މަތިވެރިއާއި ރޯދަމަސް 2

ހާރުދަމުގެ ކެއުމަކީ ރޯދައަށް ހުރުމަށްޓަކައި އެންމެ ބޭނުންތެރި ކެއުން --

"މަތިވެރިއާއި ރޯދަމަސް"ގެ ނަމުގައި ގެނެސްދޭ ސިލްސިލާގެ ދަށުން، މި ފަހަރުގެ ލިޔުން ޚާއްޞަކޮށްލާނީ، މަތިވެރީގައި މީގެ އަހަރުތަކެއް ކުރީން، ހާރުކެއުމުގެ ކަންކަން ކުރެވެމުން އައި ގޮތްތަކުގެ މައްޗަށެވެ. އޭގެތެރޭގައި ހާރަށް ތައްޔާރުކުރާ ކާބޯތަކެއްޗާއި ހާރު ކެއުމުގެ ކަންކަން ހިނގާ ގޮތުގެ މައްޗަށް ވެސް އަލިއަޅުވައިލާނަމެވެ.

ހާރުކެއުމަކީ ރޯދައަށް ހުރުމަށް ޓަކައި ކާ އެންމެ ފަހުގެ ކެއުމަށް ކިޔާ ނަމެކެވެ. އެހެންކަމުން މި ކެއުން ވީހައިވެސް ރަނގަޅުކުރަން ކޮންމެ މީހަކުވެސް މަސައްކަތްކުރެއެވެ. އެ މީހެއްގެ ފެންވަރުން، ވީ އެންމެ ރަނގަޅަކަށް، ހާރަށް ކާބޯތަކެތި ތައްޔާރުކުރުމަކީ، އެ ޒަމާނުގައި ވެސް މަތިވެރީގެ ރައްޔިތުން ސަމާލުކަންދޭ ކަމެކެވެ. އަތްމަތި ތަނަވަސް މީހުންގެ ސުފުރާމަތި ފެންނާނީ ތަނަވަސްކޮށެވެ.

އެ ދުވަސްވަރު މަތިވެރީގައި ހާރަށް ތައްޔާކުރުކުރާ މައިގަނޑު ބާވަތްތަކަކީ، ބަތާއި މަސްރިހައާއި ކިރުހަކުރާއި ފިހުނުމަހާއި ތެއްލިރިހާކުރާއި ބަތްޕެނެވެ. މި ނޫން ބާވަތެއް ވެސް ހުރެދާނެއެވެ. އެހެންނަމަވެސް އާންމު ބާވަތްތަކަކީ މިއެވެ. ލިބޭ މީހުން ހަމަ ކޮންމެ ރެއެއްގެ ހާރަށް ވެސް، މި ބާވަތްތައް ހަމަކުރެވޭތޯ ބަލައެވެ. އެންމެ ނިކަމެތިމީހާ ވެސް ބަތްޕެން ކައްކާނެއެވެ. ބަތްޕެނަކީ ހަމަ ކޮންމެހެން ވެސް ހުންނާން މަޖުބޫރު އެއްޗެއް ކަމަށް އެ މީހުން ދެކެއެވެ. ބަތްޕެއް ނުބޮއިފި ނަމަ ރޯދަވަރުބަލިކަން ވަރަށް ބޮޑުވާނެތީއެވެ.

މަތިވެރީގައި އެ ޒަމާނުގައި ހާރާ ގުޅިފައި އޮންނަ އެންމެ ރަނގަޅު ކަމަކީ، ލިބޭ މީހުން، ނުލިބޭ މީހުންނަށް ފޯރުކޮށްދޭ އެހީތެރިކަމެވެ. ފޯރާ މީހުން އެ ގޭގޭގައި ތައްޔާރުކުރާ ކާބޯތަކެތި، ނިކަމެތިންނަށް ފޯރުކޮށްދީ، އެ ބައިމީހުން އުފާކޮށްދިނުމަކީ، ޢާންމު ކަމެކެވެ. މި ކަމުގައި ޚާއްޞަކޮށް ޢާއިލާގެ މީހުންނާއި އަވައްޓެރިންނަށް ދޭ އިސްކަން ބޮޑުކުރެއެވެ. އެއް ގެއިން އަނެއް ގެއަށް ކައި އެއްޗެއް ބަލައި އަޔަސް، އެ އެއްޗެއް އެ ބަޔަކަށް އުފަލާ އެކު، ފޯރުކޮށްދެއެވެ. ފުސްމޫނެއް ނުދައްކާނެއެވެ. އެހެންކަމުން ނުލިބޭ މީހާގެ ހާރުސުފުރާމަތި ވެސް ފެންނާނީ ތަނަވަސްކޮށެވެ.

ހާރަށް މަސްފިހުމަކީ ވަރަށް ގިނަ ގޭގޭގައި ކުރާ ކަމެކެވެ. ބައެއް ގޭގޭގައި މި ކަންކުރަނީ ހަވީރުގެ ވަގުތުގައެވެ. އަނެއް ބަޔަކު އިޝާ ނަމާދުން ފައިބައިގެން ގެއަށް އައިސް، ތަރާވީސްދަމުގެ ކެއުމަށް ފަހުގައެވެ. އާންމުކޮށް ފިހެ އުޅޭނީ ކޮންމެވެސް ބާވަތެއްގެ ފަރު މަހެކެވެ. ފަރުމަހެއް ނުލިބިއްޖެ ނަމަ، ކަނޑުމަސް، ލައްޓި ނުވަތަ ރާގޮނޑި ވެސް ފިހެއެވެ.

މަސްފިހުމަށް ޓަކައި ފުރަތަމަ ކުރާ ކަމަކީ، މަސްކެނޑުމެވެ. ފިހަން މަސްކަނޑާނީ ތަފާތު ގޮތަކަށެވެ. އެގޮތުން މަހުގެ ހުޅުނބުޖަހައި ބަނޑު ފަޅައި ގޮހޮރު ނެގުމަށްފަހު، މަހުގައި ޅިޔައަޅާނީއެވެ. އެއަށްފަހު ތައްޔާރުކޮށްފައި ހުންނަ ލޮނުމިރުސްގަނޑެއް މަހުގައި އަޅައި، އުލަކަށް މަސް އަމުނައިލަނީއެވެ. އުލަށް މަސް އަމުނާ ގޮތަކީ، މަހުގެ އަނގައިން ވައްދާ އޫ، މަހުގެ ނަގޫކައިރިން ނެރުމެވެ. މި އޫ ހަދާފައި ހުންނަނީ ރުކުގެ އޮށިންނެވެ.

އެ ދުވަސްވަރު މަސް ފިހެ އުޅުނީ ގޯތިތެރޭގައި ނާށި އަންދައިގެންނެވެ. ރޭގަނޑު މަސްފިހާ ނަމަ، ނާށިތައް ރޯވެ އަނދާންފަށާ ވަގުތު، އަލިފާނުގެ ރަތް އަލި މުޅި ހިސާބަށް ފެތުރިގަނެއެވެ. އަވައްޓެރި ގޭގޭގެ ކުދިން، އެ ތަނަށް ނިކުމެ ކުޅެ، ސަކަރާތްޖަހައި، މަޖާކޮށް ހެދުމަކީ ވަރަށް އާންމުކަމެވެ. ނާށިތައް އަނދައި ހުލިވުމުން ފެންޖަހައި، ނާށިއަނގުރުތައް ކޮންމެވެސް ވަރަކަށް ނިވާލުމަށްފަހު، އުލަށް އެމުނި މަސް ގެނެސް، އަނރުތަކުގައި ނުޖެހޭނޭހެން ބާއްވަނީއެވެ. މަސް ރަނގަޅަށް ފިހެވުމުން ނަގައި ހާރަށް ރައްކާކުރަނީއެވެ.

ދީން ބާރުއަޅަނީ ހާރު ކެއުން ވީހައި ވެސް ފަސްކުރުމަށެވެ. އެހެންކަމުން މިހާރެކޭ އެއްފަދައިން އެ ޒަމާނުގައި ވެސް މީހުން ހާރުކައި އުޅުނީ ފަސްކޮށެވެ. އެގޮތުން މަތިވެރީގައި ވެސް އެކަން ކުރެވެމުން އައީ އެ ގޮތަށެވެ. ހާރަށް ބޭނުންވާ ކައިބޯތަކެތި ތައްޔާރުކުރުމަށްފަހު، ގިނަ މީހުން ނިދަނީއެވެ.

އެ ޒަމާނަކީ ކަރަންޓެއް ނެތް ފުޅި ބައްތީއާއި އަތްބައްތީގެ ޒަމާނެވެ. ނިދާފައި އޮންނަ މީހާއަށް ގޮވައިލާނެ ސޯނާ ގަޑިއެއް، އެލާމް ސިސްޓަމެއް ނުހުރެއެވެ. މަދު ގެއެއްގައި ނޫނީ ވަގުތު އެނގޭނޭ ވަސީލަތެއް ވެސް ނުހުރެއެވެ. އެހެންކަމުން ހާރުކެއުން ފަދަ ކަންކަންކުރާންވީ ވަގުތު ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށް ޓަކައި، މަތިވެރީގައި ކުރާ ކަމަކީ ސަންގު ފުމުމެވެ. ރޯދަމަހުގެ ކޮންމެ ރެއަކު ދޭއް ޖެހުމުން، ސަންގު ފުމެން ހަމަޖައްސާފައި ހުންނަ މީހަކު ތެދުވެ، "ހާރުސަންގު" ފުމޭނެއެވެ. އެ ސަންގުގެ އަޑު ކަންފަތުގައި ޖެހުމާ އެކު، ހާރުކާންފަށާ ގަޑި ޖެހުނީކަން ރައްޔިތުން ދެނެގަންނާނެއެވެ.

ސަންގު ފުމޭއަޑު އިވޭ މީހުން، އެންމެ އިސްކަމަކަށް ހަދަނީ، އެ މީހުންގެ އާއިލާގެ މީހުންނާއި އަވައްޓެރިން ހޭލައިފިކަން ކަށަވަރު ކުރުމެވެ. ރަށުތެރެއަށް ވެރިވެފައި އޮންނަ އަނދިރިކަމާއި ހަމަހިމޭންކަމުގެ ތެރެއިން، މީހުން ހޭލައި އުޅޭ ގޭގެއާއި ހޭލައި ނޫޅޭ ގޭގެ، ވަރަށް ފަސޭހައިން ދެނެގަނެވެއެވެ. ބައްތީގެ އަލި ހުންނަ މިންވަރުންނެވެ. ވާހަކަ ދައްކާއަޑުންނެވެ. ތަށިސަމުސާ ތެޅުވޭ އަޑުންނެވެ. މި ފަދަ ނިޝާނެއް ނުފެންނަ ކޮންމެ ގެއެއްގެ ކައިރިއަށް ގޮސް، އެ ގޭ މީހުންނަށް ގޮވައި ހޭލެއްވުމަކީ، އޭރު ހޭލައި އުޅޭ މީހުންގެ ވާޖިބެއްކަމުގައި އެ މީހުން އައީ ދެކެމުންނެވެ. މި ކަމަށް އާންމުކޮށް ނިކުންނާނީ ފިރިހެނުންނެވެ. އަންހެނުން އުޅޭނީ ކާން ހެދުމުގެ މަސައްކަތުގައެވެ.

މީހުންނަށް ހާރަށް ގޮވާފައި ފިރިހެންވެރިން ގެއަށް އަންނައިރު، އަންހެންވެރިން ތިބޭނީ ހާރަށް ތައްޔާރުކޮށްގެންނެވެ. ބަތްފިޔަފާޅީގައި ފުއްބޮޑުކޮށްފައި ހުންނަ އަތްބައްތީގެ ރަތް އަލީގައި ތިބެ، އެންމެން ހާރުކެއުމުގެ މަސައްކަތް ފަށާނީ އެހައި ހިސާބުންނެވެ. ފުރަތަމަ ކާނީ ކުޑަކުދީންނާއި ފިރިހެނުންނެވެ. އަންހެނުން ކާން ފަށާނީ، އެ މީހުން ކައި ނިމުމުންނެވެ. ކައި ނިންމާފައި ތަށިތައްނަގައި ދޮވެ ސާފުކޮށް ހެދުމުގައި އުޅޭނީ އަންހެންވެރިންނެވެ. އެހައިތަނުން ހާރުކެއުން ނިމުނީއެވެ.

comment ކޮމެންޓް