ޓެކްސީ ޑްރައިވަރުން ހިތުހުރި ގޮތެއް ހަދާއިރު ޓްރާންސްޕޯޓް މިނިސްޓްރީ ހަނު!

ޓެކްސީ ޑުރައިވަރުންގެ ޝަކުވާ -- ސަންފޮޓޯ/ ނާއިލް ހުސައިން

މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުން ހިތުހުރި އަގެއްގައި ޓެކްސީ ކުރަމުން ދާއިރު، ޓްރާންސްޕޯޓް މިނިސްޓްރީ އަދިވެސް އެކަމަށް ފިޔަވަޅެއް ނާޅައެވެ.

ތެލުގެ އަގުތައް އުފުލެން ފެށުމާއެކު، ޓެކްސީ އަގުތަކުގެ ސަބަބުން ގެއްލުން ވަމުން ދާ ކަމަށް ބުނެ، ޓެކްސީ ޑްރައިވަރުން ތަކެއް ވަނީ މި މަހުގެ ކުރީކޮޅު އިހުތިޖާޖު ކޮށްފައެވެ.

ޑްރައިވަރުން ބޭނުން ވަނީ އެ މީހުން ކަނޑައެޅި އަގުތަކާ އެއްގޮތަށް އަގުބޮޑުކޮށް ދަތުރު ކުރުމަށެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ، ސެންޓަރުތަކުން އަމިއްލައަށް އަގުބޮޑުކޮށް ދަތުރު ނުކުރެވޭނެ ކަމަށާއި، އަގުބޮޑުކޮށް ދަތުރު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

އެހެންނަމަވެސް މިއަދާ ހަމައަށްވެސް މިނިސްޓްރީން އެކަމުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާއިރު، އޭގެފަހުން އެކަމާމެދު ވާހަކަ ދައްކާފައެއްވެސް ނުވެއެވެ. އަދި ފޯނަށް ޖަވާބު ނުދޭތީ، މިނިސްޓްރީގެ ބަހެއް ލިބޭގޮތެއް ނުވެއެވެ.

ޓެކްސީ ޑްރައިވަރުންގެ ފަރާތުން ވަކާލާތު ކުރުމުގައި އިސްކޮށް އުޅޭ އަޙްމަދު ޝަމާލް "ސަން" އަށް ބުނީ، ޓެކްސީގެ އަގު ބޮޑުކޮށްގެން ދަތުރު ކުރުމުގައި ސެންޓަރުތަކުގެ އިހުތިޔާރެއް ނޯންނާނެ ކަމަށާއި އެއީ ޓެކްސީތަކުގެ އިހުތިޔާރީ ކަމެއް ކަމަށެވެ. އަދި އެއީ މީގެ ކުރިންވެސް ބުނަމުންއައި ގޮތް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެކަމާ ގުޅިގެން ގާނޫނީގޮތުން އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ އެކަމުގެ ޒިންމާ ވާނީ ވެސް ޑްރައިވަރުން ކަމަށް ޝަމާލް ފާހަގަ ކުރިއެވެ.

ޓެކްސީ ތަކުގައި މީޓަރު ހަރުކުރެވެންދެން ޓެކްސީ ކުރާނީ މިގޮތަށް ކަމަށާއި، މިނިސްޓްރީގެ ފަރާތުންވެސް އިތުރު އެއްވެސް ކަމެއް އަންގާފައި ނުވާކަމަށް އޭނާ ބުންޏެވެ.

https://sun.mv/163057

މިހާރުވެސް ބައެއް ޓެކްސީތައް މިނިސްޓްރީގެ އަގަށް ދަތުރުކުރާއިރު، އަނެއްބައި ޓެކްސީތައް ދަތުރު ކުރަނީ ޓެކްސީތަކުން އަމިއްލައަށް ބޮޑުކުރި އަގުގައެވެ.

ޓެކްސީ ސެންޓަރުތަކުން އަމިއްލައަށް ކަނޑައެޅި އަގުތައް:

މާލޭ ސިޓީގެ އެތެރޭގެ ދަތުރުތަކަށް - 30 ރުފިޔާ
ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތަކަށް - 25 ރުފިޔާ
ހުޅުމާލެ ފޭސް ދޭއްގެ އެތެރޭގެ ދަތުރުތަކަށް - 25 ރުފިޔާ
މާލެއިން ހުޅުމާލެއަށް | ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
މާލެއިން އެއާޕޯޓަށް | އެއާޕޯޓުން މާލެއަށް - 80 ރުފިޔާ
ހުޅުމާލެއިން އެއާޕޯޓަށް | އެއާޕޯޓުން ހުޅުމާލެއަށް - 80 ރުފިޔާ
ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެއަށް | މާލެ އިން ހުޅުމާލޭ ދެވަނަ ފިޔަވައްސަށް - 120 ރުފިޔާ
ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
މާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
ހުޅުމާލެ ދެވަނަ ފިޔަވަހިން ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ

ފުލުހުންގެ "ރޯޑް ޕޮލިސް" ފޭސްބުކް ޕޭޖުގައި ވަނީ ޓެކްސީ ޚިދުމަތައް މާލެ ތެރޭގެ ދަތުރުތަކަށް ނެގޭނީ 25 ރުފިޔާ ކަމަށާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވައްސާ ދޭތެރޭ ދަތުރު ކުރެވޭނީ 40 ރުފިޔާއަށްކަން ފާހަގަކޮށްފައެވެ. އަދި ހުޅުލެ އާއި މާލެއާ ދެމެދުގެ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާ ކަމަށާއި ހުޅުމާލޭ ދެވަނަ ފިޔަވައްސާއި މާލެއާ ދެމެދުގެ ދަތުރުތަކަށް ނެގޭނީ 90 ރުފިޔާކަން ވެސް ފުލުހުން ފާހަގަކުރިއެވެ.

މީގެ އިތުރުން، މާލެއާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދުގެ ދަތުރުތަކަށް އަދި ހުޅުލެއާއި ހުޅުމާލޭ ދެވަނަ ފިޔަވައްސަށް ނެގޭނީ 75 ރުފިޔާ ކަމަށާއި އެ އަގުތަކުގެ އިތުރުން މެންދަމު 12:00 އިން ހެނދުނު 6:00 ގެ ނިޔަލަށް އިތުރު ފަސް ރުފިޔާ ނެގޭނެ ކަމަށް ފުލުހުން ބުންޏެވެ.

މިއީ ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އަގުތަކަށް ވާތީ، އެއަށްވުރެ އަގު ބޮޑުކޮށް ޓެކްސީ ދަތުރު ނުކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް