ޔޫކްރެއިން މައްސަލަ: މަޝްވަރާއިން ހަމަނުޖެހުން ކުޑަކުރަން ޝާހިދު ގޮވާލައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޔޫކްރޭންގެ މައްސަލާގައި މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށްގެން ހަމަ ނުޖެހުންތައް ކުޑަކުރުމަށް އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ގޮވައިލައްވައިފިއެވެ.

ޝާހިދު ވިދާޅުވީ، އދ.ގެ ޗާޓަރުގެ ފުރަތަމަ އިބާރާތުގައި ވަނީ "ހަނގުރާމައިގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުން" ކަމަށެވެ. އަދި އެއީ އދ. އުފެއްދުމުގެ އެންމެ ބޮޑު ހިތްވަރު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެ ޗާޓަރުގެ އެއް ވަނަ މާއްދާގައި، އދ.ގެ މެންޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ސުލްހަ މަސަލަސްކަން ނަގާލެވިދާނެ ފަދަ ދެބަސްވުންތައް ނުވަތަ ހާލަތްތައް ސުލްހަވެރި މަގުން އަދި އަދުލު އިންސާފާއި ބައިނަލްއަޤުވާމީ ގާނޫނުތަކާއި އޭގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހައްލުކުރުން ކަމަށެވެ.

އެހެންކަމުން، ގާނޫނުގެ ހުކޫމަތާ އެއްގޮތްވާ ގޮތުގެ މަތިން އަމަންއަމާންކަން ދެމެހެއްޓުމަކީ އދ.ގެ އެއް މަގުސަދުކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"‎އދ.ގެ ހަޔާތުން ވޭތުވެގެން ދިޔަ 76 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެއްވެސް ފިލާވަޅެއް ލިބިފައިވާނަމަ އެފިލާވަޅަކީ ދާއިމީ ސުލްހައަކީ، އަސްކަރީ މުއާމަލާތްތަކުން ނުވަތަ ހަނގުރާމައިން ހާސިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ސުލްހައެއް ނޫންކަމާއި، ހައްލު ގެނެވެން އޮތީ ސިޔާސީ ގޮތުންކަން،" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން އިންސާނުން ތަހައްމަލް ކުރަންޖެހޭ އަނިޔާއާއި ވޭން ކުޑަކުރުމަށާއި، ހަނގުރާމައިން ލިބިގެންދާ އިގްތިސާދީ ނިކަމެތިކަމާއި، އަދި ހަނގުރާމައަށް ފަހު، އިޤްތިޞާދު ރުޖޫއަކުރުމަށް އަދާކުރަންޖެހޭ ޚަރަދާއި އެތަކުލީފުން މިންޖުވެވެން އޮތް އެންމެ އެކަށޭނެ ގޮތަކީ ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން، އެންމެ ފުރަތަމަވެސް ރައްކާތެރިވެގެން ތިބުން ކަމަށް ޝާހިދު ވިދާޅުވިއެވެ.

‎"އަޅުގަނޑު ހުރިހާ ފަރާތްތަކަށްވެސް ގޮވާލަނީ، މަޝްވަރާތައް އިތުރަށް ވަރުގަދަކޮށް، މަޝްވަރާތައް މެދުވެރިކޮށް، ހަމަ ނުޖެހުންތައް ކުޑަކުރުމަށް،" ޝާހިދު ވިދާޅުވިއެވެ.

ހަމައެއާއެކު، ‎އދ.ގެ ޗާޓަރާއި، އެ ޗާޓަރުގެ މަގުސަދުތަކާއި، އެ ޗާޓަރުގެ އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ދާއިމީ ސުލްހަ ކަށަވަރުކުރުމަށް އޮތް ހަމައެކަނި މަގު ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޔޫކްރޭންގެ އިރުމަތީގައި އޮންނަ ޑޮންބާސް ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަނެއް ފަށަން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މިއަދު އަމުރުކުރައްވައިފައެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި ޕޫޓިން ވިދާޅުވީ ރަޝިއާއިން އިރުމަތީ ޔޫކްރޭނަށް ސިފައިން ފޮނުވަނީ އެ ސަރަހައްދުގެ ރައްޔިތުންގެ ސަލާމަތަށް ޓަކައި ކަމަށެވެ. އަދި ޔޫކްރޭން ހިފުމުގެ ވިސްނުމެއް ރަޝިއާއިން ނުގެންގުޅޭ ކަމަށް ވެސް ޕޫޓިން ވިދާޅުވިއެވެ.

ޕޫޓިން އެ ތަގުރީރު ދެއްވި އިރު، ކިއެވްއާއި ޚަރްކިވް އާއި އެ ގައުމުގެ އެހެން ސަރަހައްދުތަކުން ގޮވުންތަކެއްގެ އަޑު އިވެމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

https://sun.mv/162440

ރާއްޖޭގެ ފޮރިން މިނިސްޓްރީން ވަނީ ޚަރްވިކްގައި މިހާރު ތިބީ ދިވެހި ފަސް ދަރިވަރުން ކަމަށާއި އެ ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ.

comment ކޮމެންޓް