ކޮވިޑް ވެކްސިން ހަމަހަމައަށް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ޝާހިދު މަޝްވަރާ ކުރައްވައިފި

އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު --- ފޮޓޯ/ ޒިންހުއާ

އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު، ޢަބްދުﷲ ޝާހިދު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓާ ޖެނެރަލް، ޓެޑްރޮސް އަދަނޮމްއާ ވެކްސިންއާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ 'އިން ކޮންވަޒޭޝަން'ގެ ނަމުގައި އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ އޮފީހުން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިންނެވެ.

ވާޗުއަލްކޮށް ބޭއްވި މި ބައްދަލަވުމުގެ މައިގަނޑު ބޭނުމަކީ ކޮވިޑް-19 އިން އަރައިގަތުމަށް ބޭނުންވާ ވެކްސިން، ހަމަހަމަކަމާއެކު ހުރިހާ ގައުމަކަށް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ދުނިޔޭގެ ފެންވަރުގައި މިނިސްޓަރު ޝާހިދު މަޝްވަރާ ކުރެއްވުމެވެ.

މި ބައްދަލުވުމުގައި ޓެޑްރޮސް ވަނީ، ވެކްސިން ފޯރުކޮށްދީފައިވާ މިންވަރާއި، އެކަމަށް ހުރި ދަތިތަކާއި ހާސިލްކުރަންބޭނުންވާ ލަނޑުލަނޑިތަކާ ބެހޭގޮތުން ޝާހިދަށް މައުލޫމާތު ދެއްވާފައެވެ.

ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް ވިދާޅުވީ، މިދިޔަ އަހަރުގެ ނިޔަލަށް ކޮވެކްސް ވެކްސިންގެ އެއް ބިލިއަން ޑޯޒު ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި ގްލޯބަލް ހެލްތް އިމަޖެންސީއަކުން އަރައިގަތުމަށްޓަކައި ޑަބްލިއުއެޗްއޯގެ އަމާޒަކީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ގައުމުތަކުން އެ ގައުމެއްގެ އާބާދީގެ 70 ޕަސެންޓް ވެކްސިނޭޓްކުރުން ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޑިރެކްޓާ ޖެނެރަލް ވިދާޅުވީ ވެކްސިން ލިބުމުގެ ފަރަގު ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާކަމަށާއި، މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ވީހާވެސް އަވަސް ގޮތެއްގައި ވީހާވެސް ދުރަށް ވެކްސިން ފޯރުކޮށްދިނުން ކަމަށެވެ.

ނަމަވެސް ގޮންޖެހުންތަކުން އަރައިގަނެ، ވެކްސިން ފޯރުކޮށްދިނުމަށް ގައުމުތަކާ ގުޅިގެން ޑަބްލިއުއެޗްއޯއިން މަސައްކަތް ކުރަމުންދާކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގައުމުތަކުގައި ކޮވިޑް-19އަށް ޓެސްޓްކުރުމާއި ފަރުވާދިނުމުގެ އިންތިޒާމުވެސް ހަމަޖެހިފައި ހުންނަން ޖެހޭކަމުގައި ޓެޑްރޮސް ވިދާޅުވިއެވެ.

އެހެންކަމުން މީހުންގެ ފުރާނަ ސަލާމަތް ކުރުމަށާއި، ކޮވިޑް-19 އިން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އާރާސްތުވުމަށް ގައުމުތަކުން ޑަބްލިއުއެޗްއޯގެ 'އެކްސެސް ޓު ކޮވިޑް-19 ޓޫލްސް އެކްސެލެރޭޓަރު (އޭސީޓީ-އޭ)' އަށް ފަންޑުކުރުމުގެ މުހިންމުކަން ޓެޑްރޮސް ފާހަގަކުރެއްވިއެވެ. އޭސީޓީ-އޭ އަކީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ބޭނުންވާ އާލާތްތައް ހުރިހާ ގައުމަކަށްވެސް ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށް ޑަބްލިއުއެޗްއޯއިން ހިންގާ ހަރަކާތެކެވެ.

comment ކޮމެންޓް