ރާއްޖެއަށް ތެޔޮ ލިބުން ދަތިވާތީ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހަޅައިފައިވަނީ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމް މެންބަރު ޙުސެއިން މުޙައްމަދު ލަތީފް (ސެންބެ)އެވެ.
މެންބަރު ހުސެއިން ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖެއަށް ތެޔޮ އެތެރެކުރާ ކުންފުނި، "އެފްއެސްއެމް"އަށް ރާއްޖެއަށް ޑީސަލް އެތެރެ ނުކުރެވި، ބައެއް ޒަރޫރީ ބޭނުންތަކަށް ޑީސަލް ލިބުން ދަތިވެފައިވާ ކަމަށެވެ. މިގޮތުން މަސްވެރިންނަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އުޅަނދުތަކަށް ތެޔޮ ލިބުން ދަތިވެ އިޤްތިޞާދު ހުއްޓިދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މެންބަރުގެ މައްސަލައިގައި ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އެފްއެސްއެމުން ކަމުގައި ބުނެފައިވީނަމަވެސް، ރާއްޖެއަށް ތެޔޮ އެތެރެކުރަނީ އެސްޓީއޯއިންނެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމްގެ މައިގަނޑު މަސައްކަތަކީ ތެލާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމެވެ.
މައްސަލައިގައި އިތުރަށް ވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކަށް ފާރަވެރިވެ، ރާއްޖެއަށް ބޭނުންވާ ތެލުގެ ބާވަތްތައް ދުރާލާ ތައްޔާރުވެ، ތެޔޮ އެތެރެކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ގޮވައިލައިފައެވެ.
މި މައްސަލަ މަޖިލީހަށް ބަލައިގަތުމާމެދު ނެގުނު ވޯޓުގައި މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 44 މެންބަރުން ވޯޓު ދެއްވުމުން، މައްސަލަ ވަނީ ބޭރުކޮށްލައިފައިވެއެވެ.