ކްރިމިނަލް ކޯޓު ކައިރީ ހުންނަވަނިކޮށް ޑރ. ޖަމީލަށް މަރުގެ އިންޒާރު ދީފި

ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދަށް މިއަދު ބަޔަކު މަރުގެ އިންޒާރު ދީފިއެވެ.

ރައީސް ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އާސިފް އާދަމް ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައިވާ ގޮތުން، ޑރ. ޖަމީލަށް މަރުގެ އިންޒާރުދީފައި ވަނީ މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދިޔަ ރައީސް ޔާމިންގެ ޝަރީޢަތް ނިންމާލުމަށްފަހު ކޯޓު ބޭރުގައި މީޑިއާއާ ވާހަކަ ދައްކަވަން ހުނަނަވަނިކޮށެވެ.

އާސިފް ވިދާޅުވީ، ޝަރީއަތް ނިންމާލުމަށްފަހު ޖަމީލް ކޯޓުން ނުކުމެވަޑައިގަތްފަހުން ސައިކަލުގައި ދިޔަ ދެ މީހަކު ވަކީލުންނަށް އިންޒާރުދިން ކަމަށެވެ. އެގޮތުން ޑރ. ޖަމީލު އެހެންތާކުން ފެނުނަސް ހަމަލާދޭނެ ކަމުގެ އިންޒާރު އެމީހުން ދިން ކަމަށް އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން، އޭގެ ތެރެއިން އެކަކު ވަނީ އޭނާއަކީ ސަރުކާރުގެ އިސްވެރިޔަކާ ވަރަށް ގާތް މީހެއް ކަމަށް ބުނެފައި ކަމަށް ވެސް އާސިފްގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ވަކީލް އާސިފް ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

comment ކޮމެންޓް