އެމްޑަބްލިޔުއެސްސީން ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިފި

އެމްޑަބްލިޔުއެސްސީން ވަނީ ހަތަރު ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައިފި --- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ން ހަތަރު ރަށެއްގެ ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ނިންމައިފިއެވެ.

އެމްޑަބްލިޔުއެސްސީން ނެރުނު ބަޔާނެއްގައިވާ ގޮތުން އެ ކުންފުނިން ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާފައި ވަނީ ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގައެވެ.

އޭގެ ތެރެއިން ކުޑަފަރީގެ ފެނާއި ނަރުދަމާ ނިޒާމް ކޮމިޝަންކުރުމުގެ މަސައްކަތްތައް މިހާރު ނިމިފައިވާ އިރު ކިނޮޅަހުގެ ކޮމިޝަނިންގެ މަސައްކަތްތައް ފަށައިގެން ކުރިއަށްގެންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ނ. މާޅެންދޫގެ ކޮމިޝަން ކުރުމުގެ މަސައްކަތް މާދަމާ ފަށަން ހަމަޖެހިފައިވާ ކަމަށާއި ގޮއިދޫގެ ކޮމިޝަނިންގެ މަސައްކަތް ފަށަން ތައްޔާރުވެފައިވާ ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

އެ ރަށްތަކުގެ ކޮމިޝަންކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ، ފެނަކަ ކޯޕަރޭޝަން އަދި އެމްޑަބްލިޔުއެސްސީގެ ބޭފުޅުން އެ ރަށްތަކަށް ވަޑައިގެންނެވެ.

މީގެ އިތުރުން އެރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ހަތަރު ރަށުގައި ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން ވަނީ، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި، އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި އާރްއޯ ޕްލާންޓާއި ފެން ރައްކާކުރުމަށްޓަކައި ތާނގީ ބަހައްޓާފައެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ވެސް ވަނީ ގުޅާފައި ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ ރަށްތަކުގައި ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާ މައިނެޓްވޯކާއި ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގު އިމާރާތްކޮށް، ޕަންޕިން ސްޓޭޝަން ގާއިމްކޮށް އަދި ސީ އައުޓްފޯލް އަޅައި ވަނީ ނިމިފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިދެވިފައެވެ.

މީގެ އިތުރުން މިމަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވަނީ ފޯރުކޮށްދީފައެވެ.

އެ ރަށްތަކުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުތަކަކީ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކެވެ. އެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 163.55 މިލިއަން ދިވެހި ރުފިޔާއެވެ.

comment ކޮމެންޓް