ފްރުޓް ފްލައިންގެ މައްސަލަ ދިމާވެ ކުޅުދުއްފުށީގެ އަނބުގެ ވިޔަފާރި ހުއްޓުމަކަށް

ފްރުޓް ފްލައިންގް ސަބަބުން ހަލާކުވެފައިވާ އަނބެއް --- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

ހދ. ކުޅުދުއްފުށީ އަނބު ގަސްތަކަށް ފުރުޓް ފްލައިންގެ މައްސަލަ ކުރިމަތިވެ އެ ސިޓީގެ އަނބުގެ ވިޔަފާރި ހުއްޓުމަކަށް އަންނާނެކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ދާއޫދު "ސަން"އަށް ވިދާޅުވީ އެ ރަށުގެ ހުރިހާ އަނބު ގަހަކަށް އެ މައްސަލަ ކުރިމަތިވެފައިވާކަމަށެވެ.

އެ ސިޓީއަކީ ފުޅާ ދާއިރާއެއްގައި އަނބު ހައްދައި އަނބުގެ ވިޔަފާރި ކުރާ ރަށެއްކަމަށް އޭނާ ވިދާޅުވިއެވެ.

"މި ސިޓީގެ ހުރިހާ ގެއެއްކަހަލަ ގޮތަކަށް އަނބު ގަސް ހައްދާފަ ހުރޭ. އަދި މި ރަށަކީ އަނބުގެ ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ ރަށެއް ވެސް މެ،" މުހައްމަދު ދާއޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި އަނބު މޫސުމުގައި އަނބުގެ ވިޔަފާރި އެއްކޮށް ހުއްޓުމަކަށް އައިސްދާނެކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލީގޮތުން އެ ސިޓީގެ ރައްޔިތުންނަށް އަސަރު ކުރާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފްރުޓް ފްލައިންގެ ސަބަބުން ހަލާކުވެފައިވާ އަނބުތަކެއް ދައްކާލަނީ --- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލް

ފްރުޓް ފްލައި ނަމަކަށް ކިޔާ ކުދި ސޫފާ ސޫފިތަކެއް އެ ސިޓީގެ ގަސްތަކުގައި އަޅާ އަނބުތައް ހަލާކު ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

ދާއޫދު ވިދާޅުވީ މިކަން ހައްލުކުރުމަށް މިހާރު ހަނިމާދޫ އެގްރި ސެންޓަރުން ރިސާޗު އޮފިސަރެއް ގެނެސްގެން މަސައްކަތްކުރާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ރަށުގެ ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް މި ކުރިއަށް ގެންދަނީ،" ދާއޫދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ސެޝަންގެ ބައިވެރިންގެ ގޭގޭގައި މިހާރު އެ ސޫފި ކޮންޓްރޯލް ކުރުމުގެ ގޮތުން ދަންތުރަ ހަރުކޮށްފައިވާނެކަމަށެވެ. އަދި މިހާރު ބޭނުންވަނީ އަލަށް އަނބުއަޅާ ގަސްތައް އެ ސޫފިތަކުން ރައްކާތެރި ކުރުންކަމަށް ވެސް ދާއޫދު ވިދާޅުވިއެވެ.

comment ކޮމެންޓް