ވަޓްސްއެޕްއިން ކޯލް ލިންކްސް ޝެއާ ކުރެވޭ ފީޗާ ތައާރަފް ކޮށްފި

ވަޓްސްއެޕް އިންވެސް ޝެއާ ކުރެވޭ ކޯލް ލިންކްސް ފީޗާ ތައާރަފް ކޮށްފިއެވެ.

ވީޑިއޯ ކޯލްތައް ކްރިއޭޓްކޮށް ލިންކް ޝެއާކުރުމަކީ ޒޫމް ނުވަތަ ގޫގުލް މީޓް ފަދަ އެޕްތަކުގެ ތެރެއިން އާންމު ކަމެކެވެ. އެކަމަކު މިހާރު މަޝްހޫރު ޗެޓް އެޕް ވަޓްސްއެޕް އިން ވެސް ވަނީ މި ފީޗާ ތައާރަފްކޮށްފައެވެ. ވަޓްސްއެޕް އިންވެސް މިހާރު ވަޓްސްއެޕް ވީޑިއޯކޯލް ލިންކް ކްރިއޭޓްކޮށް ޒޫމް ނުވަތަ މީޓް އެކޭ ދާދި އެއްގޮތަށް ވީޑިއޯ ކޯލެއްގެ ލިންކެއް އާއިލާ އާއި ރައްޓެހިންނާ ހިއްސާ ކުރެވޭނެއެވެ.

މާކް ޒުކަބާގް މި ފީޗާ އިއުލާން ކުރައްވަމުން، ސިންގަލް ޓެޕް އަކުން މި ލިންކް މެދުވެރިކޮށް މިހާރު ވަޓްސްއެޕް ކޯލްތަކާ ގުޅޭނެކަން ފާހަގަކުރެއްވިއެވެ. އަދި އެ ކުންފުނިން މިހާރު ދަނީ 32 މީހުންގެ އެންކްރިޕްޓް ވީޑިއޯ ކޯލް ޓެސްޓް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ކުންފުނިން ފުރަތަމަ އެކްސްޓެންޑް ގްރޫޕް ކޯލް ފީޗާ އިއުލާންކޮށްފައި ވަނީ މީގެ ކުރިން އޭޕްރީލް މަހު ނަމަވެސް މިހާރު ވަނީ ބައެއް ޔޫޒަރުންނަށް އެ ފީޗާ ބޭނުން ކުރެވޭ ގޮތް ހަދާފައެވެ.

"ކޯލްސް ޓެބްގެ ދަށުން ވީޑިއޯ ލިންކެއް އުފެއްދުމުގެ އިޚްތިޔާރު ޔޫޒަރުންނަށް ފެންނާނެ. އެ ލިންކް އުފެއްދުމުން ވީޑިއޯ ކޯލްގައި ބައިވެރިވުމަށް ރައްޓެހިންނާއި އާއިލާއާ ހިއްސާ ކުރެވޭނެ،" ޒުކަބާގް ވިދާޅުވިއެވެ.

ކޯލް ލިންކްސް ފީޗާ މި ހަފުތާގައި ހުރިހާ ޔޫޒަރުންނަށް ވެސް ތައާރަފް ކުރަމުންދާތީ ވަޓްސްއެޕްގެ އެޕް އަޕްޑޭޓްތަކަށް ފާރަލަން ޖެހޭނެ ކަމަށް އެކުންފުނިން ބުނެއެވެ. ޗެޓް އެޕްގައި ބުނެފައި ވަނީ އެ ލިންކްގެ މުއްދަތު ހަމަވާނީ 90 ދުވަސް ވަންދެން އިންއެކްޓިވިޓީއަށް ފަހު ކަމަށެވެ. ހަމައެހެންމެ ވަޓްސްއެޕް ބޭނުން ނުކުރާ މީހަކަށް ފޮނުވައިފިނަމަ އެ އެޕް ޑައުންލޯޑް ކުރުމަށް ރީޑައިރެކްޓް ކުރެވޭނެއެވެ.

މިދިޔަ މަހު މެޓާއިން ވަނީ ވަޓްސްއެޕްގައި ކޮމިއުނިޓީސް ފީޗާސް ޓެސްޓް ކުރަން ފަށާފައި ކަމަށާއި މި ފީޗާގެ ދަށުން އެޑްމިން އަށް އެތައް ޔޫޒާ ގްރޫޕްތަކެއް ހިމެނޭ ކޮމިއުނިޓީއެއް އުފެއްދުމަށް ފުރުސަތު ލިބޭނެކަމަށް އެ ކުންފުނިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު