އިސްލާމޮފޯބިއާ އާ ދެކޮޅަށް މަސައްކަތްކުރާ ދުވަހެއްގެ ގޮތުގައި މާޗް 15 ކަނޑައަޅައިފި

މިނިސްޓަރު ޝާހިދު--- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ ބައިވެރިވުމާއެކު، އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ (އިންޓަނޭޝަނަލް ޑޭ ޓު ކޮމްބެޓް އިސްލާމޮފޯބިއާ) ގޮތުގައި ކޮންމެ އަހަރެއްގެ މާޗް މަހުގެ 15 ދުވަސް ފާހަގަކުރުމަށް އދ.ގެ އާއްމު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ (އޯއައިސީ)ގެ ފަރާތުން ހުށަހެޅި ގަރާރެއްގައި ހިމެނޭ ކަންކަމާ މެދު ގައުމުތައް އެއްބަސްވުމަކަށް ގެނައުމަށް، އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.

މި ދުވަސް ބައިނަލްއަޤްވާމީ ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާމީ ޤައުމުތަކުގެ ޖަމްއިއްޔާގެ ޚާރިޖީ ވަޒީރުންގެ ކައުންސިލުން 2020 ވަނަ އަހަރު ނޮވެމްބަރު މަހު ނީޖަރގެ ނިއާމޭގައި ނިންމި ބައްދަލުވުމުގައިވެސް ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަތެވެ.

މި ޤަރާރު އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅުމަށް މެމްބަރު ޤައުމުތަކުން ކުރި މަސައްކަތުގައި ރާއްޖެއިން ވަނީ މުހިއްމު މަސައްކަތްތަކެއް ކޮށްފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިސްލާމް ދީނާމެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ދުވަހުގެ މަގްސަދުތަކުގެ ތެރޭގައި، އިސްލާމް ދީން ހިމެނޭހެން އެކި ދީންތަކަށް ނިސްބަތްވީތީ ކުރިމަތިވާ ތަފާތުކުރުންތަކާ ފުރައްސާރައާ ދެކޮޅަށް މަސައްކަތް ކުރުން ހިމެނެއެވެ. އަދި އަޅުކަންކުރާ ތަންތަނަށް އެކި ގޮތްގޮތުން ދެވޭ ހަމަލާތައް ކުށްވެރިކުރުންވެސް ހިމެނެއެވެ.

comment ކޮމެންޓް