މާލޭ ސިޓީ އަންހެނުންގެ ކޮމިޓީގެ ރައީސް ކަމަށް އަދާލަތު ޕާޓީގެ ޝިމާޒާ

މާލެސިޓީ ޑަބްލިއުޑީސީގެ ރައީސް ކަމަށް އަލަށް އިންތިޚާބުވި މަރިޔަމް ޝިމާޒާ

މާލޭ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް ކަމަށް އަދާލަތު ޕާޓީގެ މެމްބަރު މަރިޔަމް ޝިމާޒާ އިންތިޚާބުކޮށްފިއެވެ.

މާފަންނު ހުޅަނގު އުތުރު ދާއިރާގެ މެމްބަރު ޝިމާޒާ އެ މަގާމަށް އިންތިޚާބުވެފައި ވަނީ އެ މަގާމުގައި ކުރިން ހުންނެވި އެމްޑީޕީގެ މެމްބަރު ފާޠިމަތު ޝިފާ މިދިޔަ މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު އިންތިޚާބުކުރުމަށް މިއަދު ނެގި ވޯޓުގައެވެ.

އަދާލަތު ޕާޓީގެ މެމްބަރު ޝިމާޒާގެ އިތުރުން ރައީސްކަމަށް ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ރަޝީދާ ރަޝާދުއެވެ. އޭނާ އަކީ ވެރިކަންކުރާ އެމްޑީޕީގެ މެމްބަރެކެވެ.

ރަޝީދާ ނާކާމިޔާބުވީ އޭނާއަށް ވޯޓުދިނުމަށް އެމްޑީޕީން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށެވެ. އޭނާ އަށް ލިބުނީ ހަ ވޯޓެވެ. އަދި ތިން ވޯޓުގެ ތަފާތާއެކު ޝިމަޒާއަށް ލިބުނީ ނުވަ ވޯޓެވެ. ބާތިލު އެއް ވޯޓާއެކު ވޯޓުގައި ބައިވެރިވީ ޖުމުލަ 17 މީހުންނެވެ.

މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި މިހާރު ތިއްބެވީ ޖުމުލަ 17 މެމްބަރުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ 12 މެމްބަރާއި އިދިކޮޅު ޕީޕީއެމްގެ މެންބަރަކާއި އެމްރާއުއެމްގެ މެންބަރަކާއި އަދާލަތު ޕާޓީގެ މެންބަރެއްގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްނުވާ ދެ މެންބަރެކެވެ.

comment ކޮމެންޓް