވެ. މިފަދައިން، ޖެއްސުމަށް އަގުހުށައަޅާ ފަރާތުން ތިން މަގުސަދެއްގައި އެކަން ކޮށްފާނެއެވެ. މުދާ ގަންނަން އުޅޭ ފަރާތަށް ގެއްލުން ދިނުން ނުވަތަ މުދާ ވިއްކާ ފަރާތަށް ފައިދާ ހޯދައިދިނުމުގެ ނިޔަތުގައިކަމަށް ވެދާނެއެވެ. ނޫނީވިއްޔާ އެއީ މަޖަލަކަށް އޭނާ ކުރާ ކަމަކަށްވެސް ވެދާނެއެވެ. މިކޮންމެ ނިޔަތެއްގައި ކަމަށްވިޔަސް، އެއީ ކުރުން އެކަށީގެންވާ ކަމެއްނޫނެވެ. އެގޮތަށް އަގު އެރުވީމައި، އެ މުދާ ގަންނަން ބޭނުންވާ ފަރާތަށް އެ ލިބެނީ ގެއްލުމެވެ. ވުމާއެކު، އެކަން އެވަނީ ހަރާމް ކުރައްވާފައެވެ.

ތިންވަނަ ކަންތައް: "... ތިޔަބައިމީހުން އެކަކު އަނެކަކާ ރުޅިވެރި ނުވާށެވެ!" އެއްމުސްލިމަކު އަނެއް މުސްލިމަކާ ރުޅިވެ ވާހަކަ ނުދައްކައި ތިންދުވަހަށް ވުރެ ގިނަ ދުވަހު ހުރުންވަނީ ނަހީކުރައްވާފައެވެ. ދެމީހެއްގެ ދެމެދުގައި މައްސަލައެއް އުފެދިއްޖެނަމަ އޮތީ ވީ އެންމެ ރަނގަޅަކަށް އެކަމެއް ހައްލުކޮށް ސުލުހަ ވުމެވެ.(ބުޚާރީ: 6077) ރުޅިވެރިކަމުގައި އެކަކު އަނެކަކާ އަނގައިން ނުބުނެ އުމުރު ހުސްކޮށްލުމީ މުސްލިމުންގެ ސިފައެއްނޫނެވެ. ހަމަ މިއާ ވިދިގެން ދެން އަންގަވާފައި އެވަނީ އެކަކު އަނެކަކަށް ފުރަގަސް ނުދިނުމަށެވެ! ކުރިން ނުލާހިކު އެކުވެރިކަމާއެކު އުޅެފައި ދެބަސްވެ އަދާވާތްތެރިވުމަށްފަހު، އެކަކު އަނެކަކާ ބައްދަލުވާ ހިނދު، ނުފެންނަ ކަމަށް ހަދައި މޫނު އަނބުރައިލެވޭތަން އާދެއެވެ. ސިޔާސީ ޚިޔާލު ތަފާތުވުމުގެ ތެރެއިން މިކަންތައް ވަނީ އަހަރެމެންގެތެރޭގައި ހައްދު ފަހަނައަޅައި ގޮސްފައެވެ. ތަފާތު ޚިޔާލުތަކާއެކުވެސް އުޅެވެންޖެހޭނެކަމަށް ގަބޫލު ކުރެވުނަސް، އަމަލުތައް ފެންނަނީ މިއާ އިދިކޮޅަށެވެ. ސިޔާސީ ވާދަވެރިކަމުގައި، ރަޙިމުގެ ގުޅުމާއި ރަޙުމަތްތެރިކަމުގެ ގުޅުންތައް ކަނޑައި، އަދާވާތްތެރިންގެ ގޮތުގައި ދުވަސްތައް ގުނަމުން ދަނީ ކިތައް މީހުންހެއްޔެވެ؟ މިއީ އެކަކު އަނެކަކަށް ފުރަގަސް ދިނުމެވެ. އެކަން އެވަނީ ނަހީކުރައްވާފައެވެ.

ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ދުނިޔެވީ ވަގުތީ މަންފާއަކަށްޓަކައި އުފައްދާ ގުޅުމަކީ ހަގީގީ ގުޅުމެއްނޫނެވެ. ބޭނުންވެގެން އެ އުޅުނު ކަމެއް ފުދުމުން (ނުވަތަ ނުފުދުނަސް) އިސާހިތަކު އެ ގުޅުން(ތައް) ކެނޑިގެންދާނެއެވެ. ވަގުތީ ބޭނުމަކަށްޓަކައި ގުޅިގެން އުޅޭ މީހުންގެ ފަރާތުން ކޮންމެވެސް ކަހަލަ އެހީތަކެއް ފަހަރެއްގައި ލިބިވެސްދާނެއެވެ. އެހެންނަމަވެސް އެއީ ތިމާއާ "އަސްލު ގުޅުމެއް" އޮތް ބަޔަކަށް ނުވާތީ، ދުވަސްކޮޅަކުން އެ އެންމެން ގެއްލިގެން ދާނެއެވެ. އާޚިރު ނަތީޖާއަކަށްވާނީ، ލަދުވެތިކަމާއެކުވިޔަސް، ތިމާގެ ހަގީގީ އަހުލުވެރިންގެ ގާތަށް ދާން ޖެހުމެވެ. ރަޙިމުގެ ގުޅުމަކީ ތިމާގެ އުފެދުމުން އައިސްފައިވާ އަސްލު ގުޅުންކަމަށްވާތީ، އެމީހުންގެ އެހީތެރިކަން ހޯދަން ޖެހުމެވެ. ދުވަހަކުވެސް އެމީހުންގެ ގާތަށް ނުދާނެ ކަމަށް ހުވާކޮށްގެން ހުންނަ މީހާވެސް، ތިމާގެ އާއިލާގެމީހާ މަރުވީމައި...... ލޮލުން ކަރުނަ އޮހޮރޭ ހާލު، މޫނު ދެކިލަން ދާކަމީ ފެންނާން އޮތް ހަގީގަތެކެވެ. ވީމާ، މިހިސާބަށް ދިއުމުގެ ކުރިން، ހަދީސްފުޅުގައި އެވާ އަމުރަށް ކިޔަމަންތެރިވަމާ ހިނގާށެވެ! "... ތިޔަބައިމީހުން އެކަކު¬ އަނެކަކާ ރުޅިވެރި ނުވާށެވެ! އަދި އެކަކުއަނެކަކަށް ފުރަގަސް ނުދޭށެވެ!"
(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް