ހަނގުރާމައިން އެކަކަށްވެސް ފައިދާއެއް ނުވާނެކަމަށް އުރުދުޣާން ވިދާޅުވެއްޖެ

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން -- ފޮޓޯ/ ބްލޫމްބާގް

ހަނގުރާމައިގެ ސަބަބުން އެއްވެސް ބަޔަކަށް ފާއިދާއެއް ނުވާނެކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އަރިހުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

ޔޫކްރެއިނާއި ރަޝިއާ މައްސަލައާ ގުޅިގެން ރަޝިއާގެ ރައީސް ޕޫޓިންއާއެކު ފޯނު ކޯލަކުން އުރުދުޣާން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މި ވާހަކަފުޅުގައި އުރުދުޣާން ވަނީ ރަޝިއާއިން ޔޫކްރޭނުގެ ދެ ސަރަހައްދެއް މިނިވަން ދައުލަތްތަކުގެ ގޮތުގައި ބަލައިގަތުމާ ދެކޮޅުކަމަށް ވިދާޅުވެފައެވެ. އަދި އެ ކަމަކީ ޔޫކްރެއިނުގެ މިނިވަންކަމާއި އިސްތިގުލާލު ނިގުޅައިގަތުންކަމަށް އުރުދުޣާން ވިދާޅުވި އެވެ.

އުރުދުޣާން ވަނީ ހަނގުރާމައަކަށް ނުގޮސް ސުލްހަވެރިކަމާއެކު މަޝްވަރާކުރުންތައް ކުރުމަށް ތުރުކީން އެހީތެރިވެދޭނެ ކަމަށް ވިދާޅުވެފައެވެ.

ޑިޕްލޮމެސީގެ ޒަރިއްޔާއިން ޔޫކްރޭން އާއި ރަޝިއާ މައްސަލައަށް ހައްލެއް ގެނެވޭނެކަމަށް އުރުދުޣާން ވިދާޅުވެފައިވާއިރު ތުރުކީ އަކީވެސް ނޭޓޯގެ ގައުމެކެވެ.

ރަޝިއާއާއި ޔޫކްރޭން މައްސަލަ ހޫނުވެފައިވަނީ ޔޫކްރޭނުން ނޭޓޯ އާ ގުޅުމުގެ ވާހަކަތައް ދައްކަން ފެށުމުންނެވެ.

ރަޝިއާގެ ރައީސް ޕޫޓިން ވަނީ ޔޫކްރޭނުން ނޭޓޯ އާ ގުޅިގެން ނުވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

comment ކޮމެންޓް