ރެފްރީގެ ނިންމުން ގަބޫލު ނުކުރެވި އެފްޑީއެސްގެ ޓީމު ދަނޑުން ފައިބައިފި

ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕްގެ ފ.އަތޮޅުގެ ފިރިހެން ޑިވިޝަންގައި އިއްޔެ ބިލެއްދޫ އާއި ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) ބައްދަލުކުރި މެޗުގައި ރެފްރީގެ ނިންމުމަކާމެދު ހިތް ހަމަ ނުޖެހި އެފްޑީއެސްގެ ޓީމު ދަނޑުން ފައިބައިފިއެވެ.

މެޗަށް ނިކުތްއިރު މުބާރާތުގައި ކުރިއަށް ދިޔުމަަށް މި މެޗަކީ އެފްޑީއެސް އަށް ވަރަށް މުހިންމު މެޗެކެވެ. އަދި ފައިނަލްގެ ޖާގަ ޔަގީން ކުރަން ބިލެއްދޫއަށް ވެސް މުހިންމު މެޗެކެވެ.

ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ފުރަތަމަ ސެޓު ބިލެއްދޫން ކާމިޔާބުކުރީ 25-23 ގެ ހަނި ނަތީޖާއަކުންނެވެ. ދެ ވަަނަ ސެޓުގެ ކުޅުން ފަށައިގެން 1-1 އިން އެއްވަރުވެފައި ވަނިކޮށް، އެފްޑީއެސްގެ ސެޓަރު އާނިމް އަޙުމަދު ދެ ވަނަ ބޯޅަ ފޮނުވާލަން އުޅުމުގެ ތެރޭގައި ބޯޅަ ނެޓުގައި ޖެހިފައި އައުމުން އަޒީމް އަޙުމަދު ވަނީ ބޯޅަ ބިލެއްދޫގެ ކޯޓަށް ފޮނުވާލާފައެވެ. ނަމަވެސް ރެފްރީ ދެއްކީ ހަތަރު ޓަޗްވީ ކަމުގައެވެ.

އެއާއެކު އެފްޑީއެސް ޓީމުން ވަނީ އެކަމާ ދެކޮޅަށް އެޕީލްކޮށް ދަނޑުން ފައިބައިފައެވެ. ޓީމު ދަނޑުން ފޭބުމާއެކު ރެފްރީ ވަނީ ދަނޑަށް އެރުމަށް އަންގާފައެވެ. ނަމަވެސް އެފްޑީއެސް ޓީމުގެ ކޯޗު ނިންމީ އެ ޓީމުން ދަނޑަށް ނާރާނެ ކަމުގައެވެ. ތަކުރާރުކޮށް އެންގުމުން ވެސް ޓީމު ދަނޑަށް ނޭރުމުން ރެފްރީ ވަނީ މެޗު ނިންމާލާފައެވެ.

މިކަމާ ގުޅިގެން އެފްޑީއެސް އިން ވަނީ މައްސަލަ ހުށަހަޅާފައެވެ. މައްސަލަގައިވާ ގޮތުން ފުރަތަމަ ސެޓުގައި ވެސް ރެފްރީގެ ފަރާތުން މައްސަލަތަކެއްް ފާހަގަ ކުރެވުމުން އެކަން އެޓީމުން ވާނީ ޑަބަލް ރެފްރީގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ދެ ވަނަ ސެޓު ފަށައިގެން ހަތަރު ޓަޗް ނުވާ ބޯޅައެއް ރެފްރީ ހަތަރު ޓަޗްވިކަމަށް ދެއްކިކަން އެ ޓީމުން ފާހަގަކޮށްފައިވެއެވެ. އަދި އެކަން ވެސް ރެފްރީގެ ސަމާލުކަމަށް ގެނައިކަން ފާހަގަކޮށްފައިވެއެވެ.

ރެފްރީގެ ނިންމުން ރަނގަޅުކަމަށް ބުނެ ރެފްރީ މެޗު ކުރިއަށް ގެންދަން ފެށުމުން އަނެއްކާވެސް އެޓީމުން އެޕީލް ކުރިކަމަށް މައްސަލައިގައި ބުނެފައިވެއެވެ. އެއާއެކު ރެފްރީ ހަރުގަނޑުން ފައިބައި ވީޑިއޯ ބެލުމަށްފަހު ރެފްރީއަށް ނިންމުނީ ގޯސް ނިންމުމެއް ކަމަށް ބުނެފައިވާކަމަަށް އެ ޓީމުން ހުށަހެޅި ސިޓީގައިވެއެވެ.

އެއާއެކު އެފްޑީއެސް އިން ރެފްރީސް ކޮމެޓީގައި އެދުނީ އެޓީމަށް އިތުރަށް އެއްބާރުލުން ދެވޭނީ މެޗު ކޮމިޝަނަރު ހާޟިރުވުމުން ކަމަށެވެ. އެ ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި މައްސަލަ ޖެހުނު ނަމަވެސް، ރެފްރީ އެޓީމުގެ ކުޅުންތެރިޔަކަށް ވެސް އަދި އޮފިޝަލަކަށް ވެސް ނަސޭހަތެއް ދީފައި ނުވެއެވެ. އަދި ކާޑެއް ވެސް ދައްކާފައިނުވެއެވެ.

އިތުރަށް އެޓީމުން ފާހަގަކޮށްފައިވާ ގޮތުގައި ރެފްރީ މެޗު ނިންމާލާފައިވަނީ އެޓީމަށް ކުޅޭނެ ފުރުސަތެއް ނުދީއެވެ. އަދި ޓީމު ދަނޑަށް އެރުމަށް ރެފްރީ އެއްވެސް ވަރަކަށް ކަށިގަނޑު އަޅާފައިނުވާކަން އެޓީމުން ފާހަގަކޮށްފައިވެއެވެ.

މިކަމާ ގުޅިގެން ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އިން ބުނެފައިވަނީ މި މައްސަލައާ ގުޅިގެން އެފްޑީއެސްގެ ފަރާތުން ސިޓީއެއް ހުށަހަޅާފައިވާކަމަށާއި، ޑިސިޕްލިނަރީ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށްފަހު އެކަމާމެދު ގޮތެއް ނިންމާނެ ކަމަށެވެ.

comment ކޮމެންޓް