ޕީޖީ ޝަމީމު ކުރެއްވީ މަގާމުގެ ގޮތުން ކުރުން އެކަށީގެންނުވާ ކަމެއް: ހިތަދޫ ކޯޓު

ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ހައިކޯޓުގެ އަމުރަކުން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސ. ހިތަދޫ، މަންދޫބުގެ، ރުޝާން އަޙްމަދުދީދީ ދޫކޮށްލަން، އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރާ ގުޅިގެން ފްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަހީމް ކުރެއްވި ޓްވީޓަކީ ޕީޖީގެ މަގާމުގައިހުރެ ކުރުން އެކަށީގެންވާ ކަމެއް ނޫންކަމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބުނެފިއެވެ.

އެ ކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ޝަމީމް ކުރެއްވި ޓްވީޓުގެ ސަބަބުން މީޑިއާގައި އަޑުފެތުރިފައިވަނީ ކަންހިނގި ގޮތާ ޚިލާފަށް ކަމަށެވެ.

އެ ބަޔާނުގައި ވަނީ ހައިކޯޓުގެ އަމުރެއްގެ ބާރުކެނޑޭ ގޮތަށް ހިތަދޫ ކޯޓުން އަމުރުކުރެވިދާނެތޯ ސުވާލުކޮށް އެކަމާމެދު ޕީޖީގެ ހަތަރު ވަކީލުން ހިމެނޭގޮތަށް، ދެ ޚަސްމުން ދެކޭގޮތް ޝަރީއަތަށް ހުށަހެޅުމަށް ޝަރީޢަތުން ފުރުސަތުދިން ކަމަށެވެ.

އެފަދައިން ފުރުސަތުދިނުމަށްފަހު އޭގެ ތިން ދުވަސް ފަހުން ރުޝާން ދޫކޮށްލީ ހައިކޯޓުގެ އަމުރު އެގޮތުގައި އޮތްނަމަވެސް އޭނާގެ ބަންދު މުރާޖަޢާ ކުރުމަށްފަހު ދޫކޮށްލަންޖެހޭ ސަބަބުތަކެއް ހުރިނަމަ ދޫކޮށްލުމަށް ހުރަހެއް އޮތްކަމަށް ނުދެކޭކަމަށް ޕީޖީގެ ވަކީލުން ކޯޓުގައި ބުނުމުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ރުޝާން ހިތަދޫ ކޯޓުން ދޫކޮށްލީ އޭނާގެ ބޭސްފަރުވާގެ ކަންކަންދަނީ އެންމެ އެކަށީގެންވާގޮތުގައި ނޫންކަމަށް ބުނެއެވެ. އޭނާ ދޫކޮށްލާފައިވަނީ 90 ދުވަހުގެތެރޭ ބޭސްފަރުވާގެ ކަންކަން ނިންމަން އެއްބަސްވެގެންނެވެ.

comment ކޮމެންޓް