'އިންޑިއާ އައުޓް' ކެމްޕެއިނާ ގުޅިގެން ދިރާސާ އެއް ކުރުމަށް 241 ކޮމެޓީން ނިންމައިފި

މަޖިލީހުގެ 241 ކޮމިޓީން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމެޓީން ވަނީ 'އިންޑިއާ އައުޓް' ކެމްޕެއިނާ ގުޅޭ ގޮތުން ދިރާސާއެެއް ކުރުމަށް ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

'އިންޑިއާ އައުޓް' ކެމްޕެއިންގެ ސަބަބުން ކުރިމަތިވާ ކަންތައްތަކުގެ ދިރާސާއެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމެޓީ ނުވަތަ 241 ކޮމެޓީ އިން ނިންމައިފިއެވެ.

އެ މައްސަލަ 241 ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއެވެ.

މިއަދުގެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ, އެ މައްސަލަ ކޮމެޓީއަށް ހުށަހެޅުއްވި ޖުމްލަ ސަބަބަކީ, ރާއްޖެއާ ބައިނަލްއަގުވާމީ ގުޅުން ގާއިމްކޮށްފައިވާ ގައުމުތަކާ އިދިކޮޅަށް އިންތިޒާމްވެގެން ރާއްޖޭގައި ހަރަކާތް ހިންގައިފި ނަމަ އޭގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުމަކީ ކޮބައިތޯ ދެނެގަތުމަށް ކަމަށެވެ.

"ގައުމެއްގެ ސިޔާސީ ޕާޓީއަކަށް ވެސް ފާޑުކިޔިދާނެ. ނުވަތަ ވަކި ޝަހުސިއްޔަތަކަށް ވެސް ފާޑުކިޔިދާނެ. ނަމަވެސް ބައިނަލްއަގުވާމީ ގުޅުން އުފައްދާފައި އޮތް ގައުމަކާ އިދިކޮޅު ހަރަކާތްތަކެއް އިންތިޒާމްވެގެން ރާއްޖޭގައި ހިންގީމާ އެ ގައުމު ދެކޭނެ ގޮތާ އެ ގައުމުން ދިވެހިންނާ ގުޅޭ ގޮތުން އަމަލުކޮށްފާނެ ގޮތަކާ މިކަންކަމާ ގުޅޭ ގޮތުން ކޮމެޓީގެ މަޝްވަރާއެއް އޮތުން ނުވަތަ ދިރާސާއެއް އޮތުމަކީ ބޭނުންތެރިކަމެއް," ރައީސް ނަޝީދު ވިދާޅުވިއެވެ.

އެގޮތުން ދުނިޔޭގެ އެހެން ގައުމުތަކުގައި އެ ބާވަތުގެ ހަރަކާތް ހިންގާތޯ ބެލުމަށް ނަޝީދު އެދިވަޑައިގަތެވެ.

"އަޅުގަނޑަށް ފެނުނު ތަނުގައި މީގެން އަޅުގަނޑުމެންނަށް ލިބިދާނެ ދެރަތަކެއް ވާތީވެ އަޅުގަނޑު ތިބޭފުޅުންގެ ކިބައިން މި އެދުނީ," ރައީސް ނަޝީދު ވިދާޅުވިއެވެ.

ބައްދަލުވުން ފެށުމުގެ ކުރިން ކޮމެޓީ ކުރިއަށް ގެންދާނެ ގޮތަކާ މެދު ވަނީ ވޯޓަކަށް އަހާފައެވެ. ނަމަވެސް އެއްވެސް މެންބަރަކު ކޮމެޓީ ސިއްރުކޮށްގެން ގެންދިއުމަށް ހުށަހަޅާފައި ނުވެއެވެ.

އެ ފަދަ ބައްދަލުވުންތައް ވީހާވެސް ބޮޑަށް ރައްޔިތުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ހުޝާމް އެދިވަޑައިގަތެވެ.

ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫނު ވިދާޅުވީ, އެ ކަމަކީ ގާނޫނު އަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ފުށޫއަރާ ކަމެއް ކަމަށާއި އެހެން ކަމުން އެ މައްސަލަ ބޭރުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ޣައްސާނުގެ ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ ތާއިދު ކުރައްވާފައެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުވިއިއެވެ.

މިހިސާބަށް ކަންތައް ދާން ޖެހުނީ ސަރުކާރުގެ ސަބަބުންކަން ހާމަކޮށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ, އިންޑިއާ އެކު ވެފައިވާ އެއްވެސް އެއްބަސްވުމެއް މި ސަރުކާރުން އާންމުކުރަން ބޭނުން ނުވާ ކަމަށެވެ. 'އިންޑިއާ އައުޓް' ކެމްޕެއިނަކީ އެކަމުގެ ނަތީޖާ ކަން އުޝާމް ފާހަގަކުރެއްވިއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވީ, ރައީސް ނަޝީދު އެދިވަޑައިގަތް ގޮތަށް އެކަމުގެ ސަބަބުން ކޮށްފާނެ އަސަރުގެ ދިރާސާއެއް ކުރުމަށެވެ. އެ ހުށަހެޅުން ވަނީ ފާސްވެފައެވެ.

ފުލުހުންނާ ސިފައިންގެ އިތުރުން ޑިފެންސް މިނިސްޓްރީއާ ހޯމް މިނިސްޓްރީއާ ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީގެ އިތުރުން އިމިގްރޭޝަން އަދި ކަސްޓަމަސްގެ އިސްވެރިން ކޮމެޓީއަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް