ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމެއް ހިންގައިފި

މީ ރާއްޖޭގާ އެސްޓްރޮނައުޓް ޕްރޮގްރާމެއް ފުރިހަމަކުރި ފުރަތަމަ ފަހަރު

އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދިޔަ ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމް ރާއްޖޭގެ 32 ދަރިވަރަކު ފުރިހަމަކޮށްފިއެވެ.

ޖޫނިއާ އެސްޓްރޮނޯޓް ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަށް، ކެނޭޑިއަން ސްޕޭސް އެޖެންސީގެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިއްޔެ ސްޓެލްކޯ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދެވެ.

މާލެ އާއި ހދ. ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ އެ ޕްރޮގްރާމުގައި ކިޔަވައިދިނީ މައިގަނޑު ތިން މޮޑިއުލް އެކެވެ. އެގޮތުން ސްޕޭސްގައި ފިޓްނަސް ބަހައްޓާނެ ގޮތާއި، ކެއިންބުއިން ކުރިއަށްގެންދާނެ ގޮތުގެ އިތުރުން، ސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ އަދި ޓީމެއްގެ ގޮތުގައި އެސްޓްރޮނޯޓުން ގުޅިގެން މަސައްކަތް ކުރާގޮތް ދަރިވަރުންނަށް ދަސްކޮށްދިނެވެ.

މި ޕްރޮގްރާމު ފުރިހަމަކުރި ދަރިވަރުންނަށް އަންނަ އަހަރު އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި އިތުރު ތަމްރީނު ހޯދުމުގެ ފުރުސަތު އައިޖީއެސް އިން ފަހިކޮށްދޭނެއެވެ.

އައިޖީއެސް އަކީ ރާއްޖޭގައި ސްޕޭސް ސައިންސް ކުރިއެރުވުމަށް މަސައްކަތްކުރާ ހަމައެކަނި އިންސްޓިޓިއުޝަނެވެ. އައިޖީއެސް އިން ވަނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމް އިފްތިތާހުކޮށް، ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށާފައެވެ. އެއީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް އަޖުމަ ބެލެމުގެ ގޮތުން ހަދާ ސެޓެލައިޓެކެވެ.

އައިޖީއެސްގެ ސްޕޭސް ޕްރޮގްރާމް ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކީގައެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ގެ އިލްމުވެރިންނާއި ތަޖުރިބާކާރުން މަސައްކަތްކުރައްވައެވެ.

މިއީ ރާއްޖޭގާ އެފަދަ ޕްރޮގްރާމެއް ފުރިހަމަކުރި ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް