ގްރީން އަދި މާޒިޔާއަށް މޮޅެއް

ލީގުގައި މާޒިޔާ އާއި ވެލެންސިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބް ގްރީން ސްޓްރީޓްސް އާއި ކުލަބް އީގަލްސް ބައްދަލުކުރި މެޗު އީގަލްސް އިން ކާމިޔާބުކޮށްފިއެވެ.

މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު ޖަހައިދިނީ އަޙުމަދު ޙަސަން (އައްމަޑޭ)އެވެ. އޭގެ ދެ މިނެޓު ފަހުން އައްމަޑޭ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހި، ޢަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) އަށް ލިބުމުން އޭނާ ވަނީ ބޯޅަ ގޯލަށް ފޮނުވާލައިފައެވެ.

ގްރީން ސްޓްރީޓްސްއިން މެޗުގައި ލަނޑެއް ޖެހީ ދެ ވަނަ ހާފު ފަށައިގެން 54 ވަނަ މިނެޓުގައެވެ. ގްރީން ސްޓްރީޓްސްއަށް މި ލަނޑު ޖަހައިދިނީ ޙަސަން ނަޒީމް ގާސިމް (ޗޯޓު)އެވެ.

އީގަލްސްގެ ފަހު ދެ ގޯލު ޖަހައިދިނީ އަހުމަދު ރިޒްވާން (ރިޒޭ)އެވެ. ގްރީން ސްޓްރީޓްސްގެ ދެ ވަނަ ލަނޑު މެޗުގެ 76 މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ސްޕެއިން މިޑްފީލްޑަރު އެންހެލް ކަރަސްކޯސާ މުނޯޒްއެވެ.

މެޗުން އީގަލްސް މޮޅުވެފައިވަނީ 4-2 ގެ ނެތީޖާއަކުންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ އީގަލްސްގެ ރިޒޭއެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި މާޒިޔާއިން ނިކުތީ ކުލަބް ވެލެންސިޔާއާ ދެކޮޅަށެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)އެވެ. އެއީ ވެލެންސިޔާގެ އޭރިޔާ ތެރެއިން ޑިފެންޑަރުން ގައިގައި ޖެހިފައި ބްލޮކްވެގެން އައި ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މާޒިޔާފެ ދެ ވަނަ ލަނޑު މެޗުގެ 56 ވަނަ މިނިޓްގައި ޖެހީ ޓަނާ ޑޮމިންގޭޒްއެވެ. މިއީ މާޒިޔާއަށް ކުޅުނު ހަ މެޗުގެ ތެރެއިން އޭނާ އެ ޓީމަށް ކާމިޔާބު ކޮށްދިން ހަތް ވަނަ ގޯލެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު އަކްރަމް ޢަބްދުލް ޣަނީ (އަކޫ) ޖެހީ ޓަނާ ނަގައިދިން ކޯނަރަކުންނެވެ. މާޒިޔާގެ ހަތަރު ވަނަ ލަނޑު މެޗުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަސަދުﷲ ޢަބްދުﷲ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ މާޒިޔާގެ ޓަނާއެވެ.

ލީގު ތާވަލްގެ އެއް ވަނައިގައި މާޒިޔާ އޮތީ 21 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އީގަލްސް އޮތީ 16 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި ވެލެންސިއާ އޮތީ 12 ޕޮއިންޓާ އެކުއެވެ. ހަތަރު ވަނައިގައި 10 ޕޮއިންޓާއެކު ޓީސީ ސްޕޯޓްސް ކްލަބް އޮތްއިރު، ފަސް ވަނައިގައި ޔުނައިޓެޑް ވިކްޓްރީ އޮތީ ނުވަ ޕޮއިންޓާ އެކުއެވެ. ހަ ވަނައިގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އޮތީ ހަތް ޕޮއިންޓާއެކުއެވެ. ހަތް ވަނައިގައި ކްލަބް ގްރީން ސްޓްރީޓްސް އޮތީ ހަތަރު ޕޮއިންޓާ އެކުއެވެ. އެންމެ ފުލުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އޮތީ މޮޅެއް ނުލިބި، އެއް ޕޮއިންޓާ އެކުއެވެ.

comment ކޮމެންޓް