ސިންގަޕޫރުން އިންޑިއާގެ ޕާލަމެންޓްގެ ގިނަ މެންބަރުންނަކީ މުޖްރިމުންކަމަށް ސިފަކުރުމުން އިންޑިއާ ރަތަށް!

އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން

ނިއުދިއްލީ (19 ފެބްރުއަރީ 2022) : އިންޑިޔާގެ ޕާލަމެންޓްގެ ތިރިގެ (ލޮކްސަބްހާ) ގެ މެންބަރުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މީހުންނަކީ ގޭންގްތައް ހަދައިގެން ވައްކަންކުރުމާއި މީހުން މެރުމާއި އަންހެނުން ރޭޕްކުރުންފަދަ ބޮޑެތި ޖިނާއީ ޖަރީމާތައް ހިންގާފައިވާ މުޖްރިމުންކަމަށް ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެން ސިފަކުރެއްވުމުން އިންޑިއާ ސަރުކާރު އެކަމާ ވަރަށް ބޮޑަށް ރުޅިއައިސްފިއެވެ.

ލީގެ ވާހަކަފުޅާމެދު ރުޅިއައިސްގެން އިންޑިއާގެ ޕާލަމެންޓުން އެކަން ކުށްވެރިކޮށް ލީ އާ ދެކޮޅަށް ބަޔާނެއް ނެރެފައިވާއިރު އިންޑިއާގެ ޚާރިޖީ ވުޒާރާއިންވަނީ ޑިޕްލޮމެޓިކް ޗެނެލްތައް މެދުވެރިކޮށް ސިންގަޕޫރު ސަރުކާރަށް ރަސްމީކޮށް ޝަކުވާވެސް ހުށަހަޅާފައެވެ.

އިންޑިޔާގެ ޕާލަމެންޓްގެ ތިރިގޭގެ މެންބަރުންގެ ތެރެއިން ދެބައިކުޅަ އެއްބައެއްހާ މީހުންނަކީ ގޭންގްތައް ހަދައިގެން ވައްކަންކުރުމާއި މީހުން މެރުމާއި އަންހެނުން ރޭޕްކުރުންފަދަ ބޮޑެތި ޖިނާއީ ޖަރީމާތައް ހިންގާފައިވާ މުޖްރިމުންކަމަށް ލީ ސިފަކުރެއްވީ ސިންގަޕޫރުގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން ނުލަފާމީހުންނަށް މިސާލު ޖައްސަވަމުންނެވެ. ސިންގަޕޫރުގެ އިދިކޮޅު މެންބަރުން އެކި ކަންކަމުގައި ދޮގާއި މަކަރުހަދާކަމަށް ތުޙްމަތުކުރައްވަމުން ލީ ނުބައި ކަންކަމުގެ މިސާލު ޖެއްސެވީ އިންޑިޔާގެ ޕާލަމެންޓްގެ ތިރިގޭގެ މެންބަރުންނަށެވެ.

ލޮކްސަބްހާގެ ދެބައިކުޅަ އެއްބައެއްހާ މެންބަރުންނަކީ ގޭންގްތައް ހަދައިގެން ވައްކަންކުރުމާއި މީހުން މެރުމާއި އަންހެނުން ރޭޕްކުރުންފަދަ ބޮޑެތި ޖިނާއީ ޖަރީމާތަކުގައި ކުރިން އިންޑިއާގައި ދައުވާ އުފުލާފައިވާ މީހުންކަމަށް ލީ ވިދާޅުވީ މިވާހަކަފުޅުގެ ތެރެއިންނެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރުގެ ވާހަކަފުޅުތަކާ ގުޅިގެން އިންޑިއާއާއި ސިންގަޕޫރުގެ ގުޅުންތަކަށް ބޮޑު ލޮޅުމެއް އަރާފައިވާއިރު އިންޑިއާއިންވަނީ ނިއުދިއްލީގައި ހުންނަވާ ސިންގަޕޫރުގެ ސަފީރު އިންޑިޔާގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް (ސަމަންކޮށް) ރަސްމީކޮށް ސިންގަޕޫރު ސަރުކާރާ ދެކޮޅަށް ޝަކުވާކޮށް ސިންގަޕޫރުގެ ބޮޑުވަޒީރު ލީގެ ވާހަކަފުޅުތައް ބަލައިނުގަނެވޭނެކަން ސިންގަޕޫރުގެ ސަފީރަށް ދަންނަވައި ރުޅިވެރިކަން ފާޅުކޮށްފައެވެ.

ނަމަވެސް އިންޑިއާގެ ޝަކުވާގެ މައްސަލާގައި ސިންގަޕޫރުން މާބޮޑު އަޅާލުމެއް އަޅާލައިފައެއް ނުވެއެވެ. ސިންގަޕޫރަކީ އިންޑިއާ ދަރިކޮޅުގެ މީހުންވެސް ހިމެނޭ ގައުމެކެވެ. މިއީ ސިންގަޕޫރާއި އިންޑިއާ އާ ދެމެދު މިފެންވަރުގައި ނުތަނަވަސްކަން އުފެދުނު ފުރަތަމަ ފަހަރެވެ.

comment ކޮމެންޓް