ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަން ކޮށްފި

އިން ދާއިރާއަކަށް އައްޔަން ކުރި މެޖިސްޓްރޭޓުންނާއިއެކު ޖޭއެސްސީގެ ބައެއް މުވައްޒަފުން -- ފޮޓޯ/ ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަންކޮށްފިއެވެ.

ތިން ދާއިރާއަކަށް އިސް މެޖިސްޓްރޭޓުން އައްޔަނު ކުރުމަށް ޖޭއެސްސީން ނިންމާފައިވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބޭއްވީ އެ ކޮމިޝަންގެ އިދާރާގައެވެ.

އެ ރަސްމިއްޔާތުގައި، އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ޖޭއެސްސީން އައްޔަން ކުރެއްވި ބޭފުޅުންނަށް ފަތްކޮޅު އެރުއްވީ، ކޮމިޝަންގެ ރައީސް ހިސާން ޙުސެއިނެވެ.

ފަތްކޮޅު ހަވާލުކުރި ތިން ދާއިރާގެ އިސް މެޖިސްޓްރޭޓުންނަކީ، ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ހއ. އުތީމު، ކަރަންކާގެ، އަޙްމަދު އާދަމް އާއި ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ވ.ފުލިދޫ، ވެނިލާގެ، އަޙްމަދު ޝަރީފް އަދި ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، ގދ.ތިނަދޫ، ދިލްބަހާރުގެ ޢަބްދުލް ރައްޒާގު މުޙައްމަދެވެ.

ހއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަންކުރި އަޙްމަދު އާދަމްއަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ (ހޮނާސް) ހާސިލު ކުރައްވައި، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރި އަޙްމަދު ޝަރީފަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި މާސްޓާސް އޮފް ޝަރީޢާ އެންޑް ލޯ ހާސިލު ކުރައްވައި، ފަނޑިޔާރުކަމުގައި 28 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ގދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް އައްޔަނުކުރި ޢަބްދުލް ރައްޒާޤު މުޙައްމަދަކީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވައި، ފަނޑިޔާރުކަމުގައި 19 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް