މަޖިލީސް ކޮމެޓީތަކުގެ ޕާފޮމަންސް އޮޑިޓެއް ހަދަން އިދިކޮޅު ކޯލިޝަނުން އެދިއްޖެ

ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕްގެ އިސް ބޭފުޅުން -- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތުގެ ޕާފޮމެންސް އޮޑިޓެއް ހަދަން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

މިކަމަށް އެދުނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި އިދިކޮޅު ޕީއެންސީގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ފުނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ވަނީ ސަރުކާރުގެ ބައެއް އޮފީސްތަކުގެ މަސައްކަތް ލަސްވުމާއި މިނިވަން މުވައްސަސާތަކުގެ ޤާނޫނީ ޒިންމާ އެދެވޭ ގޮތެއްގައި އަދާނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފާހަގަ ކުރައްވަމުން އަންނަ ކަމީ ވަރަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ޚިޔާނާތްތައް އިތުރުވެ، ނުފޫޒުގެ ބޭނުން ކޮށްގެން ނަހަމަ ގޮތުގައި މީހުންނަށް ވަޒީފާ ދިނުމާއި ސިޔާސީ ބޭނުމަށް އިންތިޚާބުތައް ކާމިޔާބު ކުރުމުގެ ނިޔަތުގައި ސަރުކާރުގެ މުދަލާއި ފައިސާ އިންތިހާއަށް ބޭނުން ކުރަމުން އަންނަ ކަމަށް ގިނަ ބަޔަކު ބުނާ ކަމަށް ސިޓީގައި ވެއެވެ. މީގެ އިތުރުން އެފަދަ އަޑުތައް މަޖިލީހުގެ ތަޅުމުގައި ވެސް އިވެން ފަށާފައިވާއިރު، އެއީ ނުހަނު ކަންބޮޑުވާ ކަމެއްކަން ފާހަގަ ކުރައްވާފައިވެއެވެ.

"މި ކަންކަމުގެ ހަޤީގަތް ދެނެގަތުމަށް ޓަކައި މަޖިލީހުގެ ކޮމެޓީ ތަކުން މަސައްކަތް ކުރަމުންދާ ގޮތާއި މިންވަރު ދެނެގަންނަންޖެހޭ. އެހެންކަމުން މަޖިލީހުގެ ކޮމެޓީތަކުގެ ޕާފޮމެންސް އޮޑިޓެއް ހަދަން ފެނޭ،" ފޮނުވި ސިޓީގައިވެއެވެ.

އެހެންކަމުން ޤާނޫނު އަސާސީގެ 70 ވަނަ މާއްދާގައި ބަޔާން ކުރާ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ޒިންމާ އަދާ ކުރުމަށް ޓަކައި މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތް ހިނގަމުންދާ ގޮތުގެ ޕާފޮމަންސް އޮޑިޓެއް ހަދަން ފެންނަ ކަމަށް އެ ސިޓީގައި ދަންނަވާފައިވެއެވެ.

comment ކޮމެންޓް