ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ސިޔާސީ ބޭނުމަށް ބޭނުން ކުރުން ބަލައެއް ނުގަނެވޭ: ކުޅުދުއްފުށީ މޭޔަރު

ހދ. ކުޅުދުއްފުށީގައި 'އިންޑިޔާ އައުޓް' ބެނާއެއް ހަރުކުރަނީ -- ފޮޓޯ/ ކުޅުދުއްފުށީ މޭޔަރު

ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ސިޔާސީ ބޭނުމަށް ބޭނުން ކުރުން ބަލައެއް ނުގަނެވޭ ކަމަށް ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިއަށް ގެންދާ 'އިންޑިޔާ އައުޓް' ކެމްޕޭންގެ ދަށުން ކުޅުދުއްފުށީގައި ހަރުކުރި ޕޯސްޓަރެެއްގައި ވަނީ ޝަހީދު ހުސައިން އާދަމްގެ ފޮޓޯ ބޭނުން ކޮށްފައެވެ.

އެކަމާ ގުޅިގެން އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން ދާއިރު، ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވީ ވަކި ގައުމަކާ ދެކޮޅު ހާރިޖީ ސިޔާސަތެއް ގެންގުޅޭ ސިޔާސީ ޕާޓީއަކުން އެކަން ޕްރޮމޯޓް ކުރުމަށް ޝަހީދު ހުސެއިން އާދަމްގެ ފޮޓޯ ބޭނުންކުރުމަކީ ކުޅުދުއްފުށީ ދަރިއެއްގެ ހައިސިއްޔަތުން ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި މިހާރުން މިހާރަށް އެކަން ހުއްޓާލުމަށް މޭޔަރު ގޮވާލެއްވިއެވެ.

"ކުޅުދުއްފުށީ މާވާގޭ ޝަހީދު ހުސައިން އާދަމް އަކީ ދިވެހިރައްޔިތުންނާއި ދިވެހި ގައުމާއި ވަތަނަށް ނަސްރު ހޯއްދަވައިދެއްވުމަށް އެ ބޭކަލެއްގެ މޭ ފުޅު އައްޑަނައަކަށް ހައްދަވައި، އެތައް އުންޑައެއް އަރައި ޝަހީދުވެ ވަޑައިގެންނެވި ޤައުމީ ބަތަލެއް." ނުރުހުން ފާޅު ކުރަމުން އެމްޑީޕީގެ އާތިފް ލިޔުއްވާފައި ވެއެވެ.

މީގެ އިތުރުން އާތިފް ވިދާޅުވީ، ދިވެހި ފަސްގަނޑުގައި ހުސައިން އާދަމްގެ ލޭގެ ކޯރު ދެމިގެން ދިޔައީ ފަހުވެރި އަދި ޝަރަފުވެރި ރީތި ނަމެއް ދިވެހިންނަށާއި ކުޅުދުއްފުށީގެ ރައްޔިތުންނަށް ހޯއްދަވައި ދެއްވުމަށް ފަހުގައި ކަމަށެވެ.

"އިންޑިއާ އައުޓް" ކެމްޕެއިން ސަރުކާރުން ސިފަ ކުރަނީ އަވަށްޓެރި ގައުމަކާ އޮންނަ ގުޅުން ގޯސް ކުރުމަށް، ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެން ކުރައްވާ ކަމެއްގެ ގޮތުގައެވެ.

އިދިކޮޅުން ބުނަނީ އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި އުޅޭ ކަމަށާއި އެއީ ރާއްޖޭގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އެކަމާ ދެކޮޅަށް އާއްމުންގެ ތެރެއިން ވެސް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންދެއެވެ.

comment ކޮމެންޓް