މޮރޮކޯގެ ރަޔަން އަށް ފުޓްބޯޅަ ދުނިޔޭގެ ޓްރިބިއުޓެއް!

މޮރޮކޯގައި 100 ފޫޓު ފުން ވަޅަކަށް ވެއްޓިގެން ނިޔާވި އުމުރުން ފަސް އަހަރުގެ ރަޔަން އަށް ފުޓްބޯޅަ ދުނިޔެއިން ލޯބި ބަންޑުންކޮށްލައިފިއެވެ.

މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންނާއި ކްލަބުތަކުން ވަނީ ރަޔަން ނިޔާވުމުން މީސްމީޑިއާގައި ހެޔޮ ދުއާކޮށްފައެވެ.

އެގޮތުން ޕީއެސްޖީއަށް ކުޅޭ މޮރޮކޯގެ އަޝްރަފް ހަކީމީ ވަނީ ރަޔަންގެ ފޮޓޯއެއް އޭނަގެ އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ. އަދި މި ފޮޓޯ އެ ކްލަބުގެ ކުޅުންތެރިޔާ ކީލިއަން އެމްބާއްޕޭ ވަނީ އޭނަގެ އިންސްޓަގްރާމް ސްޓޯރީއަށް ހިއްސާކޮށްފައެވެ.

ޔޫރަޕުގެ މަޝްހޫރު ފުޓްބޯޅަ ކްލަބުތަކުންވެސް ވަނީ ތައުޒިޔާގެ މެސެޖުތައް ހިއްސާކޮށްފައެވެ.

"މުޅި ކްލަބާއި، ކްލަބުގެ ޑިރެކްޓަރުންގެ ބޯޑާއި، ފޭނުންގެ ނަމުގައި މޮރޮކޯގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުވަން،" ސްޕެއިންގެ މަޝްހޫރު ކްލަބް ސެވިއްޔާއިން ޓްވީޓްކުރިއެވެ.

މީގެއިތުރުން ބާސެލޯނާއާއި މެންޗެސްޓާ ޔުނައިޓެޑުންވެސް ވަނީ ހަމްދަރުދީގެ މެސެޖުތައް ޓްވިޓާގައި ހިއްސާކޮށްފައެވެ.

އަރަބި ގައުމުތަކުގެ ފުޓްބޯޅަ ކްލަބުތަކުންވެސް މީޑިއާގައި ޝުއޫރުތައް ފާޅުކޮށްފައިވާއިރު، މިސްރުގެ އެންމެ ބޮޑު ފުޓްބޯޅަ ކްލަބް ކަމަށްވާ ޒަމަލެކް ސްޕޯޓްސް ކްލަބުންވެސް ވަނީ ހަމްދަރުދީގެ މެސެޖެއް ހިއްސާކޮށްފައެވެ.

އުމުރުން ފަސް އަހަރުގެ ރަޔަން ފަސް ދުވަސް ވަންދެން 100 ފޫޓު ފުން ވަޅެއްގެ ތެރޭގައި އޮތްވާ ސަލާމަތްކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ނިޔާވިއެވެ.

ރަޔަން ނިޔާވުމުގެ ހިތާމައިގައި މޮރޮކޯގެ ރަސްގެފާނުވެސް ވަނީ އާއިލާއަށް ފޯނުކުރައްވައި، ތައުޒިޔާ ވިދާޅުވެފައެވެ.

comment ކޮމެންޓް