ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދުވަހަކު ކުރި ނާރާ މިންވަރަށް މިއަދު ކުރި އަރައިފި: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ -- ސަން ފައިލް ފޮޓޯ

ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު، މީގެ ކުރިން ދުވަހަކު ވެސް ކުރި ނާރާ މިންވަރަށް މިއަދު ކުރި އަރައިފި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޅ. މަޑިވަރު އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ނަހުލާ ވިދާޅުވީ، ތަރައްގީ އާއި ތަމައްދުނު ހާސިލު ކުރުމަށްޓަކައި މި ސަރުކާރުން ކާމިޔާބު ކަމާއެކު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތަކަކީ ނުވާކަމެއްގެ ގޮތުގައި ސިފަކުރަން ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް އެކަމަނާ ތުހުމަތުކުރެއްވިއެވެ.

ނަމަވެސް ކޮވިޑްގެ މި ދަތި ހާލަތުގައިވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ދުވަހަކުވެސް ކުރި ނާރާ މިންވަރަށް މިއަދު ކުރިއަރާފައި ވާކަމަށް ނަހުލާ ވިދާޅުވިއެވެ.

"ދަންނަވަންތޯ، ކެމްޕޭން ބޯމަތިވުމުން ރައްޔިތުންގެ ލޮލުގާ އަނދުންއެޅުވުމަށް، ނުނިމި ހުރި އެއާޕޯޓެއްގެ ރަންވޭގެ ފަޅިއެއްގަ، ވެހެމުންދާ ބޯވާރޭގަ ހުންނަވާ، އެއާޕޯޓެއް ހުޅުވާނެ ބޭފުޅެއް ނޫން އަދުގެ ރައީސްއަކީ. އެމަނިކުފާނަކީ ނުނިމި ހުރި އެއާޕޯޓްތައް ނިންމަވައި، އިތުރު އެއާޕޯޓްތައްވެސް ތަރައްގީ ކުރައްވަމުން، މުޅި ރާއްޖެ ދަތުރުފަތުރުގެ ފުރިހަމަ ނިޒާމަކުން ގުޅާލަދެމުން އަންނަ، ކުރިން މި ރާއްޖެ ނުދެކޭ ފަދަ ހިންގުންތެރި، ހިކުމަތްތެރި ރައީސެއް،" ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން، ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، މަރުހޫމް މުޙައްމަދު ޒާހިރު ކުޅިވަރު ކުޅޭ ފަރާތްތަކަށް އާއްމުކޮށް ދެއްވާ ނަސޭހަތުގެ ބަސްކޮޅެއް ނަހުލާ ވަނީ ކިޔައިދެއްވައިފައެވެ.

"ކަމެއް ހަމަ ކުރިއަކަސް ކަމަކު ނުދާނޭ، ކަމަކަށް ވާގޮތަށް ކުރިއްޔާނޫނީ ކަމެއް ކުރިކަމަކަށް ނުވާނޭ،" ނަހުލާ ވިދާޅުވިއެވެ.

ނަހުލާ އިތުރަށް ވިދާޅުވީ މަޑިވަރު އެއާޕޯޓު ހުޅުވުމަކީ ފާދިއްޕޮޅުގެ ރައްޔިތުންނަށް ލިބިގެންދާ އުފަލެއް ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަގުން އުފަން ރަށަށް ދިއުމުގައި ކުރިމަތި ވަމުން ދިޔަ ދަތިތަކަށް މިހާރު ދެމެހެއްޓެނިވި ހައްލެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު، އެ އެއާޕޯޓަކީ ގިނަ ދިވެހިންނަށް ވަޒީފާގެ އިތުރު ފުރުސަތުތަކެއް ފަހިވެ، އެމީހުންގެ ތައުލީމާއި ދުޅަހެޔޮކަމާ ގުޅުވާލަދޭނެ، އިޤްތިޞާދީ ނާރެހެއް ކަމަށް ވެސް ނަހުލާ ވިދާޅުވިއެވެ.

ކުރެއްދޫ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުން ތަރައްގީކޮށްފައިވާ މަޑިވަރު އެއާޕޯޓު ހުޅުއްވައިދެއްވީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙެވެ.

މަޑިވަރު އެއާޕޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ކުރެއްދު ހޯލްޑިންސް އާއި ސަރުކާރާ ދެމެދު ސޮއިކުރީ މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އަދި މިދިޔަ މަހުގެ ތެރޭގައި އެ އެއާޕޯޓު ވަނީ އައިލެންޑް އޭވިއޭޝަނާ ހަވާލުކޮށްފައެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އަންނަ އާދިއްތަ ދުވަހު މަޑިވަރަށް ދަތުރުތައް ފަށާނެކަން އިއުލާންކޮށްފައެވެ. އެ އެއާލައިނުން ދަތުރުތައް ފަށާނެ އަގު ކަމަށް ބުނެފައި ވަނީ ކޮޅަކަށް 1،029 ރުފިޔާއިންނެވެ.

comment ކޮމެންޓް