އިސްރާއީލާއެކު އަރަބި ހަތަރު ގައުމަކުން ބޭއްވި ބައްދަލުވުމުގެ އަމާޒަކީ އީރާން

ނަގަބުގެ ބައްދަލުވުމުގައި އަރަބި 4 ގައުމުގެ ޚާރިޖީ ވަޒީރުން އިސްރާއީލާއި އެމެރިކާގެ ޚާރިޖީ ވަޒީރާއެކު

ނަގަބު (29 މާޗް 2022): އިސްރާއީލުގައި އިއްޔެ ބޭއްވި އަރަބި ހަތަރު ގައުމެއްގެ ޚާރިޖީ ވަޒީރުންނާއި އެމެރިކާގެ ޚާރިޖީ ވަޒީރު ހިމެނޭ ބައްދަލުވުމަކީ ސަރަޙައްދީ ސަލާމަތާއި އީރާނުގެ ނިއުކްލިއާ މަޝްރޫއާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލުގެ ދައުލަތުގެ މީޑިއާ "އިޒްރޭލް ބްރޯޑްކާސްޓިން ކޯޕަރޭޝަން"އިން ބުނިގޮތުގައި މިއީ އިސްރާއީލުން އިސްނަގައިގެން އެމެރިކާގެ ޚާރިޖީ ވަޒީރާއި އަރަބި ހަތަރު ގައުމެއްކަމަށްވާ މިސްރު، ޔޫއޭއީ، ބަހްރައިން އަދި މަޣްރިބްގެ ޚާރިޖީ ވަޒީރުން ހިމެނޭގޮތަށް ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ އިސްރާއީލުގެ ސަރަހައްދުގެ ގޮތުގައި ބައިނަލްއަޤްވާމީ ގޮތުން އިއުތިރާފްވެފައިވާ ނަގަބް ސަރަހައްދުގެ އެންމެ ބޮޑު ރަށްކަމަށްވާ ނަގަބް ސިޓީގައެވެ. ނަގަބްއަކީވެސް އެތަނަށް އިސްރާއީލު ވެރިވެގަތުމުގެ ކުރިން ފަލަސްތީނުގެ ބައެކެވެ.

މި ބައްދަލުވުމުގައި ބައިވެރިވި އަރަބި ގައުމުތަކަކީ ފަލަސްތީނުގެ މައްސަލަ އެއްފަރާތް ކުރުމަށްފަހު އަރަބި އިޖްމާއުން ބޭރުން އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވާ ހަތަރު ގައުމެވެ. މިހަތަރު ގައުމަކީވެސް އީރާނާ ދުޝްމަންކަން ގެންގުޅޭ އަދި އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް ލޯމަރާލައި އިސްރާއީލާ ގާތްވެގެންއުޅޭ ހަތަރު ގައުމެވެ.

ނަގަބުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކަން ވަނީ ހަކަތައާއި ތިމާވެއްޓާ އަދި ސަލާމަތާ ގުޅޭގޮތުން އަރަބި މި ގައުމާއި އިސްރާއީލާ ދެމެދު ގުޅުންތައް ބަދަހިކުރުން މުހިއްމުކަމާއި އެއީ އެމެރިކާ ވަރަށް ބޮޑަށް އެދޭކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި އަރަބި އެހެން ގައުމުތައްވެސް އިސްރާއީލާ ގާތްވުމަށް ބްލިންކަން ގޮވާލެއްވިއެވެ.

ނަގަބުގެ ބައްދަލުވުމުގެ އަރިމަތީގައި ޔޫއޭއީގެ ޚާރިޖީ ވަޒީރު އިސްރާއީލުގެ ކާރިޖީ ވަޒީރާ ވަކިން ބައްދަލުކުރައްވަނީ

ބްލިންކަން ވިދާޅުވީ އިސްރާއީލުގެ މަސްއޫލުވެރިންނާއެކު އެއް މޭޒަކަށް އަރަބި މަސްއޫލުވެރިން ގެނައުމަކީ ކުރިން މުސްތަހީލް ކަމެއް ނަމަވެސް މި ބައްދަލުވުމަކީ އެހާލަތު މިހާރު ބަދަލުވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމުގައެވެ. މިސްރަކީ އަރަބި އިޖްމާއުން ބޭރުވެގެން 1978 ވަނަ އަހަރު އިސްރާއީލާ ސުލްހަވެފައިވާ ގައުމެކެވެ.

ނަމަވެސް ޔޫއޭއީ، ބަހްރައިން އަދި މަޣްރިބް އިން އިސްރާއީލާ ގުޅުންތައް ގާއިމްކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ފަލަސްތީނުގެ މައްސަލަ އޮއްބާލުމަށްޓަކައި ޓްރަމްޕް އަރަބި ގައުމުތަކަށް ކުރެއްވި ފިއްތުންތަކާ ގުޅިގެންނެވެ.

އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވާ އަރަބި ފަސް ގައުމުތަކުގެ ތެރެއިން ނަގަބްގައި އިއްޔެ ބޭއްވި ބައްދަލުވުމަށް ހާޒިރުނުވަނީ ހަމައެކަނި އުރުދުންއިންނެވެ. އެ ބައްދަލުވުމުގައި ބައިވެރިވުމަށް އިސްރާއީލު ދިން ދައުވަތު ބަލައިގަތުމަށް އުރުދުން ވަނީ ފާޅުގައި ދެކޮޅުހަދާފައެވެ. އޭގެބަދަލުގައި އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވަނީ އުރުދުންއަށް މުހިއްމީ އިސްރާއީލުގެ އިސްތިއުމާރުން ފަލަސްތީނުގެ ބިންތައް މިނިވަންކޮށް ފަލަސްތީނުގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރުން ކަމަށް ވިދާޅުވެ އެ ބައްދަލުވުމަށް އުރުދުންގެ ޚާރިޖީ ވަޒީރު ފޮނުވުމަށް ދެކޮޅު ހައްދަވާފައެވެ.

ނަގަބުގައި އަރަބި ހަތަރު ގައުމުގެ ޚާރިޖީ ވަޒީރުން އިސްރާއީލާއި އެމެރިކާގެ ޚާރިޖީ ވަޒީރުންނާއެކު ބައްދަލުވުންތައް ބޭއްވި ވަގުތު އުރުދުންގެ ރަސްގެފާނު ޢަބްދުﷲ ވަނީ އިސްރާއީލު ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ރާމަﷲ އަށް ވަޑައިގެން ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވައި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރާ ބެހޭގޮތުން އައްބާސްއާ މަޝްވަރާ ކުރައްވާފައެވެ.

އިސްރާއީލުގެ މީޑިއާ ބުނާގޮތުން ނަގަބުގެ ބައްދަލުވުމުގައި އަރަބި ހަތަރު ގައުމާއި އިސްރާއީލުގެ ޚާރިޖީ ވަޒީރުން އިސްކަން ދިނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވެއްޖެނަމަ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން އީރާން ސަލާމަތްވެދާނެތީ އެކަމުގެ ކަންބޮޑުވުންތައް އެމެރިކާއާ ހިއްސާ ކުރުމަށެވެ. ޔޫއޭއީއާއި ސައޫދީ ދާދިފަހުން ތެލުގެ މައްސަލާގައި އެމެރިކާއަށް "ބޮޑާހޭކީ" ވެސް އެމެރިކާއިން އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް ރުޖޫއަވެ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލަން އުޅޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު ކަންބޮޑުވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއެކު އީރާން އިތުރަށް ބާރުގަދަވެ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބެލަންސް ކުރެވޭވަރުގެ ބާރާއި ނުފޫޒުގަދަ ގައުމަކަށް އީރާން ވެގެންދާނެތީއެވެ. ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށާއި ފަލަސްތީނުގެ ޖަމާއަތްތަކަށް ހަތިޔާރާއި ރޮކެޓް ޓެކްނޮލޮޖީ ފޯރުކޮށްދެނީ އީރާން ކަމަށް ވުމަކީވެސް އިސްރާއީލުގެ ކަންބޮޑުވުމެކެވެ. އިސްރާއީލާއި އެމެރިކާ ދެކޭގޮތުގައި މެދުއިރުމަތީގައި ނިއުކްލިއާ ބާރުވެސް އަދި އަސްކަރީ އެހެން ޓެކްނޮލޮޖީގެ ބާރުތައްވެސް އޮންނަން ޖެހޭނީ ހަމައެކަނި އިސްރާއީލު އަތުގައެވެ. ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރުމަކީ އެމެެރިކާއާއި އިސްރާއީލު ދެކޭގޮތުގައި ޓެރަރިޒަމްގެ އަމަލެކެވެ.

އެހެން ގައުމަކަށް މިފަދަ ބާރެއް ލިބުމަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ނޫނީ ހަމަޖެހުން ނަގާލުމަށް މަގުފަހިވުންކަމަށް އެމެރިކާއާއި އިސްރާއީލު ދެކެއެވެ. އިސްރާއީލު އަބަދުވެސް އޮންނަންޖެހޭނީ އިސްރާއީލު ބޭނުންވާ ގައުމަކަށް ބޭނުން ވަގުތަކު ހަމަލާ ދެވޭހާ ބާރުގަދަ އަދި އެއްވެސް ގައުމަކަށް އިސްރާއީލާ ދެކޮޅަށް ޗެލެންޖް ކުރަންނުކެރޭހާ ވަރުގަދަ ބާރެއްގެ ގޮތުގައި ކަމަށްވެސް އެދެގައުމުން ދެކެއެވެ. އެއީ މިނޫންގޮތަކަށް ފަލަސްތީނުގެ ބިންތައް ހިފައިގެން އިސްރާއީލަށް ނޯވެވޭނެތީއެވެ.

ޔޫއޭއީ އަދި ބަހްރައިން އަކީ ސައޫދީ އަރަބިއާ ގޮތަށް އެގައުމުތަކުގެ ދިފާއުގައި އެމެރިކާއަށް ބަރޯސާވާ ގައުމުތަކެވެ. މިގައުމުތަކުގެ ނަޒަރުގައިވެސް އިސްރާއީލުން ފަަލަސްތީނަށް ވެރިވެގަނެގެންއުޅޭއިރުވެސް އިސްރާއީލު ނިއުކްލިއާ ބާރެއްގެ ގޮތުގައި އޮތުމަކީ މައްސަލައެއް ނޫނެވެ. ޔޫއޭއީ އާއި ބަހްރައިންއާ ޚިލާފަށް މިސްރާއި މަޣްރިބް މި ބައްދަލުވުމުގައި ބައިވެރިވިކަމަށްވަނީ އީރާނާދެކޮޅު ކަމެއްގައި ބައިވެރިވުމުން ޔޫއޭއީ އަތުން ފައިސާގެ އެހީ ހޯދަން ފަސޭހަވާނެތީކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔޫއޭއީ އާއި ބަހްރައިން އަދި ސައޫދީ އަކީ އިސްރާއީލުގެ އަނިޔާވެރިކަމަށް ލޯމަރާލައި ގަލްފާއި މެދުއިރުމަތީގައި އީރާނުގެ ބާރުގަދަވަމުންދާތީ ކަންބޮޑުވާ ގައުމުތަކެކެވެ. އިސްރާއީލު ހިމެނޭތީ މި ބައްދަލުވުމުގައި ސައޫދީ ބައިވެރި ނުވިނަމަވެސް ސައޫދީ އަކީވެސް ސިއްރިޔާތުގައި އިސްރާއީލާ ގުޅުންތައް ބާއްވާ ގައުމެއްކަމަށް ސިފަކުރެވޭ ގައުމެކެވެ.

ނަގަބުގެ ބައްދަލުވުން ފެށުމުގެ ކުރިން ދެއްވި ބަޔާނެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރުވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވޭނެ ހަމައެކަނި ގޮތަކީ ޓްރަމްޕްގެ ދުވަސްވަރު އެމެރިކާ ވަކިވެފައިވާ އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް އެނބުރި ރުޖޫއަވުންކަމަށް ވިދާޅުވެ މިގައުމުތަކުގެ ކަންބޮޑުވުން ކުޑަކުރުމަށް ބާރުއަޅުއްވައި ވާހަކަ ދައްކަވާފައެވެ.

އީރާނަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮއްވައި ހަތިޔާރުގެ ޓެކްނޮލޮޖީ އިންތިހާއަށް ތަރައްގީކޮށްފައިވާ ގައުމަކަށްވާއިރު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުން އީރާން މިހާރަށްވުރެ މާބޮޑަށް ބަރުގަދަވެގެންދާނެ ކަމަށް އިސްރާއީލާއި ސައޫދީ، ޔޫއޭއީ އަދި ބަހްރައިން އިން ދެކެއެވެ.

ވިއެނާގައި ކުރިއަށްދާ އީރާނުގެ ނިއުކްލިއާ އެއްބަސްވުމަށް އެމެރިކާ އެނބުރި ރުޖޫއަވުމުގެ ވާހަކަތައް ކާމިޔާބުވުމާ ގާތަށް ގޮސްފައިވާއިރު ކުރިއަށް އޮތް ދެތިން ހަފްތާތެރޭގައި މިކަމުގައި އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުކްރޭންގެ ހަނގުރާމައާ ގުޅިގެން ރަޝިއާގެ ތެލާއި ގޭހަށް ބަރޯސާވުން ކުޑަ ކުރުމަށްޓަކައި އީރާނާއެކު ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކުރުން އަވަސްކުރަން އެމެރިކާ ބޭނުންވެއެވެ. އެއީ އޭރުން އީރާނުގެ ތެލާއި ގޭހާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި އީރާނުގެ ގޭހާއި ތެޔޮ ބޮޑު އެމައުންޓްތަކަކުން ދުނިޔޭގެ ބާޒާރަށް ނެރުމަށް މަގުފަހި ވެގެންދާނެތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް