އިރާގުގެ އިރުބީލަށް ދިން ހަމަލާތަކުގެ އަމާޒަކީ އިސްރާއީލުގެ ޖާސޫސީ ބޭސްތައް: އީރާން

އިރުބީލް ގެ އިމާރާތަކަށް އެރި މިސައިލް ހަމަލާތަކަށްފަހު އެއިމާރާތް އަނދަނީ

ތެހެރާން (13 މާޗް 2022): އިރާގުގެ އުތުރުގެ ކުރުދިސްތާން ސަރަހައްދުގެ ސިޓީއެއްކަމަށްވާ އިރުބީލް އަށް ދިން ބަލިސްޓިކް މިސައިލް ހަމަލާތައް އަމާޒުކޮށްފައިވަނީ އެސިޓީގައި އިސްރާއީލުން ބިނާކުރާ ސިއްރު ބޭސްތަކަކަށް ކަމަށް އީރާނުގެ ރަސްމީ ޓީވީން ބުނެފިއެވެ.

އީރާނުގެ ރަސްމީ ޓީވީ ބުނިގޮތުގައި އިރުބީލްގައި ހުންނަ އިސްރާއީލުގެ އަސްކަރީ އަދި ޖާސޫސީ ސިއްރު ބޭސްތަކަކަށް މިސައިލް ހަމަލާތަކެއް އަރާފައިވާކަމަށާއި އެހަމަލާތަކުގައި މާއްދީ ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. އެމެރިކާ ބުނާގޮތުން އިރާގުގެ އިރުބީލުގެ އިމާރާތަކަށް 12 ބަލިސްޓިކް މިސައިލުން ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު އެ މިސައިލްތައް އައިސްފައިވަނީ އީރާނުންނެވެ. ނަމަވެސް އެހަމަލާތަކުގެ ޒިންމާ އީރާނުން އުފުލާފައެއް ނުވެއެވެ. އަދި އެއީ އީރާނުގެ ހަމަލާތަކެއްނޫންކަންވެސް އީރާނުން ބުނެފައެއް ނުވެއެވެ.

އިރާގުގެ އުތުރުގެ ކުރުދިސްތާން ސަރަހައްދަކީ އިރާގުގެ ކުރުދީން ދިރިއުޅޭ އަދި ލާމަރުކަޒީގޮތުން ބޮޑެތި ބާރުތަކެއް ދީފައިވާ ސަރަހައްދެކެވެ. އެސަރަހައްދުގައި ލޯކަލް ސަރުކާރަކާއި ލޯކަލް ޕާލަމެންޓެއް އޮވެއެވެ. ނަމަވެސް ޚާރިޖީ ކަންކަމާއި ދިފާއީ ކަންކަމުގެ ބާރު އޮންނަނީ އިރާގުގެ މައި ސަރުކާރުގެ ބާރުގެ ދަށުގައެވެ.

އިސްރާއީލުގެންދަނީ އިރާގުގެ ކުރުދީންނާ ސިއްރު ގުޅުންތަކެއް ގާއިމް ކުރަމުންނެވެ. މިކަމުގައި އިސްރާއީލު ގެ އަމާޒަކީ އީރާން ކަމަށްވެއެވެ. އިރާގުގެ މައިސަރުކާރުގެ ގާނޫނުތަކާ ޚިލާފަށް ކުރުދިސްތާން ސަރަހައްދަށް އިސްރާއީލުގެ މަސްއޫލުވެރިން ސިއްރިޔާތުގައި ދަތުރުކޮށް ކުރުދިސްތާނުގެ ލޯކަލް ސަރުކާރާއެކު ސިއްރު ގުޅުންތަކެއް ބާއްވާ ކަމުގެ ޚަބަރުތައް ދޭތެރެއަކުން އިރާގުގެ ނޫސްތަކުން ލީކުކޮށްލައެވެ.

