ނަޝީދަށް ދިން ހަމަލާގެ އިންކުއަރީ ރިޕޯޓުގައިވާ ކަންކަން ތަންފީޒުވާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ: އެ ކޮމިޓީގައި މިއަދު ވަނީ ސިއްރު ސިޓީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241) ކޮމިޓީން އެކުލަވާލި އިންކުއަރީ ރިޕޯޓަށް ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރަމުންދާ މިންވަރު ބެލުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފިއެވެ.

އެކަމާ ގުޅިގެން ސަރުކާރުން ފޮނުވާފައިވާ ސިޓީތަކަކާ ގުޅިގެން މަޝްވަރާކުރުން މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް އެޖެންޑާކުރިއެވެ. އެޖެންޑާގެ އެ ބަޔަށް ދިޔުމާއެކު ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ.

ސަރުކާރުން ފޮނުވާފައި ވަނީ ސިއްރު ސިޓީތަކެއް ކަމަށްވާތީ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅީ އެ ކޮމިޓީގެ ނައިބު މުގައްރިރު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ. އެ ކޮމިޓީގައި އެވަގުތު ތިއްބެވި މެމްބަރުންގެ އިއްތިފާގުން ވަނީ އެ ހުށަހެޅުން ފާސްވެފައެވެ.

ގިނަ ބަޔަކާ މަޝްވަރާކޮށް އެކުލަވާލި އިންކުއަރީ ރިޕޯޓުގައި ގިނަ އިހުމާލުތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދުދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިހުމާލު ބޮޑުކަމަށް ފާހަގަކޮށްފައިވެއެވެ.

އެ އިންކުއަރީތަކުގައި ގިނަ ރިކޮމެންޑޭޝަން ތަކެއް ހިމަނާފައިވެއެވެ. އޭގެތެރޭގައި ސިފައިން ހަތިޔާރާއެކު ރައީސް ނަޝީދުގެ ގެކޮޅު މޮނިޓާ ކުރުމާއި، އިންޓެލިޖެންސް އިދާރާތަކުގެ ފުށުއެރުންތައް ނައްތާލުމަށް ނޭޝަނަލް އިންޓެލިޖެންސާ ބެހޭ ގާނޫނެއް އެކުލަވާލުން ހިމެނެއެވެ.

ހަމައެހެންމެ އެފަދަ ދެވަނަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި ރައީސް ނަޝީދަށް ސެކިއުރިޓީދޭ ޓިމު މެމްބަރުންނަށް އިތުރަށް ތަމްރީނު ދިނުމަށް ވެސް ލަފާދީފައިވެއެވެ.

comment ކޮމެންޓް