ފަލަސްތީނުގެ ޒުވާނަކު އަނެއްކާވެސް ބަޑިން ހަމަލާދީ އިސްރާއީލުގެ ފަސް މީހަކު މަރާލައިފި

އިސްރާއީލުގެ ވެރިރަށް ޓެލްއަވީވުގެ ކައިރީގައި ފަލަސްތީނުގެ ޒުވާނަކު ހިންގި ބަޑީގެ އޮޕަރޭޝަން

ޓެލްއަވީވު (30 މާޗް 2022): ފަލަސްތީނުގެ ޒުވާނަކު އަނެއްކާވެސް އިސްރާއީލުގެ ބަޔަކަށް ބަޑިން ހަމަލާދީ އިސްރާއީލުގެ ފަސް މީހުން މަރާލައި ހަ މީހަކު ޒަޚަމްކޮށްލައިފިއެވެ.

އެއީ ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ޒުވާނުން އިސްރާއީލާ ދެކޮޅަށް ހިންގި މިބާވަތުގެ ފިދާއީ ތިން ވަނަ އޮޕަރޭޝަނެވެ.

އިސްރާއީލުގެ ފުލުހުން ބުނާގޮތުން ފަލަސްތީނުގެ 27 އަހަރުގެ ޒުވާނެއްކަމަށްވާ ޒިޔާ ހަމާރްޝާ އިއްޔެ ވަނީ ޓެލްއަވީވުގެ މަގެއްގައި އޮޓަމެޓިކް ބަޑިއަކުން އިސްރާއީލުގެ އާންމުންނަށް ހަމަލާދީ މީހުން މަރަމުން ގެންގޮސްފައެވެ. ފުލުހުން ޒިޔާގެ ބޮލަށާއި ގަޔަށް ބަޑިޖަހައި އޭނާ ޝަހީދުކޮށްލަންދެން އޭނާ ގެންދިޔައީ މަގުމަތިންދިޔަ އިސްރާއީލުގެ އާންމުންގެ ގަޔަށް ބަޑިޖަހައި އެމީހުން މަރަމުންކަމަށް އިސްރާއީލު ފުލުހުން ބުނެފައިވެއެވެ.

މިއީ ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ ޒުވާނުން އިސްރާއީލުގެ އެތެރޭގައި އިސްރާއީލުގެ އާންމުންނާ އަދި ފުލުހުންނާ ދެކޮޅަށް ހިންގި މިބާވަތުގެ ފިދާއީ ތިންވަނަ އޮޕަރޭޝަނެވެ. މިތިން އޮޕަރޭޝަންގައި އިސްރާއީލުގެ 11 މީހުން މަރާލައި 20 މީހުން ޒަޚަމްކޮށްލާފައިވާއިރު އިސްރާއީލުންވަނީ ފިދާއީ މިތިން އޮޕަރޭޝަން ހިންގި ފަލަސްތީނުގެ ހަތަރު ޒުވާނުން ޝަހީދުކޮށްލާފައެވެ.

މިދިޔަ އާދީއްތަ ދުވަހު ފަލަސްތީނުގެ ދެ ޒުވާނަކުވަނީ އިސްރާއީލުގެ ހައިފާ ސިޓީގެ ދެކުނުގައި ހަރަކާތްތެރިވަމުންދިޔަ އިސްރާއީލު ފުލުހުންގެ ބަޔަކަށް ހަމަލާދީ އޭގެތެރެއިން ދެމީހުން މަރާލައި ފަސް މީހުން ޒަޚަމްކޮށްލާފައެވެ.

އޭގެ ދެ ދުވަސް ކުރިން ފަލަސްތީނުގެ ޒުވާނަކުވަނީ އިސްރާއީލުގެ ރަށެއްކަމަށްވާ ބިއުރުއްސަބްޢަގެ މަގެއްގައި ކާރެއްގައި ދަތުރުކުރަމުންގޮސް އިސްރާއީލުގެ ބައެއްގެ ގައިގައި ޖައްސައި ދެމީހުން މަރާލައި ހަތަރު މީހުން ޒަޚަމްކޮށްލާފައެވެ. އަދި އެއަށްފަހު ބަޑިން ހަމަލާދީ އޭނާވަނީ އިސްރާއީލުގެ އިތުރު ދެމީހަކުވެސް މަރާލައި ފަސް މީހަކު ޒަޚަމްކޮށްލާފައެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމުގެ ސަބަބުން މުސްތަގްބަލް ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން މިހާރު އިސްރާއީލަށް ހަމަލާދޭން ފަށާފައިމިވަނީ އިސްރާއީލަށް ލަފާ ނުކުރެވޭ ގޮތަކަށެވެ.

އެއީ ފަލަސްތީނުގެ މުޖާހިދުންގެ ޖަމާއަތްތަކާވެސް ނުލައި އަމިއްލަ އަމިއްލައަށް ބަދަލުހިފާގޮތަށެވެ. އެހެންކަމުން އިސްރާއީލުވަނީ ފަލަސްތީނުގެ ޒުވާނުން މަގުމަތިންދޭ މިފަދަ ހަމަލާތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އިސްރާއީލުގެ އާންމުން އިއްޔެވަނީ ޓެލްއަވީވުގައި މުޒާހަރާކޮށް އިސްރާއީލުގެ އާންމުން ފަލަސްތީނުގެ ހަމަލާތަކުން ސަލާމަތް ކުރުމުގައި އިސްރާއީލު ސަރުކާރު ނާކާމިޔާބު ވެފައިވާކަމަށް ބުނެ ސަރުކާރު އިސްތިއުފާ ދިނުމަށް ގޮވާލައި މުޒާހަރާކޮށްފައެވެ. މި ހަަމަލާތަކާއެކު އިސްރާއީލުގެ އާންމުންގެ މެދުގައިވަނީ ވަރަށް ބޮޑަށް ބިރުވެރިކަން އުފެދިފައި ކަަމަށް މުރާސިލުން ބުނެއެވެ.

comment ކޮމެންޓް