ސުޕަމެޖޯރިޓީ ދިނީ ސަރުކާރަށް އެއްބާރުލުން ދޭން، ޖެއްސުންކުރާކަށް ނޫން: ރޮޒޭ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް-- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އެމްޑީޕީއަށް ދިނީ ސަރުކާރުން ކުރަމުން އަންނަ ކަންކަމުގައި އެއްބާރުލުން ދިނުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުންފުނިތަކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުން ރޮޒެއިނާ މިފަދައިން ވިދާޅުވީ، މެދު ހެންވެއިރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އިކޮނޮމިކް މިނިސްޓްރީއާއި ސަރުކާރަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

ރޮޒެއިނާ ވިދާޅުވީ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓްރީގެ ކަންކަން ކުރިއަށް ދަނީ ވަރަށް ފުރިހަމަކޮށް ކަމަށާއި މިނިސްޓްރީން ކުރަމުން އަންނަނީ ރައްޔިތުންނަށް ވަރަށް ބޭނުންތެރި މަސައްކަތްތަކެއް ކަމަށެވެ.

ހަމައެހެންމެ ކޮވިޑް-19 ބަލިމަޑުކަމުން އަރައިގަނެ، ވިޔަފާރިތައް މިހާރު ހިނގަން ފަށައިފައިވަނީ އިކޮނޮމިކް މިނިސްޓްރީން ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށް ވެސް ވިދާޅުވިއެވެ.

"އެ ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ބޯޑަރުތައް ހުޅުވާލެވުމާއެކީގައި، ވިޔަފާރިތަކަށް ވިޔަފާރިކުރުމުގެ ފުރުސަތު ވަގުތުން ލިބިގެން ދިޔައީ. ރިސޯޓުތަކަށް ވަގުތުން އޮޕަރޭޓް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ، ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކެއްގެ ސަބަބުން،" ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވީ އާޒިމް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވަނީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތުމުން ކަމަށެވެ.

"މަގާމެއް ނުލިބުމަކީ އަދި ނިކުމެ މިތާނގައި ކޮންމެ ދުވަހަކު ހެނދުނު ތެދުވެ ސަރުކާރާ ދިމާލަށް ހިތުހުރިހާ އެއްޗެއް ގޮވުމެއް ނޫން،" ރޮޒެއިނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި، ސަރުކާރު ހިންގާ މައި ޕާޓީއަށް ރައްޔިތުން ސުޕަމެޖޯރިޓީ ދިނީ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ އިދިކޮޅުގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ އިދިކޮޅު މެންބަރުންނާއި ސަރުކާރަށް ތާއިދު ކުރާ މެންބަރުންގެ ދައުރު އޮޅުވައިލައިގެން ނުވާނެ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ މިއަދު މަޖިލީހުން ފެންނަމުން ދަނީ ސަރުކާރުގައި ރަނގަޅަށް ހިނގަމުން އަންނަ ކަންކަމަށް އެމްޑީޕީ މެންބަރުން ފާޑުކިޔައި، ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ތަން ކަމަށެވެ.

"ސަރުކާރުން ހަމަ ކުރަމުންދާ ކަންތައްތަކަށް ހަމަ ސަރުކާރަށް ނިސްބަތްވާ މެންބަރުން ނިކުމެ ރައްޔިތުންނަށް ދޮގު ހަދައިގެން، އޮޅުވާލައިގެން ކަންކަން ކުރުމެެއް ނޫން. އެ ކަންކަން ކުރަން ރައްޔިތުން ވަކި ބަޔަކު ފޮނުވާފައި އެބަ ތިބި،" ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މެންބަރުންނަށް ފާޑުވިދާޅުވެ، ރޮޒެއިނާ މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީ ޗެއާޕާސަން އިންތިޚާބާ ދިމާކޮށް އެ ޕާޓީގެ ދެ ފެކްޝަންގެ ދެމެދުގައި ވަނީ ދެބަސްވުންތައް އިތުރުވެފައެވެ. އަދި މަޖިލީހުގައި ވެސް ދެ ފެކްޝަނުގެ މެންބަރުން އަންނަނީ ބަހުގެ ހަމަލާތައް ރައްދުކުރަމުންނެވެ.

comment ކޮމެންޓް