ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ނިންމައިފި

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން ---- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފިއެވެ.

ވަޒީރުންނާ މަޝްވަރާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އެގޮތަށް ނިންމެވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމެއް ގާއިމުކުރުމުގެ ޚިޔާލު ވަޒީރުންގެ މަޖިލީހަށް ހުށަހެޅީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީންނެވެ.

ޑިޖިޓަލް އައިޑެންޓިޓީ ނިޒާމަކީ ނެޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭންގައި ހިމެނޭ ނިޒާމެކެވެ.

އެ ނިޒާމު ގާއިމުކުރުމާ ގުޅޭގޮތުން މިއަދު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވުން ހިމެނެއެވެ. އަދި އައިޑެންޓިޓީގެ ވެރިފަރާތާ ގުޅުންހުރި ރަސްމީ މައުލޫމާތު އެފަރާތެއްގެ ރުހުމާއެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ގާއިމްކޮށް ދަޢުލަތުގެ އިދާރާތަކަށާއި ދައުލަތް ހިއްސާވާ ކުންފުނިތަކަށް މި ޚިދުމަތް ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ(އެންސީއައިޓީ) އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން ތަރައްގީކޮށް ހިންގުން ހިމެނެއެވެ.

މީގެ އިތުރުން ޑީއެންއާރުގައި ބޭނުންކުރާ އައިޑެންޓީޓީ މެނޭޖްމަންޓް ސިސްޓަމް ޒަމާނީ ބަޔޯމެޓްރިކް ސިސްޓަމަކަށް އަޕްގްރޭޑްކޮށް އައު ނަމްބަރިން ސިސްޓަމަކާއެކު ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑުގެ ނިޒާމެއް ތަރައްގީކޮށް ހިންގުން ހިމެނެއެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމް، ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ ޕްރައިވެޓް ސެކްޓަރަށް ހުޅުވާލުންވެސް ހިމެނެއެވެ.

ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ހާސިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ގާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތަޢާރަފުވުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ޤާއިމުވުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުން ހިމެނެއެވެ.

ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގާއިމްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

comment ކޮމެންޓް