ޖޭއެސްސީގައި ސިޔާސީ މީހުން ތިބެގެން ޢަދުލު އިންސާފު ގާއިމެއް ނުކުރެވޭނެ: ސިޔާމް

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ ނާއިލް ހުސައިން

ޖޭއެސްސީގައި ސިޔާސީ މީހުން ތިބެގެން ޢަދުލުއިންސާފު ގާއިމެއް ނުކުރެވޭނެ ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެމްޑީއޭ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ޝަރުޢީ ނިޒާމުގައި ނާއިންސާފުން ހިނގަމުންދާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން، ކޯޓުތަކުގައި މައްސަލަތައް ލަސްވުމާއި، ސިޔާސީ ދައުވާތައް ގިނަވުމަކީ ވެސް ބޮޑެތި މައްސަލަތަކުގެ ގޮތުގައި ސިޔާމް ފާހަގަކުރެއްވިއެވެ.

"ބޮޑު މީހަކު ބޮޑު ކަމެއް، ނޫނީ ބޮޑު ވައްކަމެއް ކުރުމުން އެމީހަކު ހައެއްކަ މަސްދުވަހު ނޫނީ އެއް އަހަރު ޖަލުގަ ބަހައްޓާފަ، ނޫނީ އެހެންތަނަކަށް އަމިއްލައަށް އަރުވާލެވިގެން ހުރެގެން އައީމަ މިނިވަންވެގެން އެދަނީ،" ސިޔާމް ވިދާޅުވިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު -- ސަން ފޮޓޯ/ ނާއިލް ހުސައިން

އެކަން އެގޮތަށް ހިނގާ އެންމެ ބޮޑު ސަބަބަކީ ޖޭއެސްސީ ސިޔާސީވުމާއި، އެ ކޮމިޝަނުގައި މިނިވަންކަމެއް ނެތުން ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުގައި މިވަގުތު މި ތިއްބެވީ ސިޔާސީ ބޭފުޅުން. ބައްލަވާ، ސިޔާސީ ބޭފުޅުން ތިބެއްޖެކަމަށް ވަންޏާ ކޮން އިންސާފެއްތޯ ގާއިމުކުރެވޭނީ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެމްޑީއޭގެ ސަރުކާރެއްގައި، ނުވަތަ އެ ޕާޓީގެ ބައިވެރިވުން ވެސް އޮތް ސަރުކާރެއްގައި ޖޭއެސްސީގައި އެއްވެސް ސިޔާސީ މީހަކު ނުހުންނާނެ ކަމަށެވެ.

އެމްޑީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ނާއިލް ހުސައިން

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ކުރުމާއި އެ ކޮމިޝަންގައި ސިޔާސީ މީހުން ނުތިބޭ ގޮތް ހެދުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ނަމަވެސް އެ ބަދަލު ގެނައުމަށް، އެމްޑީީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހަށް މި ދައުރުގައި ދެ އިސްލާހު ހުށަހެޅި ނަމަވެސް އެ ދެ އިސްލާހުވެސް ވަނީ ބޭރުކޮށްލާފައެވެ.

އެ އިސްލާހުތަކާ ބެހޭ ގޮތުން މަޖިލީހުގައި ބޭއްވި ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުންނާއި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ޖޭއެސްސީގައި ސިޔާސީ މީހުންގެ ބާރު ކޮންމެވެސް މިންވަރަކަށް އޮންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ފަދަ މޭރުމަކުން ވާހަކަ ދައްކަވައިފައެވެ.

comment ކޮމެންޓް