ޓާނާގެ ހެޓްރިކާއެކު މާޒިޔާއިން ގްރީން ކޮޅަށް ލަނޑު ފުންޏެއް ޖަހައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ / އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން މާޒިޔާއިން ކާމިޔާބުކޮށްފިއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 6-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 18 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގީ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ޖެހި ލަނޑުންނެވެ. އެއީ ގްރީންގެ އޭރިޔާ ތެރެއިން ޓާނާ ޑޮމިންގޭޒް ފޮނުވާލި ބޯޅައެއް ގްރީންގެ ޑިފެންޑަރެއްގެ ގައިގައި ޖެހި ބްލޮކްވި ބޯޅަ ކޯނޭއަށް ލިބުމުން އޭނާ ގޯލަށް ފޮނުވާލި ބޯޅައެކެވެ.

މާޒިޔާގެ ދެވަނަ ލަނޑު ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ޓާނާ އެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކައިރީ ކަނަށެވެ. އޭގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓާނާ ވަނީ އަނެއްކާވެސް ލަނޑެއް ޖަހައި މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ. އެއީ ގްރީންގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ގޯލުގެ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި މާޒިޔާގެ ނާއިޒް ހަސަން (ދާދު) ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ގްރީންގެ އޭރިޔާ ތެރެއިން ކޯނޭ ފޮނުވާލި ބޯޅަ ގަރީންގެ ކީޕަރުގެ އަތު ޖެހި ރީބައުންސަށް އައި ބޮޅަ ދާދު ވަނީ ތިރި ތިރިން ގޯލަށް ފޮނުވާލާފައެވެ.

މެޗުގެ 55 ވަނަ މިނެޓުގައި ގަރީންއަށް ލިބުނު ހިލޭ ޖެހުމެއްގައި ކެޕްޓަން ރިޟްވާން ވަހީދު (ރިލޭ) ފޮނުވާލި ބޯޅަ އަމާޒުވީ މާޒިޔާގެ ގޯލު ދަނޑިއަށެވެ. މާޒިޔާގެ ފަސް ވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓާނާއެވެ. މިއީ އޭނާގެ ހެޓްރިކެވެ. އެ ލަނޑު އޭނާ ޖެހީ އަސަދުﷲ އަބްދުﷲ ދިން ބޯޅައަކުންނެވެ.

މެޗުގެ ފަހު ވަގުތުގެ ތެރޭގައި މާޒިޔާގެ ހަ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޕުއެވެ. ބޯޅައާއެކު އޭރިޔާ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދާގަނޑަށެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ އެއް ވަނައިގައި އޮތީ ހަ މެޗުން 18 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި ވެލެންސިއާ އޮތީ 12 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި ކުލަބް އީގަލްސް އޮތީ 10 ޕޮއިންޓާއެކުއެވެ.

ލީގުގައި މިރޭ ކުލަބް ވެލެންސިއާ ނިކުންނާނީ ކުލަބް އީގަލްސްއާ ދެކޮޅަށެވެ.

comment ކޮމެންޓް