ސްޕްރައިޓް ހުސްކުރި ފުޅިއެއް ކުނި ވަށިގަނޑަށް ވައްޓާލައިގެން އިނާމު ހޯދުމުގެ ފުރުސަތެއް

ސްޕްރައިޓް ފުޅިއެއް ބުއިމަށް ފަހު ހުސްފުޅި ވަށިގަނޑަށް ވައްޓާލައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ -- ފޮޓޯ/ އެމްޑަބްލިޔުއެސްސީ

ސްޕްރައިޓް ބުއިމަށް ފަހު, ހުސް ފުޅި ކުނި ވަށިގަނޑަށް ވައްޓާލައިގެން އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޕްރައިޓުން ފަށާފައިވާ "ޑްރިންކް އިޓް އެންޑް ބިން އިޓް" ކެމްޕޭނުގެ މަގުސަދަކީ ހުސްފުޅިތައް ޒިންމާދާރުކަމާއެކު އުކާލުމުގެ އާދަ އަށަގެންނެވުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ސްޕްރައިޓުގެ އެ ކެމްޕޭން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ގައުމީ ޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަނުގައި ބާއްވާފައިވެއެވެ. ދެން އެ ކެމްޕޭން ކުރިއަށް ގެންދާނީ އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ސެންޓްރަލް ޕާކުގައެވެ.

އެ ކެމްޕޭންގެ ދަށުން ސެންޓްރަލް ޕާކުގައި، ބާސްކެޓް ބޯޅަ ހޫޕަކާއި ކުނި ވަށިގަނޑެއް ބަހައްޓާނެއެވެ. އަދި ކެމްޕޭނުގައި ބައިވެރިވުމަށް:

  • ސްޕްރައިޓް މޯލްޑިވްސްގެ އިންސްޓަގްރާމް ނުވަތަ ވަޓްސްއެޕްގައި ގާއިމްކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޮޓެއް މެދުވެރިކޮށް ވަށިގަނޑުތައް ބަހައްޓާފައި ހުރީ ކޮންތަނެއްގައިތޯ އޮޅުންފިލުވައި އެންމެ ކައިރީގައި ވަށިގަނޑެއް ހުރި ތަނަކަށް ދިއުން
  • އެތެރެ ފެންނަ ސްޕްރައިޓް ފުޅިއެއް ގަތުން ނުވަތަ ވަށިގަނޑު ބަހައްޓާފައި ހުރި ތަނުން ފުޅިއެއް ހޯދުން
  • ދެ ފޮޓޯ ނެގުން: އެއް ފޮޓޯގައި ފުޅިން ސްޕްރައިޓް ބޯ ތަން އަދި ދެ ވަނަ ފޮޓޯގައި ހުސް ފުޅި ވަށިގަނޑަށް ވައްޓާލާތަން ފެންނަން ވާނެ
  • މި ދެ ފޮޓޯ އެ މީހެއްގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ޕްރޮފައިލްގައި ޕޯސްޓުކޮށް 'ސްޕްރައިޓްމޯލްޑިވްސް' ޓެގުކުރުން

އެ މުބާރާތުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ މީހުން 'ސްޕްރައިޓްމޯލްޑިވްސް' އިންސްޓަގްރާމް ޕޭޖުން އިޢުލާން ކުރާނެއެވެ. އަދި ނަސީބުވެރިންނަށް އެޕަލް ވޮޗް ސީރީސް ސެވަން، އެއާޕޮޑް ޕްރޯ އަދި ޕާޓްނާ ރެސްޓޯރެންޓްތަކުން ގިފްޓް ވައުޗަރު ލިބުމުގެ ފުރުސަތު އޮންނާނެއެވެ.

މި ކެމްޕޭންގެ ތެރެއިން، ވަށިގަނޑުތަކަށް އަޅާފައިވާ ފުޅިތައް، ކޮކާކޯލާގެ ޕާޓްނަރު އެންޖީއޯ ކަމަށްވާ މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޮޕާ)އިން އެއްކުރާނެ އެވެ. އެ އެއްކުރާ ފުޅިތައް އަލުން ބޭނުންކޮށް، އެކި ބްރޭންޑުތަކުގެ ބޫޓާއި ސުވިމްވެއާ އަދި އަންނައުނު ފަދަ އާންމު ދިރިއުޅުމުގައި ބޭނުންކުރާ ތަފާތު ތަކެއްޗަށް ބަދަލުކުރާނެއެވެ.

ދާދި ފަހުން ސްޕްރައިޓުން ވަނީ އެ ބްރޭންޑުން މީގެ ކުރިން ބޭނުންކުރަމުން އައި ފެހި ކުލައިގެ ފުޅި ދޫކޮށްލައި އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް