ސީޕްލޭން ކައިރި ޑްރޯން އެރުވި މައްސަލަ ސިވިލް އޭވިއޭޝަނުން ބަލަނީ

ސީޕްލޭނެއްގެ ކައިރިން ނަގާފައިވާ ޑްރޯން ވީޑިއޯ ---

ހުޅުލެއަށް ޖައްސަން ދިޔަ ސީޕްލޭން ތަކެއްގެ ކައިރިން ޑްރޯނެއް ދުއްވައި ވީޑިއޯކުރި މައްސަލަ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބަލަން ފަށައިފިއެވެ.

އެ އޮތޯރިޓީގެ އިންފޯމޭޝަން އޮފިސަރު އިބްރާހީމް މުޙައްމަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ ސަމާލުކަމަށް އައުމާއެކު، ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށެވެ.

https://sun.mv/163883

އިބްރާހީމް ވިދާޅުވީ މަތިންދާބޯޓު ދުއްވާ ސަރަހައްދުތަކުގައި ހުއްދަ ނެތި ޑްރޯން ދުއްވުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތަށް ހުރަސްއެޅޭނެ ކަމެއް ކަމަށެވެ.

"އެފަދަ ކަމެއް އެއްވެސް ބޭފުޅަކު ގަސްދުގައި ނުކުރައްވާނެކަމަށް އުންމީދުކުރަން، ގަސްދުގައި އެފަދަ ކަމެއް ކުރުމަކީ ގާނޫނީ ފިޔަވަޅު އެޅޭނެ ކަމެއް" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވަނީ ވައިގެ ދަތުރުފަތުރަށް ހުރަސް އެޅޭ ފަދަ ކަންކަމުން ޑްރޯން ދުއްވާ މީހުން އެއްކިބާވެ ތިބުމަށް އިލްތިމާސް ކުރައްވާފައެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ ހުޅުމާލެ ކައިރިން ދަތުރުކޮށްފައި ދާ ސީޕްލޭނެއްގެ ޑްރޯން ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ޓީއެމްއޭގެ ސީޕްލޭނެއް ހުޅުލެއަށް ޖައްސަން ދާ މަންޒަރެވެ.

މި ވީޑިއޯއަށް އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މާލޭ ސަރަހައްދުގައި ޑްރޯން އެރުވުމަށް ހުއްދަ ދެވިފައިވަނީ ރަސްފަންނު ސަރަހައްދުގަޔާއި، ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި 400 ފޫޓު ތިރިންކަމަށް ސިވިލް އޭވިއޭޝަނުން މައުލޫމާތުދެއެވެ.

comment ކޮމެންޓް