އަންހެނުންގެ ދުވަހު މަލާއި ކޭކު ފަދަ ހަދިޔާ ދިނުން މަނައެއް ނުކުރަން: ޖެންޑާ

މީރާގައި އަންހެނުންގެ ދުވަސް ފާހަގަކުރަނީ --- ފޮޓޯ/ މީރާ

މާދަމާ ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި މާބޮނޑިއާއި ޗޮކްލެޓާއި ކޭކު ފަދަ ހަދިޔާ ދިނުން މަނާކޮށްފައި ނުވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި މިފަދަ ހަދިޔާތައް ދިނުން ޖެންޑާ މިނިސްޓްރީން "މަނާކޮށްފައިވާ" ކަމަށް ބުނެ، ގިނަ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އަންހެނުން ދުވަސް ފާހަގަކުރުމާ ގުޅޭ ގޮތުން ޖެންޑާ މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް ސިޓީއެއް ފޮނުވައިފައިވާއިރު، އެ ސިޓީގައި ވަނީ އެ ދުވަސް ފާހަގަކުރުމުގައި ބައެއް ކަންކަމަށް ސަމާލުވާން އެދިފައެވެ. އެހެންނަމަވެސް ދުވަސް ފާހަގަކުރުމުގައި އެއްވެސް ކަމެއް ކުރުން މަނާކޮށްފައިނުވާނެ ކަމަށް ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވިއެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި ސަމާލުވުމަށް މިނިސްޓްރީން އިލްތިމާސް ކޮށްފައިވާ ކަންކަން:

  • ދުވަހުގެ ޙަރަކާތްތަކުގައި ވަކި ޖިންސަކަށް ނިސްބަތްވާކަމަށް މުޖުތަމަޢުގައި ޤަބޫލުކުރެވިފައިވާ ކުލަތައް ބޭނުން ނުކުރުން.
  • ދުވަސް ފާހަގަކުރުމުގެ ގޮތުން އޮފީހުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ރަތް ދޫލަ އަޅައިދީ، މާބޮނޑި ދިނުމާއި، ފިނިފެންމާ ދިނުން، ޗޮކުލެޓް، ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތަށި، ތެލި، އުނދުޅި)، ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ހަދިޔާ ނުކުރުން.

މިނިސްޓްރީން ވަނީ މި ދުވަސް ފާހަގަކުރުމުގައި މި އަހަރުގެ ޝިއާރު ކަމަށްވާ "ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިއާރުގެ މަގްސަދު ހާސިލް ކުރެވޭ ފަދަ ހަރަކާތްތައް ހިންގުމަށް އިލްތިމާސް ކުރައްވައިފައެވެ. އަދި ދުވަހަށް ޚާއްސަ ހޭޝްޓެގްތައް ކަމަށްވާ "ޖެނަރޭޝަން އިކުއަލިޓީ" އާއި އައިޑަބްލިއުޑީ2022" ބޭނުން ކުރުމަށް ވެސް އެދިފައިވެއެވެ.

"ޖެންޑާ އީކުއެލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ" ޝިޢާރަކީ މޫސުމީ ބަދަލުތައް ކުޑަކުރުމާއި ދެމެހެއްޓެނެވި މުސްތަޤްބަލެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެނުންނާއި އަންހެން ކުދިން ކުރަމުންގެންދާ އަގުހުރި، ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރުމާއި ދެމެހެއްޓެނެވި މުސަތަގްބަލަކަށް ވާސިލުވުމަށް މިންތީގެ ހަމަހަމަކަން ގާއިމުކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެއް ކަމަށް ޖެންޑާއިން ބުންޏެވެ.

comment ކޮމެންޓް