ޔުކްރޭނަށް ކުރިމަތިވެފައި ވަނީ އިސްރާއީލަށް ކުރިމަތި ވެފައިވާފަދަ ކަމެއް: ޒެލެންސްކީ

ޒެލެންސްކީ

ކިޔޭވް (21 މާޗް 2022) : ރަޝިއާގެ ފަރާތުން ޔުކްރޭނަށް ކުރިމަތިވެފައިވާ ހަނގުރާމައަކީ އިސްރާއީލަށް ކުރިމަތިވެފައިވާފަދަ މައްސަލަތަކާ އެއްގޮތް ކަމެއްގެ ގޮތުގައި ޔުކްރޭންގެ ރައީސް ޒެލެންސްކީ ސިފަކުރައްވައިފިއެވެ.

ޒޫމް މެދުވެރިކޮށް ވާޗުއަލްކޮށް އިސްރާއީލުގެ ޕާލަމެންޓާ މުޚާތަބުކުރައްވައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ނަން ވިދާޅުނުވެ ޒެލެންސްކީ ވިދާޅުވީ އިސްރާއީލާއި ޔުކްރޭން އަކީ އެއްބާވަތުގެ އުދުވާނެއް ކުރިމަތިވެފައިވާ ދެގައުމު ކަމަށާއި އެހެންކަމުން އެއްގައުމު އަނެއްގައުމަށް އެހީތެރިވާންޖެހޭ ކަމަށެވެ.

މާޒީއަށް ބަލާއިރު ޖަރުމަނުގެ ކުރީގެ ލީޑަރު އެޑޮލްފް ހިޓަރުގެ ފަރާތުން ޔަހޫދީންނަށް ކުރިމަތިވި ކަމަށް ބުނާ ހޮލޮކޯސްޓް އަކީވެސް ރަޝިއާއިން މިހާރު ޔުކްރޭން އާ ދެކޮޅަށް ހިންގާ އުދުވާނާ އެއްގޮތް ކަމެއްކަމަށް ޒެލެންސްކީ ސިފަކުރެއްވިއެވެ.

ހޮލޮކޯސްޓަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީން މެރުމަށްޓަކައި ހިލްޓަރު އުފެއްދި ކަމަށް ޔަހޫދީން ބުނާ ގޭސް ޗެންބަރުތަކެއް ކަމަށްވެއެވެ. ހިޓްލަރުގެ އަނިޔާވެރިކަމުގައި މަރުވީ ހަމައެކަނި ޔަހޫދީންނެއް ނޫނެވެ. އެކި ނަސްލުތަކާއި އެކި ދީންތަކުގެ މީހުން މަރުވިއެވެ.

ޒެލެންސްކީ އެމެރިކާގެ ކޮންގްރެސްގެ މެންބަރުންނާ މުޚާތަބު ކުރައްވައި ޒޫމް ސްޕީޗެއް ދެއްވަނީ -- ފައިލް ފޮޓޯ

ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުން ވަނީ ހޮލޮކޯސްޓްގެ ކަންތައް ހިނގިވަރަށްވުރެ މާބޮޑުކޮށްލައިގެން ފަލަސްތީނުގައި ޔަހޫދީންނަށް ގައުމެއް އުފެއްދުމަށާއި އަދި ފަލަސްތީނަށް ވެރިވެގަތުމަށްޓަކައި އޭގެނާޖާއިޒު ފައިދާނަގާފައެވެ.

އަދި ޔަހޫދީ ޖަމާއަތްތަކުން ފަލަސްތީނުގެ ބިމުގައި ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގި ބިރުވެރި ގަތުލުއާންމުތައް ދިފާއުކުރުމަށާއި ޔަހޫދީންނަށް ހުޅަނގުގެ ހަމްދަރުދީ ހޯދުމަށްވެސް ޔަހޫދީ ޖަމާއަތްތަކުންނާއި އިސްރާއީލުވަނީ ހޮލޮކޯސްޓްގެ ބޭނުން ހިފާފައެވެ.

ހޮލޮކޯސްޓްގެ ބަދަލުގެ ގޮތުގައިވެސް އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ޔަހޫދީ ޖަމާއަތްތަކުންނާއި އިސްރާއީލުވަނީ ޖަރުމަނުގެ އަތުން ހޯދާފައެވެ. އަދި އިސްރާއީލުގެ ނުފޫޒުގައި ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވަނީ ހޮލޮކޯސްޓަށް އިންކާރުކުރުމަކީ އެތައް އަހަރަކަށް ޖަލަށް ލެވޭފަދަ ބޮޑު ޖިނާއީ ކުށަކަށްވެސް ހަދާފައެވެ. ޔަހޫދީންގެ މަސްލަހަތާ ޖެހުމުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވެސް ނޯންނަގޮތަށެވެ. ޔޫރަޕްގައި ހެއްދެވި ފަރާތަށް އިންކާރުކުރުމަކީ ކުށެއް ނޫނެވެ. ނަމަވެސް ހަޔޫދީންނާ ދެކޮޅަށް ނާޒީ ޖަރުމަނުން ހިންގިކަމަށް ބުނެވޭ ހޮލޮކޯސްޓަށް އިންކާރު ކޮށްލުމަކީވެސް ބޮޑުވެގެންވާ ކުށެކެވެ. ޖަލަށްލައިގެން އަދަބު ދެވޭ ކުށެކެވެ.

އިސްރާއީލުން އުފައްދާފައިވާ މިސައިލް އައްޑަނައިގެ ނިޒާމެއްކަމަށްވާ "އަޔަންޑޯމް" ޔުކްރޭނަށް ފޯރުކޮށްދިނުމަށް އިސްރާއީލު ފަސްޖެހޭ މައްސަލާގައި ޒެލެންސްކީ ވިދާޅުވީ އިސްރާއީލުން އެ ނިޒާމު ޔުކްރޭނަށް ދީފިނަމަ ޔުކްރޭންގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޔަހޫދީންގެ އެތައް ބައެއްގެ ފުރާނަ ސަލާމަތްވާނެ ކަމަށެވެ.

ޒެލެންސްކީއަކީ ޔުކްރޭންގެ ޔަހޫދީ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާވަނީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް ދޭ ހަމަލާތަކަކީ ޓެރަރިސްޓް ހަމަލާތަކެއްކަމަށް ކުރިން ސިފަކުރައްވާފައެވެ.

މިދިޔަ ރޯދަމަހު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ބޮންއަޅައި ފަލަސްތީނުގެ އެތައްބަޔަކު ޝަހީދުކުރަމުން ގެންދިޔައިރު އިސްރާއީލުގެ އެޖަރީމާތައް ކުށްވެރިނުކުރާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ޔުކްރޭން ހިމެނެއެވެ.

އެމެރިކާގެ އެހީގައި އިސްރާއީލުން ތަރައްގީ ކޮށްފައިވާ "އަޔަންޑޯމް" ނިޒާމަކީ ފަލަސްތީނުގެ ޖަމާއަތްތަކުން އިސްރާއީލާ ދެކޮޅަށްކުރާ މިނިވަންކަމުގެ ޖިހާދުގައި އިސްރާއީލަށް ދޭ މިސައިލް ހަމަލާތައް އެއްކޮށް މަތަކުރުމުގައި ނާކާމިޔާބުވެފައިވާ ނިޒާމެކެވެ. އެނިޒާމަށް މަތަކުރެވޭކަމަށްވަނީ ފަލަސްތީނުގެ މުޖާހިދުން ދޭ ރޮކެޓް ހަމަލާތަކުގެ ގާތްގަނޑަކަށް ހަތްދިހަ އިންސައްތަ ހަމަލާތައް ކަމަށްވެއެވެ.

އިސްރާއީލު މިހާރު ގެންދަނީ އެމެރިކާގެ މާލީ އަދި ފަންނީ އެހީއާއެކު "އަޔަންޑޯމް" ނިޒާމު އިތުރަށް ތަރައްގީ ކުރަމުންނެވެ. "އަޔަންޑޯމް" ނިޒާމު ޔުކްރޭނަށް ދީފިނަމަ ރަޝިއާގެ ނުރުހުން އިސްރާއީލަށް އަމާޒުވެ އިސްރާއީލުގެ ދުޝްމަނުންކަމަށްވާ ސޫރިޔާއާއި އީރާން ފަދަ ގައުމުތަކަށް ހަތިޔާރުގެ ޒަމާނީ ޓެކްނޮލޮޖީ ރަޝިއާއިން ފޯރުކޮށްދީފާނެ ކަމުގެ ބިރު އިސްރާއީލުން އިހްސާސް ކުރެއެވެ.

comment ކޮމެންޓް