މިމައްސަލާގައި އިރާގުގެ މައިސަރުކާރުން ކުރުދީންގެ ލޯކަލް ސަރުކާރަށް އިންޒާރުތަކެއްވެސް ކުރިން ދީފައިވެއެވެ. އަނެއްކޮޅުން އިރާގުގެ ކުރުދިސްތާން ސަރަހައްދުގައި އެމެރިކާގެ ބޮޑު ކޮންސިއުލޭޓެއްވެސް ހުރެއެވެ. އިސްރާއީލު މަސްއޫލުވެރިންނާއި ޖާސޫސުން ސިއްރިޔާތުގައި އެސަރަހައްދަށް އަންނަނީ އެމެރިކާގެ ޑިޕްލޮމެޓިކް މަދަދާ އެކުގައި ކަމަށް އިރާގުގެ މިޑިއާތަކުން ތަކުރާރުކޮށް ހާމަކޮށްފައިވެއެވެ.

އިރުބީލަށް ބަލިސްޓިކް މިސައިލުން ދިން ހަމަލާތަކުގެ އަމާޒަކީ އެސިޓީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓް ކަމަށާއި ނަމަވެސް ހަމަލާ އަރާފައިވަނީ އެތަނުގައިވާ އެހެން އިމާރާތަކަށްކަމާ އަދި އެހަމަލާތަކުގައި މީހަކަށް ގެއްލުމެއް ނުލިބޭކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. އަދި ހަމަލާދިން މިސައިލްތައް އައީ އީރާނުގެ ތެރޭންކަމަށްވެސް އެމެރިކާ ބުނެފައިވެއެވެ.

އިރާގުންވަނީ މިކަން ތަހްގީގް ކުރަމުން ގެންދާކަމަށް ބުނެފައެވެ. އަދި ހަމަލާތަކުގައި މާއްދީ ގެއްލުންތަކެއް ލިބި މީހަކު ޒަޚަމްވި ކަމަށްވެސް އިރާގުން ބުނެފައިވެއެވެ.

މުރާސިލުން ލަފާކުރާ ގޮތުގައި މިއީ ސޫރިޔާގައިވާ އީރާނުގެ އަމާޒުތަކަށް އިސްރާއީލުން ތަކުރާރުކޮށް ދެމުން ގެންދާ ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދިން ހަމަލާތަކެކެވެ. މި ހަމަލާތަކުގެ ބޭނުމަކީ އިސްރާއީލުގެ އުދުވާނަށް ރައްދު ދިނުމުގެ ގާބިލްކަން އީރާނުގެ ކިބާގައި ހުރިކަން އިސްރާއީލަށާއި އެމެރިކާއަށް އެންގުމެވެ. އަދި އިރާގުގެ ކުރުދިސްތާންގައި ސިއްރިޔާތުގައި އިސްރާއީލު ހިންގާ ހަރަކާތްތައް އީރާނަށް އެނގޭކަމާއި އެކަންކަމަށް އީރާނުން ފާރަލާކަމާއި ހަމަލާދޭން ޖެހިއްޖެނަމަ ހަމަލާދޭނެކަމުގެ އިންޒާރު އެމެރިކާއަށާއި އިސްރާއީލަށް ދިނުމެވެ.

ސޫރިޔާގައިވާ އީރާނުގެ އަމާޒުތަކަށް އިސްރާއީލުން ހަމަލާދެމުން ގެންދަނީ އެމެރިކާގެ ރުހުމާ އެކުގައި ކަމަށް ވެއެވެ. މީހަކަށް ގެއްލުން ނުވާގޮތަށް އީރާނުން އަރުބީލްއަށް ހަމަލާދިން ދިނުމަކީ އިސްރާއީލާއި އެމެރިކާއަށް އީރާން ދިން ވަރުގަދަ މެސެޖެއްކަމަށް މުހައްލިލުން ވިދާޅުވެއެވެ. އިރުބީލްއަށް ދިން ހަމަލާއާ ގުޅުން ނުވާކަމަށްވެސް އަދި ގުޅުންވާކަމަށްވެސް ބުނަން އީރާން ބޭނުންނުވަނީ މިއީ އީރާނުގެ ކަމެއްކަން އެމެރިކާއާއި އިސްރާއީލަށް އެންގުމުގެ ބޭނުމުގައި ކަމަށް މިފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް