ނަރުދަމާ: ގޮންޖެހުންތައް ހުއްޓަސް ޚިދުމަތަށް ބުރޫއެއްނާރާ

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން މާލޭގެ ނަރުދަމާ ނިޒާމުގެ މަސައްކަތެއް ކުރަނީ

މާލޭގައި އެއްވެސް އުސޫލެއް ނެތި އަޅާފައި އޮތް ނަރުދަމާގެ ސަބަބުން ދިމާވަމުން ދިޔަ އުނދަގޫތަކާއި އާންމު ސާފުތާހިރުކަމަށް އެޅެމުން ދިޔަ ހުރަސްތައްނައްތާލަން، 1980ގެ އަހަރުތަކުގެ މެދުތެރޭގައި ޒަމާނީ ފެންވަރުގެ ނަރުދަމާގެ ނިޒާމެއް ޤާއިމްކުރިއެވެ.

އޭރު އެކަން ކުރީ އެމްޑަބްލިޔުއެސްއޭއަށް ނަރުދަމާ ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރާ ގޮތަށެވެ. އެހެންކަމުން އެމްޑަބްލިޔުއެސްސީ އުފެދި، ނަރުދަމާގެ ޚިދުމަތާ ހަވާލުވަންދެން މާލޭގެ ނަރުދަމާގެ ކަންކަން ވެސް ބަލަހައްޓަމުން އައީ، އެމްޑަބްލިޔުއެސްއޭ އިންނެވެ.

މާލޭގެ ފުރަތަމަ ނަރުދަމާ އެޅުމުގެ މަސައްކަތް

މިދިޔަ 25 އަހަރު، އެމްޑަބްލިޔުއެސްސީން އައީ ނަރުދަމާގެ ނިޒާމް، އިތުރުވަމުންދާ މާލޭގެ އާބާދީ އާއި އުސްކޮށް ހަދަމުން އަންނަ ބޮޑެތި އިމާރާތްތަކުގައި ބޭނުންކުރެވޭ ގޮތަށް، އަޕްގްރޭޑްކުރަމުންނެވެ. އެކަމަކު އެކަމުގައި ކުންފުންޏަށް އޮތް ގޮންޖެހުން ބޮޑެވެ.

24 ގަޑިއިރުގެ މޮނިޓަރިންއެއް

އެ ކުންފުނީގެ އެސިސްޓެންޓް ޖެނެރަލް މެނޭޖަރު މުހައްމަދު ފައިސަލް ވިދާޅުވީ 24 ގަޑިއިރު ޑިއުޓީގައި ތިބޭ މީހުން ޕަމްޕު ސްޓޭޝަންތައް ބަލަހައްޓަމުން ގެންދާކަމަށެއެވެ.

"ހުކުރު ދުވަހު ހުކުރު ވަގުތު އެންމެން އެއްފަހަރާ ނަރުދަމާ ނިޒާމް ބޭނުންކުރަމުންދާ ވަގުތުތަކުގައި، އެހެން ދުވަސްތަކުގައި، ސުކޫލާއި އޮފީސް ގަޑީގައި ފާޚާނާ ބޭނުންކުރާ ވަރު އިތުރުވުމުން އަޅުގަނޑުމެން ސަމާލުވާން ޖެހޭ ވަރުވެސް އިތުރުވާނެ. އެކަަމަކު ވަރަށް މަދު ފަހަރެއްގައި ނޫނީ ބޮޑުކަމެއް ދިމައެއް ނުވޭ،" ފައިސަލް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން މާލޭގެ ނަރުދަމާ ނިޒާމުގެ މަސައްކަތެއް ކުރަނީ

މިހާރު އަޅާފައި އޮތް ނަރުދަމާއަށް ވީހާ ދުވަހާއި އަދި އެޅިއިރު ބޭނުންކުރި ހޮޅީގެ ސައިޒަށް ބެލި ނަމަވެސް، މިހާރުގެ އާބާދީއަށް ކަތާވަރެެއް ނޫނެވެ. މައްސަލައެއް ނުޖެހުނަސް، އާބާދީއަށް ފުދޭވަރެއްގެ ނިޒާމަކަށް މިހާރުގެ ނަރުދަމާ ބަދަލުކުރަން އެމްޑަބްލިޔުއެސްސީގެ ވެރިން އަބަދުވެސް ވިސްނުން ގެންގުޅެއެވެ.

ފައިސަލް ވިދާޅުވީ އޭގެ ބައެއް މަސައްކަތްތައް މިހާރު ވެސް ކުރިއަށް ދާކަމަށެވެ. މާލޭ މަގުތައް ހެދުމުގެ މަސައްކަތުގެ ތެރެއިން މިހާރު އަޅާފައިވާ ހޮޅިތައް، ފަލަ ހޮޅިތަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި އިތުރު ޕަމްޕިން ސްޓޭޝަންތައް ވެސް ޤާއިމްކުރާނެއެވެ.

"މިހާރު ވާ ގޮތަކީ މާލޭގައި ނަރުދަމާ ބޭނުންކުރާ ނިސްބަތްް މަތިވީމާ މާލޭގެ މެއިން ލައިނެއް ބްލޮކްވިޔަސް އަޅުގަނޑުމެން ގޮސް ސާފުކޮށްލަން ވަގުތެއް ނޯވޭ. އެކަމަށް އޮތް ހައްލަކީ ހޮޅިތައް ބަދަލުކޮށް، ޕަމްޕް ސްޓޭޝަންގެ ޕަމްޕިން ކެޕޭސިޓީ އިތުރުކުރުން،" ފައިސަލް ވިދާޅުވިއެވެ.

އާންމުން، ވިސްނާލުމެއް ނެތި ނަރުދަމާގެ ނިޒާމް ބޭނުންކުރުމަކީ ވެސް ކުންފުންޏަށް އޮތް ގޮންޖެހުމެކެވެ. ބައެއް ގޭގޭގެ ދިޔަދޮވިތައް ފާޚާނާ ޖަންކްޝަނާ ގުޅާފައި ހުރުމުންނާއި، ފާޚާނާ ތައްޓަށް އަޅަން ނުޖެހޭ އެތައް ބާވަތެއްގެ އެއްޗިހި އެއަށް އަޅާލުމުން ދިމާވާ މައްސަލަތައް ގިނައެވެ.

"ދެން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އަނެއް ކަމަކީ ހުއްދަ ނެތި ވިޔަފާރީގެ އުސޫލުން ހިންގާ ބަދިގެތައް. އެ ބަދިގެތަކުގެ ސަބަަބުންވެސް ނަރުދަމާ ނިޒާމު ރަނގަޅަށް ބަލަހައްޓަން ގޮންޖެހުންތަކެއް އެބަހުރި،" ފައިސަލް ވިދާޅުވިއެވެ.

ތިމާވެއްޓާ ރައްޓެހި ގޮތްތައް

މާލޭގެ ނަރުދަމާ ނިޒާމް ޤާއިމްކުރިއިރު ތިމާވެށީގެ މައްސަލަތަކުގެ އަޑު ރާއްޖޭގައި ވެސް މަޑެވެ. އެހެންކަމުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާއި އާންމު ދިރިއުޅުމާ ގުޅުން ހުރި ކަންކަން ވަކިކޮށް، އެހެން ޙައްލުތަކެއް ހޯދުމުގެ ވިސްނުން ކުޑައެވެ.

އެކަމަކު މިހާރު ތިމާވެށީގެ ހިމާޔަތަށް، އެމްޑަބްލިޔުއެސްސީ ކަހަލަ ކުންފުނިތަކުން ދޭ ސަމާލުކަން ވެސް މި ވަނީ ބޮޑުވެފަ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހުގެ ވިސްނުންފުޅުގައި، މާލޭގެ ނަރުދަމާ ފުރަތަމަ އެޅިއިރު އޮތް އާބާދީއަށް ބަލާ ނަމަ، އެއްވެސް ކަހަލަ ޓްރީޓްމަންޓެއް ނުދީ ހުރިހާ ނަޖިހެއް ބޭރުކުރިޔަސް ތިމާވެއްޓަށް މާ ބޮޑު ގެއްލުމެއް ނުކޮށްފާނެއެވެ.

އެމްޑަބްލިއުއެސްސީގެ މުވައްޒަފުން މާލޭގެ ނަރުދަމާ ނިޒާމުގެ މަސައްކަތެއް ކުރަނީ

އެކަމަކު މިހާރު އެގޮތަށް ބެލެވެން ނެތް ކަމަށް އޭނާ ޤަބޫލުކުރައްވައެވެ. އެއީ، މިދިއަ 30 އަހަރުގެ ތެރޭގައި މާލޭގެ އާބާދީ ތިން ގުނަވެ، ނަޖިސް ބޭރުކުރާ ވަރު ވެސް އެހާ މަތިވުމުންނެވެ.

"މިހާރު އެބަ ބޭރުކުރޭ ދުވާލަކު 35،00 ކިޔުބިކް ލިޓަރުގެ ވޭސްޓް ވޯޓަރ، އެއްވެސް ޓްރީޓެއް ނުކޮށް،" ޝާހު ވިދާޅުވި އެވެ.

އެހެންކަމުން، ތިމާވެއްޓާ ރައްޓެހި އާގޮތްތަކެއް ތައާރަފުކުރުމަށް އެ ކުންފުނިން އަންނަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.

މާލޭގެ ނަރުދަމާގެ ނިޒާމުގެ ހުރިހާ ކަމެއް ބަލަހައްޓަނީ އެމްޑަބްލިއުއެސްސީގައި އެކަމަށް އުފައްދާފައިވާ ވޭސްޓު ވޯޓަރ އެންޑް ނެޓްވޯރކްސް ޑިވިޝަނުންނެވެ. އޭގެ އިތުރުން މާލޭގެ ފެނުގެ ނިޒާމަށް ކުރިމަތިވާ ކޮންމެ ކަމެއް ވެސް ހައްލުކުރަނީ އެ ޑިވިޝަނުގެ މުވައްޒަފުންނެވެ.

އޭގެ ތެރޭގައި ފެނުގެ ގުޅުން ދިނުމާއި ޕްރިވެންޓިވް މެއިންޓަނެންސާއި އެމްޑަބްލިއުއެސްސީގެ 105 ހޮޓްލައިނަށް އަންނަ ކޯލްތަކާ ގުޅިގެން ޓެކްނިކަލް ފަޅިން އެހީތެރިކަން ދިނުމާއި ސްޓޯމް ވޯޓަރ ސިސްޓަމް ބެލެހެއްޓުން ވެސް ހިމެނެއެވެ.

މި ހުރިހާ މަސައްކަތްތަކެއް ވެސް އެ ޑިވިޝަނުގެ މުވައްޒަފުން ކުރަނީ ޝަކުވާއެއް ނެތި، ހިނިތުންވުމާ އެކީއެވެ. އާންމުންނަށް ހިދުމަތްކުރުމުގެ ހިތްހަމަޖެހުމާ އެކީއެވެ.

comment ކޮމެންޓް