ރަމަޟާންމަހަށް މާލޭގެ މިސްކިތްތައް މަރާމާތު ކުރަން ފަށައިފި، ސީސީޓީވީ ވެސް ހަރުކުރާނެ

މާލޭގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ރަމަޟާން މަހަށް މާލޭގެ މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު "ސަން"އަށް ވިދާޅުވީ މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތް ނިމޭއިރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ ކަވަރުވާނެ ގޮތަށް ސީސީޓީވީ ހަރުކޮށް އޮޕަރޭޓްކުރާނެކަމަށެވެ.

މޭޔަރު ވިދާޅުވީ ސިޓީ ކައުންސިލުން މާލޭގެ 42 މިސްކިތެއް ބަލަހައްޓާއިރު އޭގެތެރެއިން 32 މިސްކިތެއް ރަމަޟާން މަހަށް މަރާމާތުކުރާނެކެމަށެވެ.

އެ މަސައްކަތްކުރުމަށް ކައުންސިލަށް އެކަށީގެންވާ ބަޖެޓު ސަރުކާރުން ނުދޭކަމަށާއި، އެކަމުގެ ސަބަބުން ފުރިހަމަ މަރާމާތެއް ކުރުމަށް ދަތިވާކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް ކޮންމެ ހާލެއްގައި ވިޔަސް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަކީ ކައުންސިލްގެ އަމާޒުކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރުން މިސްކިތްތަކުގެ މަރާމާތަށް ދިނީ އެންމެ އެއް މިލިއަން ރުފިޔާ. ފިނޭންސްގައި ދަންނަވައި އެހެން ގޮތްގޮތުން ސަރުކާރުގައި ދަންނަވައިގެން އިތުރު އެންމެ ރުފިޔާއެއް ވެސް ނުލިބުނު،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ ސަރުކާރުން ދިން އެއް މިލިއަން ރުފިޔާއިން މަރާމާތުކުރެވޭނީ ބޮޑު އެއް މިސްކިތްކަމަށެވެ. މަރާމާތުގެ މަސައްކަތަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާތީ އެ މަސައްކަތް ކުރަމުން އަންނަނީ ކައުންސިލްގެ އާމްދަނީ ބަޖެޓުން ޚަރަދުކޮށްގެން ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ކުރިން މަލޭގެ މިސްކިތްތަކުގެ ހުރިހާ މަރާމާތެއް ނުކުރެވުނުނަމަވެސް ކޮންމެހެން ބޭނުންވާނެ ހުރިހާ މަރާމާތެއް ކުރާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ރަމަޟާންމަހަށް ފަހު ދެންހުރި މަސައްކަތްތައް ވެސް ނިންމާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް