"އިންޑިއާ އައުޓް" ގޮވާއިރު އައުޓް ކުރަންވީ އެއްޗެއް ނޭނގޭ: އިމްރާން

އޮކްޓޫބަރ 8، 2020: ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފައިލް ފޮޓޯ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރާއްޖޭގައި ހިންގަމުން އަންނަ، "އިންޑިއާ އައުޓް" ކެމްޕެއިނުގައި "އައުޓް" ކުރަން ގޮވަނީ ކޮން އެއްޗެއް ކަން ސާފު ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

'އިންޑިއާ އައުޓް' ކެމްޕެއިނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީން އަންނަނީ މައްސަލަ ބަލަމުންނެވެ. އެ މައްސަލަ 241 ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

އެ ކޮމިޓީގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު އިމްރާން ހާޒިރުކޮށްފައިވާއިރު، އިމްރާން ވިދާޅުވީ މި ސަރުކާރުން ރާއްޖޭގެ މިނިވަން ކަމާއި، އިސްތިގުލާލާއި ރައްޔިތުންގެ ރައްކާތެރިކަމަށް އަސަރުކުރާނެ ފަދަ އެއްވެސް ނުކުރާނެ ކަމަށެވެ.

މަލްޓި ޕާޓީ ސިސްޓަމެއްގެ ތެރެއިން ވެރިކަން ހިނގަމުންދާއިރު، އިދިކޮޅު ޕާޓީތަކުން ސަރުކާރަށް ފާޑުކިޔުމުގެ ފުރުސަތު ދޭން ޖެހޭނެ ކަން ފާހަގަކުރައްވައި، އިމްރާން ވިދާޅުވީ އިދިކޮޅުން އަވައްޓެރި ގައުމުތަކާ ޖެހިގަނެގެން އުޅެނީ ސަރުކާރަށް ފާޑުކިޔައިގެން ކުރިއެރުމެއް ނުލިބޭތީ ކަމަށެވެ.

އިމްރާން އިތުރަށް ވިދާޅުވީ އެ ކެމްޕެއިނުގައި ބައިވެރިވާ މީހުންނަށް، އެ ކެމްޕެއިނުގައި ގޮވާލެވެނީ ކޮން ކަމަކަށް ކަން ސާފުނުވާ ކަމަށެވެ.

"އިންޑިއާ އައުޓް ކިޔާއިރުގައި އޭގެ ތެރެއިން އައުޓް ވާންވީ ކޯއްޗެއް ކަމެއް ނޭނގޭ، ދިވެހިރާއްޖޭގައި ރާއްޖޭގެ ރައްޔިތުންނާ މުޅި ރާއްޖެއާ ގުޅުންހުރި، ބައިވަރު ކަންކަން އިންޑިއާއާއެކު ކުރިއަށް އެބަދޭ،" އިމްރާން ވިދާޅުވިއެވެ.

ރާއްޖެއަށް ގިނަ ހިދުމަތްތައް ކޮށްދޭ އިންޑިއާގެ މަސައްކަތްތެރީން ތިބިކަން ފާހަގަކުރައްވައި އިމްރާން އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި ތިބި އިންޑިއާ ޓީޗަރުންނާއި ޑޮކްޓަރުން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ދާހިލީ ސަލާމަތަށް ނުރައްކާ ހުރި ކަމެއްގެ ގޮތުގައި އިމްރާން ސިފަކުރެއްވިއެވެ.

މީގެ އިތުރުން އިންޑިއާ އައުޓް އެއްވުންތަކުގައި ކުށުގެ ވެށީގައި އުޅޭ ގިނަ ބަޔަކު ބައިވެރިވެ، އެހެން މީހުންގެ ފުރާނައާއި މުދަލަށް ގެއްލުން ވާ ފަދަ ކަންކަން ވެސް ހިނގަމުން އަންނަ ކަމަށް އިމްރާން ވިދާޅުވިއެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން އިންޑިއާއަށް ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް ދާ ދިވެހިންނަށް ވެސް އޭގެ ނުރަނގަޅު އަސަރުކޮށް، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް