ޓްރާންސްޕޯޓް މިނިސްޓްރީގެ ބަޔާނުގައި ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި: ޑްރައިވަރުން

ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު ބަޔާނުގައި ހަގީގަތާއި ޚިލާފު ބޮޑެތި އޮޅުވާލުންތަކެއް އެބަހުރި ކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ޓެކްސީ ސެންޓަރުތަކާއި، ޑްރައިވަރުންގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އަހްމަދު ޝަމާލް "ސަން" އަށް ބުނީ އެ ބަޔާނަކީ ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއް ކަމަށެވެ.

"ފުރަތަމަ ކަމަކީ އަޅުގަނޑުމެން އެ ސިޓީ ހުށަހެޅީ މިމަހުގެ ފަސްވަނަ ދުވަހު، އެ ދުވަހު އޮންނާނެ ފަސް ދުވަހުގެ މުހުލަތެއް ދީފައި. ހަތްވަނަ ދުވަހަކީ މިނިސްޓްރީއާ ބައްދަލުވި ދުވަސް،" ޝަމާލް ބުންޏެވެ.

ހަމައެއާއެކު، ޑްރައިވަރުން ހުށަހެޅި ޑިމާންޑުތަކުގެ ތެރެއިން އެންމެ މައިގަނޑު ޑިމާންޑަކީ މީޓަރު ހަރުކުރުން ކަމަށާއި، އެއާ އެކު 11 ނުކުތާއެއް ހުށަހެޅިކަން އޭނާ ފާހަގަކުރިއެވެ.

"އޭގެ ތެރެއިން އެއް ކަންތައް އޮތް މިނިސްޓަރު ވަގުތުން ހައްލެއް ހޯއްދަވާނެ ކަމަށް ވިދާޅުވި. އެއީ އެއާޕޯޓުގައި އޮންނަ ޕްރައިވެޓް ކާރު ކިޔޫ އުވާލުން،" އޭނާ ބުންޏެވެ.

ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމަށް އެއްވެސް ހައްލެއް ލިބިފައި ނުވާކަން ޝަމާލް ފާހަގަކުރިއެވެ.

މީގެ އިތުރުން ޝަމާލް ބުނީ މިމަހުގެ 11 ވަނަ ދުވަހުގެ އިހްތިޖާޖުގައި ޑްރައިވަރުން ހައިވޭއަށް އަރާ މަގު ބަންދުކުރި ކަމަށް މިނިސްޓްރީގެ ބަޔާނުގައި ތުހުމަތުކޮށްފައިވާ ކަމަށާއި، އެއީ ހަގީގަތާ ޚިލާފު ވާހަކައެއް ކަމަށެވެ.

"އަޅުގަނޑުމެން ހުރިހާ ޓެކްސީތައް ދިޔައީ އެއް ލައިނެއްގައި. ހަތަރު ލޭނުގެ މަގެއް އެއީ، އެ މަގުގެ ގަވާއިދު ފަޅިން އެއް ލޭނެއްގައި ދިޔައީ ދަނިކޮށް، ފުލުހުން އެ މަގު ބަންދުކުރީ،" އޭނާ ބުންޏެެވެ.

އޭނާ ބުނީ ފުލުހުން މަގު ބަންދު ކުރުމުން އިހުތިޖާޖުގެ ބައިވެރިން އެހެން ލޭނުތަކަށް ބެހުނީ، މާލެއަށް ދެވޭނީ އެހެން ހެދުމުން ކަމަށް ހީވެގެން ކަމަށެވެ. ނަމަވެސް ޓެކްސީތައް އެ ލޭނުތަކަށް އެރުމާއެކު ހަތަރު ލޭނު ވެސް ފުލުހުން ބަންދުކޮށްލީ ކަމަށް ޝަމާލް ބުންޏެވެ.

"ކުށެއް ނުކުރަނީސް، ކުށެއް ކުރާނެ ކަމުގެ ތުހުމަތުގައި އެއްވެސް ކަމެއް ނުކުރެވޭނެ، މީހަކު ހައްޔަރެއް ވެސް ނުކުރެވޭނެ. އެހެންވީމަ ފުލުހުން އެރޭ ކަންތައް ކުރީ ގާނޫނާ ވެސް ޚިލާފަށް،" ޝަމާލް ބުންޏެވެ.

ޓެކްސީ އަގުގެ މައްސަލައިގައި ގިނަ ދުވަސްތަކެއް ވަންދެން ހިމޭނުން އޮތުމަށް ފަހު މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ޓެކްސީތަކުން އަމިއްލައަށް އަގު ކަނޑައެޅުމުގެ ބާރެއް ނެތް ކަމަށެވެ. އަދި، އެހެން ކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް