ނެރުނު ނޫސްބަޔަނަކާ ގުޅިގެން ހިތަަދޫ މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙުމަދު: އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ވަނީ ނިންމާފައި -- ފޮޓޯ/ ސޯޝަލް މީޑިއާ

ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު، މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގަ އާއި އެ ނިންމުމާ ގުޅޭ ގޮތުން ނޫސްބަޔާނެއް ނެރުމުގައި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ޢަމަލުކޮށްފައިވާކަމަށް ބެލެވޭތީ އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

މެޖިސްޓްރޭޓް ރަފީޢުއްދީންގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖޭއެސްސީން ނިންމާފައި ވަނީ އެ ކޮމިޝަންގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ"އިން ބޭއްވި ބައްދަލުވުމެއްގައެވެ.

ރަފީޢުއްދީންގެ މައްސަލަ ފެށުނީ, ހައި ކޯޓުގެ އަމުރަކުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު ދޫކޮށްލަން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނު ހިސާބުންނެވެ.

އެ ކޯޓުން ދޫކޮށްލަން އަމުރު ނެރެފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ރަށު މަންދޫބުގެ، ރުޝާން އަޙުމަދު ދީދީއެވެ.

އޭނާ ދޫކޮށްލަން ނެރުނު އަމުރާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ޙުސެއިން ޝަމީމް ކަންބޮޑުވުން ފާޅުކުރައްވައި، މައްސަލަ ޖޭއެސްސީއަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހައިކޯޓުގެ ހުކުމެއް ދިރި އޮއްވައި، އެ ހުކުމް ސަސްޕެންޑުކުރުމަކީ ދަށު ކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއް ނޫން ކަމަށެވެ.

ޝަމީމްގެ އެ ޓުވީޓާ ގުޅިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބަޔާނެއް ނެރުނެވެ.

އެ ބަޔާނުގައި ވަނީ ޝަމީމް ކުރެއްވި ޓްވީޓަކީ ޕީޖީގެ މަގާމުގައިހުރެ ކުރުން އެކަށީގެންވާ ކަމެއް ނޫންކަމަށް ބުނެފައެވެ. އަދި އެ ޓްވީޓުގެ ސަބަބުން މީޑިއާގައި އަޑުފެތުރިފައިވަނީ ކަންހިނގި ގޮތާ ޚިލާފަށް ކަމަށް ވެސް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން ރުޝާންގެ މައްސަލަ ބެލިއިރު، ހައިކޯޓުގެ އަމުރެއްގެ ބާރުކެނޑޭ ގޮތަށް ހިތަދޫ ކޯޓުން އަމުރުކުރެވިދާނެތޯ ސުވާލުކޮށް އެކަމާމެދު ޕީޖީގެ ހަތަރު ވަކީލުން ހިމެނޭގޮތަށް، ދެ ޚަސްމުން ދެކޭގޮތް ޝަރީއަތަށް ހުށަހެޅުމަށް ޝަރީޢަތުން ފުރުސަތުދިނެވެ.

އެފަދައިން ފުރުސަތުދިނުމަށްފަހު އޭގެ ތިން ދުވަސް ފަހުން ރުޝާން ދޫކޮށްލީ ހައިކޯޓުގެ އަމުރު އެގޮތުގައި އޮތް ނަމަވެސް އޭނާގެ ބަންދު މުރާޖަޢާ ކުރުމަށްފަހު ދޫކޮށްލަންޖެހޭ ސަބަބުތަކެއް ހުރިނަމަ ދޫކޮށްލުމަށް ހުރަހެއް އޮތްކަމަށް ނުދެކޭކަމަށް ޕީޖީގެ ވަކީލުން ކޯޓުގައި ބުނުމުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ޖޭއެސްސީން ރަފީޢުއްދީންގެ މައްސަލަ ބަލަން ނިންމީ އެ ބަޔާނާ ގުޅުގެންނެވެ.

comment ކޮމެންޓް