އިންޑިއާއާއި ރާއްޖެ މަސައްކަތް ކުރަނީ އެއް ރޫހެއް، އަދި އެއް ފިކުރެއްގައި: ޝާހިދު

"ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ޝާހިދު ވާހަކަދައްކަވަނީ-- ފޮޓޯ/ ފޮރިން މިނިސްޓްރީ

އިންޑިއާއާއި ރާއްޖެ މަސައްކަތް ކުރަނީ އެއް ފިކުރެއްގައި، އަދި އެއް ރޫހެއްގައި ކަމަށް އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމްކޮށްފައިވާ، "ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މިއަދަކީ ރާއްޖެއަށް ތާރީހީ ލަނޑުދަނޑިއެއް ހާސިލްވެގެން ދިޔަ ދުވަހެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތް ރަނގަޅު ކުރުމަށް އެޅިގެންދިޔަ ޕޮލިސް އެކަޑަމީއަކީ ދިވެހި ގައުމަށް ނުހަނު ބޭނުންތެރި ވަސީލަތެއް ކަމަށާއި އެ ބޭނުން ދިވެހިންނަށް ފުއްދަދިނީތީ އިންޑިއާއަށް ޝުކުރު ހައްގުވާ ކަމަށެވެ.

"މި ކޮލެޖް ވެގެންދާނީ، އަޅުގަނޑުމެންގެ އެންމެ އިތުބާރުކުރެވޭ އަވައްޓެރިޔާއާއެކު ވެވޭ ރަޙްމަތްތެރިކަމުގެ އިތުރު ރަމްޒަކަށް. މިއަދަކީ އިންޑިއާއާއެކު އޮތް 50 އަހަރުވީ ޒަމާންވީ ގުޅުމަށް އިތުރުވެގެންދާ އިތުރު ބޮޅެއް،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އިންޑިއާއާއި ރާއްޖެ މަސައްކަތް ކުރަނީ އެއް ރޫހެއްގައި އެއް ފިކުރެއްގައި ކަމަށާއި ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމާއި އިތުބާރުގެ މައްޗަށް ކަމަށެވެ.

ހަމައެހެންމެ އައްޑޫ ޕޮލިސް ކޮލެޖަކީ ދިވެހި ސަރުކާރުން ފުލުހުންގެ ކުރިއެރުމާއި ގައުމުގެ ސަލާމަތީ ކަންކަމަށް ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޕޮލިސް ކޮލެޖުގެ މަސައްކަތަށް އިންޑިއާއިން ވަނީ 300 މިލިއަން ރުފިޔާގެ ހިލޭ އެހީ ދީފައެވެ.

އައްޑޫ ޕޮލިސް ކޮލެޖަކީ ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ތަމްރީނުކޮށް، ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެކެވެ. މި މަޝްރޫއަށް ޖުމްލަ 40އާއި 42 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ ޚަރަދުކޮށްފައެވެ.

އައްޑޫގައި ޕޮލިސް ކޮލެޖެއް ހަދަން އެއްބަސްވުމުގައި ސޮއިކުރީ 2012 ވަނަ އަހަރެވެ. ކޮލެޖް ހަދަން ނިންމިކަން ރަސްމީކޮށް އިޢުލާނުކޮށްފައިވަނީ 2014 ވަނަ އަހަރެވެ. މަސައްކަތް ފަށާތާ 18 މަހުގެ ތެރޭގައި ނިންމާގޮތަށް 2016 ވަނަ އަހަރުގެ ފަހުކޮޅު އެ މަޝްރޫއު ހަވާލުކުރިއިރު، ތަނުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރެވެ.

ކޮލެޖް ހުޅުވަން ދޫކުރި ސަރަހައްދުގެ މޫދާވީ ފަޅިން ބައެއް ހިއްކައި، އެތަނުގައި ރިވެޓްމަންޓް ވަނީ ޖަހައިފައެވެ.

ޕޮލިސް ކޮލެޖް ތަރައްގީ ކޮށްފައި ވަނީ އެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ޚިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ހިމެނޭ ގޮތަށެވެ.

comment ކޮމެންޓް