މިހާރުން މިހާރަށް ހަމަލާތައް ބަދަލުކުރުން ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

އަބްދުﷲ ޝާހިދު އދ.ގެ އާންމު މަޖިލީހުގައި ތަޤްރީރުކުރައްވަނީ

މިހާރުން މިހާރަށް ޔޫކްރޭންގައި ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އދ.ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ޔޫކްރެއިނާ ގުޅޭގޮތުން އދ.ގެ އާންމު މަޖިލީހުގައި މިރޭ ބޭއްވި ޚާއްސަ ޖަލްސާގައި ތަޤްރީރުކުރައްވަމުން ޝާހިދު ވިދާޅުވީ ޔޫކްރެއިންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުން ދާތީ، ޔޫކްރެއިންގައި ހިނގަމުންދާ އަސްކަރީ ހަރަކާތްތަކާމެދު ކަންބޮޑުވާ ކަމަށެވެ.

"އަޅުގަނޑު މިދިޔަ ހަފުތާގައި ވެސް އިޝާރާތްކުރި ފަދައިން، ރަޝިޔާ ފެޑެރޭޝަނުން ދިން އަސްކަރީ ހަމަލާއަކީ ޔޫކްރެއިންގެ ސަރަހައްދީ ހަމަޖެހުމާއި އިސްތިޤްލާލަށް އަރައިގަތުން ކަމަށާއި، އަދި އެއީ އދ.ގެ ޗާޓަރާ ޚިލާފު ކަމެއްކަމަށް ދަންނަވަން،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، ރަޝިޔާ ފެޑެރޭޝަނުން ދިން އަސްކަރީ ހަމަލާއަކީ ޔޫކްރެއިންގެ ސަރަހައްދީ ހަމަޖެހުމާއި އިސްތިޤްލާލަށް އަރައިގަތުން ކަމަށާއި، އެއީ އދ.ގެ ޗާޓަރާ ޚިލާފު ކަމެއްކަމަށެވެ.

އެ ހަނގުރާމާގައި އަތުލައިގަނެވުނު އަންހެނުންނާއި، ކުޑަކުދިންނާއި، ފިރިހެނުންގެ ފަރާތުން އެމީހުންގެ ހައްގުގައި މަސައްކަތްކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމަށް ޝާހިދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާލަތުން އަރައިގަތުމަށް، ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި ހާލަތު ގޯސްވިޔަ ނުދީ ހިފަހައްޓައި، ނުތަނަވަސްކަން ފިލުވާލައި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި، އދ.ގެ ޗާޓަރުގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސުލްހަވެރި ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މަދަނީ އާބާދީތަކަށް ހާއްސަކޮށް އަންހެނުންނާއި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެނޫންވެސް ނާޒުކު ގިންތިތަކުގެ މީހުން ހިމެނޭހެން އިންސާނިއްޔަތަށް ލިބޭ ގެއްލުންތައް ފޫނުބެއްދޭހާ ބޮޑުކަމަށް ޝާހިދު ވިދާޅުވިއެވެ.

"ސެންޓްރަލް އިމަރޖެންސީ ރެސްޕޮންސް ފަންޑުން 20 މިލިއަން ޑޮލަރު ޔޫކްރެއިންގައި އުފެދިފައިވާ އިންސާނީ ކާރިސާއަށް ޚާއްސަ ކުރައްވާނެ ކަމަށް، ހުކުރު ދުވަހު ސެކްރެޓަރީ ޖެނެރަލް އިއުލާނު ކުރެއްވި އިއުލާނަށް އަޅުގަނޑު މަރްހަބާ ކިޔަން،" ޝާހިދު ވިދާޅުވިއެވެ.

އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ލިބޭ ހިސާބުން، އިންސާނީ އެހީގެ މަސައްކަތްތަކަށް މެންބަރު ޤައުމުތަކުން އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލެއްވިއެވެ.

އޭނާ ވިދާޅުވީ ހަނގުރާމައަކުން ހަގީގީ ކާމިޔާބު ނުލިބޭނެކަމަށެވެ. ނަމަވެސް ގުނާ އަދަދު ނުކުރެވޭހާ ގިނަ ދިރިއުޅުން ހަނގުރާމައިން ފަނާވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެހެންކަމުން، އިންސާނިއްޔަތަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަދި އެހީ ފޯރުވުމަށް ފުރުޞަތު ލިބޭނޭކަން ޔަގީންކޮށްދޭން އެބަޖެހޭ،" ޝާހިދު ވިދާޅުވިއެެވެ.

comment ކޮމެންޓް