ޓެކްސީތަކުން އަމިއްލައަށް ބޮޑުކުރި އަގުތަކާ އެއްގޮތަށް ދަތުރުކުރަން ފަށައިފި

މަޖީދީމަގުން ޓެކްސީއެއް ދަތުރުކުރަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ގޮތެއް ނާންގާ ކަމަށް ބުނެ، ޓެކްސީތަކުން އަމިއްލައަށް ކަނޑައެޅި އަގުތަކުގައި ދަތުރުކުރަން ފަށައިފިއެވެ.

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު "ސަން"އަށް ބުނީ އެގޮތަށް ނިންމީ މިއަދުގެ އިހްތިޖާޖަށް ފަހު، ޓެކްސީ ސެންޓަރުތަކުން އެކުގައި ބައްދަލުކުރުމަށް ފަހުގައި ކަމަށެވެ.

އޭނާ ބުނީ ހުރިހާ ޓެކްސީތަކުގައި ވެސް ދެން އައު އަގުތައް ފެންނަން ހުންނާނެ ކަމަށާއި، އެހެންކަމުން ޚިދުމަތް ހޯދާ ކަސްޓަމަރުން އެ ޚިދުމަތް ހޯދާނީ އެ އަގުތަކަށް ރުހި ގަބޫލުވާކަމުގައި ވާނަމަ ކަމަށެވެ.

"ދެ ފަރާތުން އެއްބަސްވެގެން ހިނގާ މުއާމަލާތެއްވީމަ ފުލުހުންނަކަށް ވެސް އަދި، އެހެންބަޔަކަށް ވެސް މިކަން ނުހުއްޓުވޭނެ،" އޭނާ ބުންޏެވެ.

މިއަދު ހުކުރު ނަމާދަށްފަހު، ޑްރައިވަރުން ވަނީ ރަސްފަންނު ސަރަހައްދުން ފެށިގެން ހުޅުމާލޭ ރުއްގަނޑު ދޭއް ސަރަހައްދާ ހަމައަށް ވެހިކަލް ބުރެއް ބާއްވާފައެވެ.

އިއްޔެ ވެސް ޑްރައިވަރުންގެ އިހްތިޖާޖެއް ކުރިއަށް ދިޔައެވެ. އިއްޔެ މެންދުރު 13:00އިން ފެށިގެން ރުއްގަނޑު ދޭއް ސަރަހައްދަށް އެއްވި ޑްރައިވަރުންނަށް އެކަށީގެންވާ ޖަވާބެއް ނުލިބޭ ކަމަށް ބުނެ، އެމީހުން ރަސްފަންނު ސަރަހައްދަށް ދިޔުމަށް މިސްރާބު ޖެހިއެވެ.

ނަމަވެސް، ނިރޮޅުމަގަށް އަރާ ސަރަހައްދު ފުލުހުން ބަންދުކުރުމުން އިހުތިޖާޖުގެ ބައިވެރިން އެ ސަރަހައްދުގައި ތާށިވިއެވެ. އެއާއެކު އެ މަގު ބަންދުވެ، އާންމު ދަތުރުފަތުރަށް ވެސް ހުރަސް އެޅުނެވެ.

އެއަށް ފަހު ފުލުހުން މަގު ހުޅުވާލީ އޭގެ ތިންގަޑިއެއްހާއިރު ފަހުންނެވެ. އެއާއެކު ޓެކްސީތައް ބްރިޖް ހުރަސްކޮށް، ފުޑް ކޯޓު ސަރަހައްދަށް ދިޔައެވެ.

ޓެކްސީގެ އަގާބެހޭ މައްސަލައިގައި ސެންޓަރުތަކުގެ ފަރާތުން ޓްރާންސްޕޯޓު މިނިސްޓްރީއާ ދެ ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. ޑްރައިވަރުންގެ މައިގަނޑު ޑިމާންޑަކީ ޓެކްސީތަކުގައި މީޓަރު ހަރުކޮށްދިނުމަށާއި، އެކަން ކުރެވެންދެން އަގުތައް މަތިކޮށްދިނުމެވެ.

މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވަނީ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އާދީއްތަ ދުވަހަށް ޖަވާބެއް ދެވޭތޯ ބަލާނެކަމަށެވެ.

comment ކޮމެންޓް