ޝަރުއީ ދާއިރާގެ މިއަހަރުގެ މަސައްކަތްތައް ރައީސް ފައްޓަވައިދެއްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި އުއްތަމަ ފަނޑިޔާރު، އަޙްމަދު މުޢުތަޞިމް އަދުނާން -- ފޮޓޯ/ ރައީސް އޮފީސް

ޝަރުއީ ދާއިރާގެ މަސައްކަތްތައް ފެށުމަށް ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ 'ގަޟާއީ އަހަރު 2022'، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ރޭ އިފްތިތާހުކޮށްދެއްވައިފިއެވެ.

ރައީސް ޞާލިޙު، 'ގަޟާއީ އަހަރު 2022' އިފްތިތާހުކޮށްދެއްވާފައި ވަނީ އެކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް އޮފީހުން ބުނީ، އެ ރަސްމިއްޔާތު ބޭއްވުމުގެ އެންމެ މުހިންމު އެއް މަގުސަދަކީ ފާއިތުވި އަހަރުގެ ތެރޭގައި ޝަރުއީ ދާއިރާއިން ކަނޑައެޅި ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލުވީ މިންވަރު ދެނެގަނެ، ފެށޭ އަހަރަށް ލަނޑުދަނޑިތަށް ކަނޑައެޅުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ތިން އެޕްލިކޭޝަނެއް އިފްތިތާހުކޮށްދެއްވާފަ -- ފޮޓޯ/ ރައީސް އޮފީސް

އެ ރަސްމިއްޔާތުގައި ޝަރުއީ ދާއިރާގެ މިދިޔަ އަހަރުގެ މަސައްކަތްތަކާއި މިއަހަރުގެ ލަނޑުދަނޑިތައް ދައްކުވައިދޭ ވީޑިއޯ ޕްރެސެންޓޭޝަނެއް ވަނީ ދައްކާފައެވެ.

މީގެ އިތުރުން، ޝަރުއީ ދާއިރާ އޮޓޯމޭޓްކުރުމުގެ ގޮތުން އަލަށް ތައާރަފްކޮށްފައިވާ ތިން އެޕްލިކޭޝަނެއް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިފްތިތާހުކޮށްދެއްވިއެވެ.

ހަމައެއާއެކު، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން ޙުސައިން ވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އާ ވެބްސައިޓް އިފްތިތާހުކޮށްދެއްވާފައެވެ. އަދި އުއްތަމަ ފަނޑިޔާރު، އަޙްމަދު މުޢުތަޞިމް އަދުނާން ވަނީ ސްޓޭޓް އޮފް ޖުޑީޝަރީ އެޑްރެސް އިއްވަވާފައެވެ.

comment ކޮމެންޓް