އަންހެނުންނާ މުޚާތަބުކުރުމަށް ކަނބަލުންނަކީ ހުތުރު ބަހެއް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު-- ފޮޓޯ/ މަޖިލިސް

އަންހެނުންނަށް "ކަނބަލުން"ނޭ ބުނެ މުޚާތަބު ކުރުމަކީ ހުތުރު ކަމެއް ކަމުގައި ގަބޫލުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަން ފާހަގަކުރައްވައިފައެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި މަލާއި ކޭކާއި ޗޮކުލެޓު ފަދަ ހަދިޔާ ނުދިނުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސް ކޮށްފައިވާ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ މި ދުވަހު މަސައްކަތް ކުރަންވީ އަންހެނުންނާ ގުޅޭ ކަންކަމަށް ބަދަލުގެނައުމަށް ކަމަށެވެ.

"އެހެންނަމަވެސް މާނަވީ ގޮތެއްގައި އަންހެނުންނާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށް ނިޔަތް ގަނެ، އެ މަގުން އަޅުގަނޑުމެން މަސައްކަތް ކުރަންވީ،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ އަންހެނުންގެ ހައްގުގައި މަޖިލީހުން ކޮށްފައިވާ ބައެއް ކަންކަމުގެ މައްޗަށް އަލި އަޅުއްވައިލައިފައެވެ. އެގޮތުން ލާމަރުކަޒީ ގާނޫނު ފާސްކުރުމުގައި އަންހެނުންނަށް ވަކި އިންސައްތައަކަށް ގޮނޑި ލިބޭ ގޮތަށް ފާސްކުރި ކުރުން ފާހަގަކުރެއްވިއެވެ.

"އެ އިސްލާހުގެ ދަށުން މިހާރު ރާއްޖޭގެ ގިނަ، ވެރިކަމުގެ ހިންގުމުގަ އެއީ ރަށްރަށުގެ ހިންގުމުގަ އަންހެނުން މި ވަނީ ބައިވެރި ކުރެވިފައި، އަޅުގަނޑުމެންގެ އުންމީދެއް އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ވެސް އަންހެނުންގެ އަދަދު ގިނަ ކުރުން،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އަންހެނުންގެ ދުވަހުގައި ވެސް އަދި އެހެނިހެން ދުވަސްތަކުގައި އަންހެނުންނާ މުޚާތަބު ކުރުމުގައި "ކަނބަލުން" ކިޔައިގެން ވާހަކަ ދެއްކުމަކީ ހުތުރު ކަމެއްގެ ގޮތުގައި ގަބޫލުކުރައްވާ ކަމަށާއި ބޭނުން ކުރަންވީ އާންމުކޮށް ވެސް ކިޔާ ބަސްތައް ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ހުތުރު ބަހެއް އެއީ ކަނބަލުންނޭ ކިޔައިގެން މި ދައްކާ ދެއްކުން. އަންހެނުން، އަންހެން ބޭފުޅުން މި ބަސްތައް، އާންމުކޮށް އަޅުގަނޑުމެން ބޭނުންކުރާ ބަސްތައް ބޭނުންކުރަމުން ދިއުމަކީ އަޅުގަނޑު ފާހަގަކޮށްލަން ރަނގަޅު ނުކުތާއެއް،" ނަޝީދު ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަންހެނުންނަށް ދިމާވެދާނެ ކަންކަމާ ގުޅޭ ގޮތުން ވިސްނުން ބެހެއްޓުން ކަން ފާހަގަކުރައްވައި، މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަމުގައި ނަޝީދު ވަނީ ދިވެހި ހުރިހާ އަންހެނުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވަވައިފައެވެ.

comment ކޮމެންޓް