އިންސާފް ގާއިމްވެގެން ދާތަނެއް ނުފެނޭ: ކާނަލް ނާޒިމް

އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ކާނަލް ނާޒިމް ވާހަކަ ދައްކަނީ --- ފޮޓޯ/ އެމްއެންޕީ

އިންސާފު ގާއިމު ކުރުމުގެ ވާހަކައަކީ ހުރިހާ ސަރުކާރުތަކުން ވެސް ދައްކާ ވާހަކައެއް ކަމަށްވިޔަސް މި ސަރުކާރުގައި ވެސް އެކަންވާ ތަން ނުފެންނަ ކަމަށް އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

'ރައްޔިތުންގެ އުދާސް' ގެ ނަމުގައި ރޭ އެމްއެންޕީން އެ ޕާޓީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ކާނަލް ނާޒިމް ވިދާޅުވީ, އިންސާފް ގާއިމްކުރުމުގެ ވައުދު ވިއްކައިގެން ވެރިކަމަށް އައިބަޔަކަށް އެކަން ނުކުރެވުމަކީ ދެރަ ކަމެއް ކަމަށެވެ.

"މި ސަރުކާރުން ވެސް ވޭތުވެދިޔަ ސަރުކާރުތަކުން ވެސް އެންމެ ބޮޑަށް ދެއްކި ވާހަކަ އަކީ އިންސާފުގެ ވާހަކަ. އަޅުގަނޑުމެން މި ޕާޓިން ވެސް އަޑުހަރުކޮށް މި ދައްކަނީ އަދުލު އިންސާފު ގާއިމްކޮށްދޭށޭ. އަޅުގަނޑަކަށް ނުފެނޭ އެތަނެއް. އަޅުގަނޑުމެނަށް މަޖިލީހަކުން ނުފެނުނު އެތަނެއް," ނާޒިމް ވިދާޅުވިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ބަދަލު ގެނައުމަށް ހުށަހެޅި ހުށަހެޅުން, މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ބޭރުކޮށްލައިފައިވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ, އެކަމާ އޭނާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނު ކަމަށެވެ.

ވޭތުވެދިޔަ 10 އަހަރު އެންމެން ދެއްކީ ޖޭއެސްސީ އުފެދިފައިވާ ގޮތް ބަދަލުކުރަން ޖެހޭ ވާހަކަ ކަމަށާއި އެ ކޮމިޝަން މިނިވަން ވެގެން ނޫން ގޮތަކަށް އިންސާފުވެރި ފަނޑިޔާރުގެއެއް ނޯންނާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން ރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ އެމްއެންޕީ

"ނަމަވެސް މި ސަރުކާރު ވެސް މި ޖެހުނީ އެއްތާކު. ކަމަކާ ދިމާވީމަ ފަހަތަށް ޖެހިލާފަ އަނެއްކާވެސް މި އިސްލާހު ބޭރުމިކޮށްލީ," ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން ގާއިމްކުރާ ސަރުކާރެއްގައި ޖުޑިޝަރީ އިސްލާހު ވާނެ ކަމުގެ ޔަގީންކަން ރޭ ނާޒިމް ވަނީ އެ ޕާޓީގެ ސަޕޯޓަރުންނަށާއި ރާއްޖޭގެ ރައްޔިތުންނަށް ދެއްވާފައެވެ.

އެމްއެންޕީން ދެކެން ބޭނުންވަނީ މިނިވަން ޖުޑިޝަރީއެއް އޮންނަ މަންޒަރުކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ, އެ ކޮމިޝަނުގައި ތިބެން ޖެހޭނީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަންތައްކުރެވޭނެ މީހުން ކަމަށެވެ.

"ޖޭއެސްސީގެ ކޮމްޕޮސިޝަނަށް ބަދަލު އަންނަން އެބަޖެހޭ. އޭގައި ތިބެން ޖެހޭނީ ރިޓަޔާޑް ފަނޑިޔާރުން. އޭގެ ތެރޭގައި އަންހެނުން ތިބެން ޖެހޭނެ. އިސްލާމީ ޝަރީއާ ދަންނަ ދީނީ މީހުން ތިބެން ޖެހޭ. އެކަޑަމިކް މީހުން ވެސް ތިބެން ޖެހޭނެ. އެފަދަ މީހުން ތިބެގެން ނޫނީ ޖޭއެސްސީ މިނިވަނެއް ނުވާނެ،" ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ އެކަން ކުރަން ތައްޔާރަށް. އަޅުގަނޑުމެނަކީ އެކަން ކުރާނެ މީހުން. އަޅުގަނޑުމެންނަކީ އެތަން މިނިވަން ކުރާނެ މީހުންނޭ."

ޖޭއެސްސީ މިނިވަން ކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުން ދަނގެތީ ދާއިރާގެ މެންބަރު ވިދާޅުވީ, ދެން އަންނަ ދައުރުގައި ވެސް ޖޭއެސްސީއަށް ބަދަލު ގެނައުމުގެ ބިލް މަޖިލީހަށް ވެއްދުމަށް އެޕާޓީ އޮތީ ތައްޔާރަށް ކަމަށެވެ.

comment ކޮމެންޓް