އެމްޑީޕީއަށް ގޮނޑި ލިބިއްޖެނަމަ މާލޭގެ ކަނޑުގެ ބަނދަރު ބޭރުގެ ފަރާތަކަށް ވިއްކާލާނެ: މަލީހު

ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ --- ފޮޓޯ/ ޕީޕީއެމް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ހުސްވެފައިވާ ގޮނޑި އެމްޑީޕީއަށް ލިބިއްޖެނަމަ މާލޭގެ ކަނޑުގެ މައި ބަނދަރު ބޭރުގެ ފަރާތަކަށް ވިއްކާލަން ނިންމާފައިވާކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްއިން ވާދަކުރާ މޫސާ ފަތުހީ އާދަމަށް ތާއިދު ހޯދަން ރޭ ކޮމަންޑޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ މީގެ ކުރިން އެމްޑީޕީން ވަނީ ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުވެސް ބޭރުގެ ބަޔަކަށް ވިއްކާލާފައި ކަމަށެވެ. އަދި އެ އެއާޕޯޓް އަނބުރާ ދިވެހީންނަށް ހޯދައިދިނީ ޕީޕީއެމްއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މާލޭގެ ކަނޑުގެ މައި ބަނދަރު ވިއްކާލަން ނިންމާފައިވަނީ ދިވެހީންނަށް ދުވަހަކުވެސް ނުލިބޭގޮތަށް ކަމަށެވެ.

ރާއްޖެއަށް އަންނަ ހުރިހާ މުދަލެއް އަންނަނީ އެ ބަނދަރު މެދުވެރިކޮށް ކަމުން ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބިއްޖެނަމަ އެއީ މުޅި ރާއްޖެއަށްވެސް ހުރި ނުރައްކަލެއްކަމަށް މަލީހު ވިދާޅުވިއެވެ.

"މާލޭގެ ބޮޑު ބަނދަރު، މިރަށަށް އަންނަ މުދާ އަންނަނީ މާލޭގެ ބަނދަރު މެދުވެރިކޮށް. ރާއްޖޭގެ ރިސޯޓުތަކަށް އަންނަ މުދާ އަންނަނީ މާލޭގަ އޮންނަ ބޮޑު ބަނދަރު މެދުވެރިކޮށް. މުޅި ރާއްޖެއަށް އަންނަ ހުރިހާ މުދަލެއް މި އަންނަނީ މި ބަނދަރު މެދުވެރިކޮށް. އެ ބަނދަރު ބޭރު ބައެއްގެ އަތްމައްޗަށް ގޮސްފިނަމަ މިހިސާބުން ދެން މި ނިމުނީ،" އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަމަށް އެމްޑީޕީގެ ކެމްޕޭން ޖަލްސާތަކުގައި ދައްކަމުން އަންނަ ވާހަކަތަކަށް މަލީހު ވަނީ ރައްދު ދެއްވާފައެވެ.

އޭނާ ވިދާޅުވީ އެމްޑީޕީން ތަރައްގީގެ ވާހަކަދެއްކުމުން އެކަން ގަބޫލުކުރާނެ ދިވެއްސަކު ރާއްޖޭގައި ނުހުންނާނެކަމަށެވެ. އަދި ތިލަމާލޭ ބްރިޖްގެ މަޝްރޫއު ކުންފުންޏަކާ ހަވާލުކުރި ނަމަވެސް މިއަދާ ހަމައަށްވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ފެބްރުއަރީ މަހަކީ އެމްޑީޕީއަށް "ސިޔާސީ ގަދަ ހަޅަ" އެއް ކަމަށާއި މި އިންތިހާބު ފެބްރުއަރީމަހު ބޭއްވުމަކީ އިދިކޮޅު ޕީޕީއެމްއަށް ރަނގަޅު ފާލެއް ކަމަށްވެސް ކުރީގެ މިނިސްޓަރު ވިދާޅުވިއެވެ.

"ހަތެއް ފެބްރުއަރީގަ އެމްޑީޕީގެ ސަރުކާރު ނިމިގެން ދިޔައީ. އަޅުގަނޑުމެންނަށް ރަނގަޅު ފާލެއް ފެބްރުއަރީ މަހު މި އިންތިހާބު ބޭއްވޭކަމީ. އަޅުގަނޑުމެން އެންމެންގެ ބުރަ މަސައްކަތުން މިފަހަރު އިރާދަކުރެއްވިއްޔާ އެމްޑީޕީގެ މި ވެރިކަން ނިންމާނީ ފަހެއް ފެބްރުއަރީގަ ތިބޭފުޅުން ލައްވާ ވޯޓުން،" އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް