އެމްއެމްޕީއާރްސީ ކޮރަޕްޝަން ލިސްޓުގެ 90 ޕަސެންޓަކީ އެމްޑީޕީ އިސްވެރިން: ޑރ. ޖަމީލް

ޑރ. މުހައްމަދު ޖަމީލް އަހްމަދު ޕީޕީއެމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ/ ޕީޕީއެމް

އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި 90 ޕަސެންޓު ތިބީ އެމްޑީޕީގެ އިސްވެރިންކަމަށް ކުރީގެ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ ޗެނަލް 13ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު ލައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ކަމެކޭ އެެމަނިކުފާނު އަމިއްލައަށް ވިދާޅުވިކަމަށެވެ.

އެބުނާ ބުނުމަކީ ހަގީގަތެއްކަން އިނގެނީ އެ ހިޔާނާތުގެ ލިސްޓު އާންމުވެގެން ދިޔުމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެ ލިސްޓުގައި 90 ޕަސެންޓު މީހުންނަކީ އެމްޑީޕީގެ އިސްވެރިންކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުގެ އިސްވެރިންނަކީ އެ ހިޔާނާތުގެ ފައިސާ އެކި މިންވަރަށް ބޭނުންކޮށްފައިވާ މީހުންކަމަށް ޑރ. ޖަމީލު ތުހުމަތު ކުރެއްވެވިއެވެ. މިއަދު ސަރުކާރުގައި ތިއްބެވި ބޭފުޅުން ޕީޕީއެމްއާ ދިމާލަށް ވައްކަން ކުރާ ވާހަކަ ގޮވާއިރު އެބޭފުޅުން ލަދުގަންނަން ޖެހޭނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ޖަމީލް ވިދާޅުވީ އެމްޑީޕީގެ ފަލްސަފާއަކީ ފެށުނީއްސުރެވެސް ވައްކަން ކުރުންކަން އެޕާޓީގެ ދެ ވަރިކަމަށް ބަލާލުމުންވެސް ސާފުވާނެކަމަށެވެ.

"ހަމަ ސާފުކޮށް މި ދަންނަވަނީ އެމްޑީޕީއަކީ ސީދާ ނިޔަތުގައި ވެސް އޮންނަނީ ވައްކަންކުރަން. އަންނަނީ ވައްކަން ކުރަން. ރާވަނީ ވައްކަން ކުރަން. ކުރަނީ ވައްކަން," ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ 2013 ގައި ރައީސް ޔާމީން އެހައި ބޮޑު އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކަންތައް ހިނގައިދިޔަ ގޮތުގެ ސަބަބުން ރައްޔިތުން ދެން އެމްޑީޕީ ވެރިކަމުގައި ތިބެން ބޭނުންނުވެގެންކަމަށެވެ.

އެމްޑީޕީގެ ވެރިކަމަކީ އަބދުވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހިންގާ ވެރިކަމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ރައީސް ނަޝީދުގެ ވެރިކަމުގައި ދިރާގުގެ ހިއްސާ ވިއްކާލައި ދިވެހިރާއްޖޭގެ މައި އެއާޕޯޓު ބޭރުގެ ކުންފުންޏަކަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވިއްކާލިކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން މިއަދުގެ އެމްޑީޕީގެ ވެރިކަމުގައި މި އުޅެނީ އިންޑިއާގެ ޓާޓާ ކުންފުންޏަށް ބަދަލުދީ ނުނިމިގެންކަމަށާއި ނަމަވެސް އެ ކުންފުނިން މި ގައުމުގައި ކުރި ކަމެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ބަދަލުގެ ގޮތުގައި ރިސޯޓު ހަދާނެ ފަޅު ރަށްރަށާއި ބިންތަށް ދިފައިވަނީ ވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ޑރ. ޖަމީލް ތުހުމަތު ކުރެއްވެވިއެވެ.

"މީ ކުޑަ ކުޑަ ގައުމެއް. މި ގައުމުގެ އެންމެ ބޮޑު ރައުސުލްމާލަކީ މި ގައުމުގެ ބިމާއި ފަޅުތަކާ. ރައީސް ނަޝީދުގެ މުޅި ފަލްސަފާގައި މި ދެންނެވި ތަންތަން ނުއަގުގައި މި ތަންތަން ބޭރުގެ ކުންފުނިތަކަށް ދެއްވެވީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

comment ކޮމެންޓް